ދުނިޔެ

އިންޑިޔާ ސަރުކާރުން "ގެރި ފިލްމު" މަނާ ކޮށްފި

ނިއުދިއްލީ (ބީބީސީ) - އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި އޮތް ފިލްމު ފެސްޓިވަލެއްގައި ގެރި މަހާބެހޭ ގޮތުން ހަދާފައިވާ ޑޮކިއުމެންޓްރީ ފިލްމެއް އެޅުވުން އެގައުމުގެ ސަރުކާރުން މަނާކޮށްފިއެވެ.

މި ފެސްޓިވަލްގައި އެޅުވުމަށް 35 ފިލްމެއް ހުށަހެޅިފައި ވާއިރު، މިއީ އިންޑިޔާގެ އިންފޮމޭޝަން އެންޑް ބްރޮޑްކާސްޓިން މިނިސްޓްރީން ހުއްދަ ނުލިބުނު ހަމަ އެކަނި ފިލްމެވެ. ފެސްޓިވަލުގެ ޑައިރެކްޓަރު ބުނީ ސަރުކާރުގެ މި ނިންމުމާމެދު ހައިރާންވެ މާޔޫސް ވެފައިވާ ކަމަށެވެ. އަދި މި ފެސްޓިވަލުގައި މިއަށްވުރެ މާ ސީރިއަސް އަދި ދެބަސްވުން އުފެދޭފަދަ މައުލޫ ތަކަށް ހަދާފައިވާ ފިލްމު ދައްކާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

މި ފިލްމު އުފެއްދީ ޓާޓާ އިންސްޓިޓިއުޓް އޮފް ސޯޝަލް ސައިންސަސް ގެ ފަސް ދަރިވަރެކެވެ. ފިލްމު އުފެއްދި ދަރިވަރުން ބުނީ މި ފިލްމުގައި ދައްކުވައިދީފައި ވާނީ އިންޑިޔާގެ އެކި ކާސްޓު ތަކަށް ނިސްބަތްވާ މީހުން ގެރި މަހުގެ އިންޑަސްޓަރީ ގައި ހަރަކާތްތެރިވާ ގޮތް ކަމަށެވެ. އަދި އެމީހުންގެ ދިރިއުޅުމާއި މި އިންޑަސްޓްރީ ގުޅިފައިވާ ގޮތް ކަމަށެވެ. މި ފިލްމު މަނާ ކުރުމުން އެކުދިން ވަނީ މާޔޫސް ވެފައެވެ.

މިނިސްޓްރީން ބުނީ ގެރިމަސް މަނާ ކުރުމުގެ މައްސަލަ މިހާރު ސިޔާސީ މައިދާނުގައި ހޫނުވެފައިވާ މިންވަރަށް ބާލާއިރު، މި ފިލްމަށް ހުއްދަ ދެވެން ނެތް ކަމަށެވެ.

ގެރިމަސް ކާ ކަމަށް ބުނެ ނިމިގެން ދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި އިންޑިޔާގައި ހަތަރު މީހަކު މަރާލާފައި ވެއެވެ. މީގެ ތެރެއިން އެންމެ ސިހުން ގެނުވި އެއް ހާދިސާގައި ހިންދޫއިންގެ ބަޔަކު މުސްލިމް އާއިލާއެއް ދިރިއުޅޭ ގެއަކަށް ވަދެގަނެ އާއިލާގެ ކުރިމަތީގައި ފަހާފޮށްޓަކުން ތަޅައި ފަންސާސް އަހަރުގެ މީހަކު މަރާލިއެވެ.