މަސްވެރިން

ބޭރުގެ ބޯޓުތައް ދާ އަޅާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ދާ އަޅައިގެން ބޭރުގެ ބޯޓުތައް ރާއްޖޭގައި މަސްވެރިކަން ކުރާތީ އެކަން ހުއްޓުވަން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ކުއްލި މައްސަލައެއް މަޖިލީހަށް ބަލައި ނުގަނެ ބޭރު ކޮށްލައިފި އެވެ.

މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އެ މައްސަލަ ބަލައި ގަންނަން ފެންނަ ކަަމަަށް 10 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދ ނުފެންނަ ކަަމަށް 26 މެމްބަރަކު ވޯޓު ދެއްވި އެވެ.

މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ތޯރިގު ވިދާޅުވީ ދާ އަޅައިގެން މަސްވެރިކަން ކުރާ ބޯޓުތައް މި ދުވަސްވަރު އިންތިހާއަށް އިތުރުވެފައިވެ މަސްވެރިކަމަށް އިންތިހާއަށް އަސަރުކުރުމުންދާ ކަަމަށް މަސްވެރިން ރިޕޯޓްކުރަމުންދާ ކަމަށެވެ. އެހެންކަމުން އެކަމަށް އިތުރަށް ސަމާލުވެ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު އިތުރަށް ބެލެހެއްޓުމަށް މެމްބަރު ވަނީ ގޮވާލައްވައިފަ އެވެ.

މިދިޔަ މަހު ކުރީކޮޅު ނ. އަތޮޅު ބޭރުން މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ބޯޓެއް ރާއްޖޭގެ މަސްވެރިން ހިފަހައްޓައި ސިފައިންނާ ވަނީ ހަވާލުކޮށްފަ އެވެ. ނަމަވެސް އެއްވެސް ފިޔަވަޅެއް ނާޅައި އެ ބޯޓު ދޫކޮށްލައި ފަޅުވެރިންނާމެދު ދައުވާ ނުކުރަން ނިންމާފައިވާކަމަށް ވިދާޅުވެ އެކަން ތޯރިގް ކުށްވެރިކުރެއްވި އެވެ. އަދި އެކަން އެގޮތަށް ކުރުމަށް އެފަދަ ބޯޓުތަކަށް ލިބޭ އިތުރު ފުރުސަތެއްކަން ތޯރިގު ފާހަގަކުރެއްވި އެވެ.