ޓެކްނޯލޮޖީ

ވަންޕްލަސް 9 މިމަހު 23 ގައި، ޗާޖަރާ ވެސްއެކު

ވަންޕްލަސްއިން ބުނީ އެޕަލް އަދި ސެމްސަންގް ކުރާހާ ކަމެއް ކަމުނުދާ ކަމަށެވެ. އެހެންވެ ވިސްނުމަކީ ފޮށި ތެރޭގައި ޗާޖަރެއް ހިމެނުން ކަމަށެވެ. މާނައަކީ ވަންޕްލަސް 9 ގަންނަ ކޮންމެ މީހަކަށް ވެސް އޮރިޖިނަލް ވަންޕްލަަސް ޗާޖަރެއް ލިބޭނެ ކަމެވެ.

ވަންޕްލަސް 9 ނެރެން ހަމަޖައްސާފައި ވަނީ މިމަހު 23 ގަ އެވެ. މިކަމަށްޓަކައި އެކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ. ސަޕޯޓްރުންނަށް މިހިސާބުން އޮތީ ނޭވާ ހިފަހައްޓާލައިގެން ތިބުމެވެ.

ވަންޕްލަސް 9 އާއެކު ފޮށި ތެރޭގައި ކޭބަލް ޗާޖަރެއް އޮންނާނެ އެވެ. ވަންޕްލަސް ކުންފުނީގެ ސިއިއޯ ޕީޓާ ލާއު ވެސް މިކަން ކަށަވަރު ކޮށްދެއްވާފަ އެވެ. ވިދާޅުވީ ވަންޕްލަސް ފޯނުތައް ބޭނުންކުރާ މީހުން ޗާޖަރަކުން ބީވިއަ ނުދެއްވާނެ ކަމަށެވެ.

ވަންޕްލަސް 9 އަށް ޗާޖަރުގެ ދެ މޮޑެލްއެއް އުފައްދާފައިވެ އެވެ. އެއީ 65 ވޮޓްގެ ކޭބަލް ޗާޖަރާއި ވަޔަލެސް 45 ވޮޓް ޗާޖަރެވެ. ވަޔަލެސް ޗާޖަރަކި ފޯނު ބޭނުންކުރާ މީހުންނަށް ފޯނު ޗާޖު ކޮށްލަން ކަންފަސޭހަ ގޮތެއް ނަމަވެސް ފޯނު އަވަހަށް ޗާޖު ކުރެވޭނީ ކޭބަލް ޗާޖަރުންނެވެ.

އެޕަލްއާ ސެމްސަންގުން ފޯނު ފޮށި ތެރޭގައި މިހާރު ޗާޖަރު ނުހިމަނަނީ ތިމާވެއްޓަށް ވެދޭ އެހީތެެރިކަމެއް ކަމަށް ބުނެ އެވެ. އެއީވެސް ތެދެކެވެ. އެހެން ނަމަވެސް ވަކިން ވިއްކަން ޗާޖަރު އުފައްދަ އެވެ.

ގިނަ މީހުންނަށް ހީވެފައި އޮތީ އެޕަލް އަދި ސެމްސަންގުން ފޮށި ތެރޭގައި ޗާޖަރު ނުހިމަނާ ގޮތްހެދުމުން އެމީހުންގެ ފަހަތުން އެހެން ކުންފުނިތައް ވެސް ދުއްވައިގަންނާނެ ކަމަށެވެ. އެކަމަކު މަޝްރަހު އެނބުރެމުން އަންނަނީ އެގޮތަކަށް ނޫނެވެ. ވަންޕްލަސްއިން ބުނީ އެއީ ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ.