ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ވެކްސިންގެ ފުރަތަމަ ޑޯޯޒް އަންނަ ހޯމައިގެ ނިޔަލަށް

މާލެ ސަރަހައްދުގައި ކޮވިޑް-19 އިން ރައްާކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދޭނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރ. އުނގޫފާރު ހޮސްޕިޓަލުގެ އާ އިމާރާތް އެޅުމުގެ ރަސްމިއްޔާތުގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޮވިޑް ބަލި މާލެ ސަރަހައްދުގައި ހަލުވި ކަމާއި އެކު ފެތުރެމުން ދާތީ ބަލިން ރައްކާތެރިވުމަށް އަވަސް ހައްލެއް ލިބޭނީ ދެވަނަ ޑޯޒް ދެވުމުން ކަމަށެވެ.

ބަލި ހަލުވި ކަމާއިއެކު ފެތުރިފައިވާއިރު ފުރަތަމަ ޑޯޒް ދޭން ފެށިތާ ގިނަ ދުވަސްތަކެއް ވެއްޖެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގައި ދެވަނަ ޑޯޒް ދޭން ފައްޓަން ތައްޔާރުވެފައިވާ ކަމަށެވެ. މިމުއްދަތުގެ ތެރޭގައި 18 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ފުރަތަމަ ޑޯޒް ޖަހައި ނިންމާލެވޭނެ ކަމަށާއި ދުވާލަކު 10،000 މީހުންނަށް ވެކްސިން ދިނުމުގެ ގާބިލްކަން ހުރިކަމަށް ވެސް ވިދާޅުވި އެވެ.

މިހާތަނަށް އެންމެ ގިނަ މީހުން ބަލީގައި މަރުވެފައި ވަނީ މާލެ ސަރަހައްދުންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިފަދަ ހިތާމަވެރި ހާދިސާތައް އެހެން ރަށްރަށުގައި ހިނގަން ނޭދޭ ކަމަށެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނީ ފުރަތަމަ ޑޯޒް ޖެހިތާ އަށް ހަފްތާ ވުމުން ކަމަށް މީގެކުރިން އެޗްއީއޯސީން ވަނީ ބުނެފަ އެވެ. ރާއްޖޭގައި މިހާތަނަށް 157،813 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ. މިހާރު 18 އަހަރުން މަތީގެ ހުރިހާ އެންމެންނަށް މާލެ ސަރަހައްދުގައި އަންނަނީ ވެކްސިން ދެމުންނެވެ.

ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، އިތުރު 100،000 ޑޯޒް އިންޑިއާއިން ވަނީ ހަދިޔާކޮށްފައެވެ. އަދި ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ. ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދޭ ނިންމަން އުންމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ޗައިނާ ސަރުކާރުންވެސް ވަނީ ދިވެހިރައްޔިތުންނަށް 200،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ނިންމާ އެކަން އިއުލާނުކޮށްފައެވެ.