ލޯބިވެރިޔާ ބޭވަފާތެރިވީކަން އެނގުމުން އެކި މީހުން ކަންތައް ކުރަނީ އެކި ގޮތަށެވެ. ބައެއް މީހުން އަންނަ ރުޅީގައި ލޯބިވެރިޔާއަށް ހަމަލާ ދެއެވެ. ނުވަތަ އޭނާ އެ ގުޅުން ބޭއްވި މީހަކަށް ޖެއްސުން ކުރެ އެވެ. އަނެއްބަޔަކު ހަމަނުޖެހުން ހިންގުމުގެ ބަދަލުގައި ވަރަށް އޮމާންކޮށް ހުރިހާ ކަމެއް ވެސް ކުރަން ބޭނުންވެ އެވެ.
ކޮންމެ ގޮތެއް ވިޔަސް ލޯބިވެރިޔަކު ބޭވަފާތެރިކަން އެނގޭ ވަގުތު އެ މީހެއްގެ ހިތް ކުދިކުދިވާނެތާ އެވެ. އަދި މިފަދަ ކަމަކާ ކުރިމަތިލުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ.
މިހާރު ޓިކްޓޮކްގައި ވައިރަލް ވެގެން އުޅޭ ވީޑިއޯ އަކީ އެމިލީ ނަމަކަށް ކިޔާ އަންހެންކުއްޖަކު އޭނާގެ ލޯބިވެރިޔާ އޭނާއަށް ބޭވަފާތެރިވީކަން އެނގުމުން ކަންތައް ކުރި ގޮތް ކަމަށް ބުނެ އޭނާ ޝެއާ ކުރި ވީޑިއޯ އެކެވެ.
އެމިލީ ވަނީ ލޯބިވެރިޔާ އޭނާއަށް ބޭވަފާތެރިވީކަން ސާބިތުވާ ހެކިތައް ޕްރިންޓްކޮށް ލޯބިވެރިޔާގެ ކޮޓަރީގެ ފާޜުގައި އެ ހުރިހާ ލިޔުންތަކާއި ފޮޓޯތައް ތަތްކޮށްފަ އެވެ.
އެމިލީ ޝެއާ ކުރި ވީޑީއޯގައި އޭނާ ވަނީ ލޯބިވެރިޔާ އާ މެދު ކުރެވުނު ޝައްކުތަކާއި އެތައް ދުވަހެއް ވަންދެން އޭނާއަށް ކުރެވުނު ޝައްކުތައް ހަގީގަތަކަށް ވީގޮތް ކިޔައިދީފަ އެވެ.
އެމިލީގެ ލޯބިވެރިޔާގެ ކުރީގެ ލޯބިވެރިޔާ އެމިލީއަށް ފޯނުން ތަފާތު މެސެޖުތައް ކޮށް އުނދަގޫކުރާތީ އޭނާ ބްލޮކްކުރަން ލޯބިވެރިޔާ އެދުނުކަމަށް އެމިލީ ކިޔައިދިނެވެ. އަދި އެއީ މޮޔަވެގެން އުޅޭ މީހެއް ކަމަށާއި އެމީހުންގެ ގުޅުން ގޯސްކުރަން އުޅެނީ ކަމަށް ލޯބިވެރިޔާ ބުނިކަމަށް ވެސް އެމިލީ ކިޔައިދިނެވެ. އަދި ކުރީގެ ލޯބިވެރިޔާ އުޅެނީ އަލުން އަނބުރާ އެމިލީގެ ލޯބިވެރިޔާ ހޯދަން ކަމަށް އެމިލީ އަށް ފުރަތަމައިނުން ހީވި ކަމަށް ވެސް އެމިލީ ބުންޏެވެ.
ނަމަވެސް އެމިލީ އަށް ޝައްކުވާ އެއް ކަމެއް ލޯބިވެރިޔާގެ ފަރާތުން ފެނުނެވެ. އެއީ ލޯބިވެރިޔާގެ ފޯނާ އެމިލީ ތަންކޮޅެއް ކައިރިވެލިޔަސް އޭނާގެ މޫނަށް ހާސްކަން ވެރިވުމެވެ. އޭގެ އަސްލު ސަބަބު އެމިލީ އަށް އެނގުނީ މާފަހުންނެވެ. އޭނާ އެމިލީއަށް މަކަރު ހަދައި އޮޅުވާލައިގެން ލޯބިވެރިން ގެންގުޅޭކަން ފަޅާ އަރާފާނެތީ ފޯނާ ގާތްވާއިރަށް ހާސްވަނީ އެވެ.
ކޮންމެވެސް ގޮތަކުން އެމިލީ އޭނާގެ ލޯބިވެރިޔާގެ ފޯނުގައިވާ މެސެޖުތަކާއި ފޮޓޯތައް ހޯދައި އެ ތަކެތި ލޯބިވެރިޔާއަށް ވަގަން ޕްރިންޓް ކުރީ އެވެ. އަދި އޭނާ ނެތް ގަޑިއެއްގައި އޭނާގެ ކޮޓަރިއަށް ވަދެ ފާރުތަކުގައި އެ ހުރިހާ އެއްޗެއް ތަތްކުރީ އެވެ.
އެމިލީ ބުނީ ހުރިހާ އެއްޗެހި ސުޕަގްލޫ ލައިގެން ތަތްކުރަން ދެ ގަޑިއެއްހާއިރު ނެގި ކަމަށެވެ. އޭގެ ފަހުން ލޯބިވެރިޔާ އަށް ޓެކްސްޓް މެސެޖެއް ފޮނުވި އެވެ. ސަޕްރައިޒެއް އެބައޮތްކަމަށް ބުނެފަ އެވެ.
ތަޅާ ފޮޅާ އަރާރުން ވުމަށްވުރެ އެމިލީގެ ބަދަލުހިފުން މާ މޮޅު ކަމަށް އޭނާގެ ވީޑިއޯ ބެލި އެތައް މިލިއަން މީހުންނެއްގެ ތެރެއިން ކޮމެންޓުކުރި ގިނަ ބަޔަކު އެއްބަސްވެ އެވެ.