ފްރާންސް އަވަށްތަކަށް ރޭޑިއޯއެކްޓިވް ހިރަފުހާ ހެދި އުނދަގޫ ބޮޑުވެއްޖެ އެވެ. އެސޯސިއޭޝަން ފޯ ކޮންޓްރޯލް އޮފް ރޭޑިއޯއެކްޓިވިޓީ އިން ވެސް ވަނީ މިކަން ކަށަވަރު ކޮށްދީފަ އެވެ. އެ އެސޯސިއޭޝަނުން ބުނީ ހިރަފުހުގައި ރޭޑިއޯއެކްޓިވް އަސަރު ހުރި ކަމަށާއި އިންސާނުންނަށް ގެއްލުން ވާވަރު ނުވާ ކަމަށެވެ.
އަލްޖީރިއާ ސަހަރާއިން ވަޔާއެކު ބުރައިގެން ދާ ހިރަފުހުގައި ރޭޑިއޯ އެކްޓިވް އަސަރު އެކުލެވިފައި ވަނީ ފްރާންސުން ކޮށްފައި ހުރި ނިއުކްލިއާ ޓެސްޓްތަކުގެ ސަބަބުންނެވެ. ސައިންސްވެރިން ސާމްޕަލް ޓެސްޓްކޮށް ބުނީ ރޭޑިއޯއެކްޓިވް އަސަރު ހިރަފުހުގައި ހުރި ކަމަށެވެ. އަދި އާންމު އުނދަގުލަކަށް ޔޫރަޕް ބައެއް ގައުމުތަކަށް މިކަން ވެފައިވާ ކަމަށެވެ.
ފްރާންސުން 60 ގެ އަހަރުތަކުގައި އަލްޖީރިއާގައި ހިންގި އިސްތިއުމާރީ ވެރިކަމުގައި ސަހަރާގައި ވަރަށް ގިނަ ނިއުކްލިއާ ޓެސްޓްކުރި ކަމަށް ތާރީހުން އެނގެ އެވެ. އެެއިރުވެސް ސައިންސްވެރިން ބުނެފައި ވަނީ ޓެސްޓްތަކުގެ ސަބަބުން ނިއުކްލިއާ ގޮނޑަކަށް ސަހަރާ ވާނެ ކަމަށެވެ. އަދި އެހިސާބު ނިއުކްލިއާ މާއްދާތަކުން ކުނިވާނެ ކަމަށެވެ.
ޕްރާންސަށް މިހާރު ތަޖުރިބާކުރަން ޖެހިފައި މިވަނީ އެމީހުން ބަޔަކަށް ދިން އަނިޔާގެ ވޭނެވެ. ތަޖުރިބާކާރުން ބުނާ ގޮތުން މެދުކެނޑުމެއް ނެތި ރޭޑިއޯއެކްޓިވް ހިރަފުސް ބުރަމުން ދާނަމަ ރޭޑިއޯއެކްޓިވް ވިލާގަނޑަކަށް ވެދާނެ ކަމަށެވެ. އަދި އެސިޑް ވާރޭ އުފެދި ގެއްލުންތަކެއް ވެދާނެ ކަމަށެވެ. މިއީ ފްރާންސްއަށް މިހާރު ދިމާވެފައި އޮތް ބިރުވެރިކަމަކަށް ވަނީ ވެފަ އެވެ.