(7 މާރިޗު 2021 އާ ގުޅޭ)
"އަހަރެންގެ އަންހުން އެއީ." ހުސެންގެ ވާހަކަ ފުރިހަމަ ނުވަނީސް އަސްލަން ބުނެލީ ނިކަން އަވަހަށެވެ. ނޯޔާއަށް ދެރަބަހެއް މީހަކު ބުނަން އޭނާ ނޭދޭ ކަހަލަ އެވެ. ދެ އެކުވެރިންނަށް ބަލަން އަސްލަން ހުރީ ކޮޅަށެވެ. ހުސެންއަށްވުރެ ވެސް ބޮޑު ހައިރާން ކަމެއް ފާޅުވީ ލޫނާގެ މޫނުންނެވެ.
"އަހަރެން ނުބުނެގެންތަ ހުރީ؟ އެކަމަކު ހާދަ އަވަހަކޭ ތިކޮށްލީ." އަޖައިބުވެފައި އިނދެ ހުސެންއަށް ބުނެލެވުނެވެ. އަސްލަން ކައިވެންޏަކާމެދު ވިސްނަންވެއްޖެކަމާއި އިންނާނޭ ރަނގަޅު ކުއްޖަކު ވެސް އެބަހުރި ކަމުގެ ހިޔާލު ހުސެން ފާޅުކުރީ ހެނދުނު އޮފީހުން ބައްދަލުކޮށެވެ. އޭނާގެ ގެއަށް އައީ ފަހަރެއްގައި ވެސް އަސްލަން ހުރީ ކައިވެނި ކޮށްގެންކަން އެނގިގެނެއް ނޫނެވެ.
"އަސްލަން!" ގަބޫލު ނުކުރެވިފައި އިން ލޫނާ ގޮވާލި އެވެ.
އެކުވެރިންގެ ކުރިމަތީ އަސްލަން ދައްކާނޭ އުޒުރެއް ނެތެވެ. ހަގީގަތް ހާމަކުރަންވީ ވަގުތުކަންމީ އަސްލަންއަށް ވިސްނެ އެވެ. އެކުވެރިންނާ ކުރިމަތާވާނޭ ގޮތަށް ސޯފާގައި އަސްލަން އިށީނެވެ. ފަރުވާތެރިކަމާއެކު ދެ އެކުވެރިންގެ މޫނަށް ވަކިވަކިން ބަލާލި އެވެ.
"ސިއްރު ކުރާކަށް ނޫން، ކުއްލިއަކަށް ކުރެވުނު ކައިވެންޏެއްވީމަ ނުބުނެވުނީ." އަސްލަން ވާހަކަ ދެއްކި އެވެ. އޭގެ ދެ މީހުން އޭނާ އެ ދައްކާ ވާހަކަ ގަބޫލުކުރަން އަސްލަން އެދޭ ކަހަލައެވެ.
ލޮލުގެ ހިމަކޮޅުން ކަހަލަ ގޮތަކަށް ހުސެން ބަލާލީ ކައިރީގަ އިން ލޫނާއަށެވެ. އެއްފައިމައްޗަށް އަނެއްފައި އަރުވާލައިގެން އުނގުމަތީ އޭނާގެ އަތްދަބަސް ބާއްވާލައި އޭގައި ދެއަތުން ހިފަހައްޓާލި ގޮތަށް ލޫނާ އިނީ ބަސް ހުއްޓިފަ އެވެ. އެ ދެ ލޯ އަސްލަންއަށް ހުއްޓިފައި ހުރިއިރު އެސްފިޔަ ވެސް ޖަހާނުލާ ކަހަލައެވެ. އެއްވެސް ހަރަކާތެއް ނުކޮށް އަސްލަންއަށް ކަޅި ހުއްޓިފަ އެވެ.
"ތީ ދޮގެއް ދޯ." ހަރަކާތެއްނެތި އަސްލަންއަށް ބަލަން އިނދެ ލޫނާ ބުންޏެވެ. އަސްލަން މަޑުމަޑުން ބޯ ހޫރުވާލީ އެވެ.
"ޝީ އިޒް މައި ވައިފް، އިނދެގެން އުޅޭތާ ދެމަސް ވަނީ." އަސްލަން އިތުރަށް ހާމަ ކުރި އެވެ. ލޫނާއަށް ލިބުނު ސިހުމުގައި އަނގަމަތީ ކަނާއަތްތިލަ ޖައްސާލައި ހުޅުވުނު އަނގަ ނިވާކޮށްލި އެވެ. ހިނދުރީގައި ނޭވާ ތާށިވާން އުޅުނު ކަހަލައެވެ.
"މެރީ ނުކުރާނަމޭ އަސްލަން ބުނީމެންނު، ދެން ކީއްވެ؟" ލޫނާގެ އަޑުގައި ވަނީ ޝަކުވާ އެވެ.
ދެއަތް އުރާލައިގެން ހުސެން އިނީ ސޯފާގައި ލެނގިލައިގެން ވިސްނާށެވެ. ލޫނާގެ ސުވާލަށް އަސްލަން ޖަވާބެއް ނުދިނެވެ. އެ ސުވާލަކީ ޚުދު އޭނާ އަމިއްލަ ނަފްސަށް އެތައް ފަހަރަކު އެތައް ގޮތަކަށް ކުރި ސުވާލެކެވެ. ނޯޔާއަކީ މިހާރު އޭނާގެ އަނބިމީހާ އެވެ. އެގޮތުގައި އެކަން އޮންނަން އަސްލަން މިހާރު ބޭނުމެވެ. އޭނާގެ ދިރިއުޅުން ދަތިވެފައި ވަނިކޮށް ނޯޔާގެ ސަބަބުން އެ ދިރިއުޅުން ފަސޭހަ ވެގެން ހިނގައްޖެ އެވެ. އެއީ ކިޔަމަންތެރި އަނތްބެއްކަން އަސްލަންއަށް ޔަގީން ވެއެވެ. އެއްވެސް މީހަކު އެ އަނބިމީހާގެ ގަދަރަށް އުނި ކަމެއް ލިބޭނޭ ކަމެއް ކުރާތީ ފެނިއްޖެނަމަ އަސްލަންގެ ޟަމީރު ހިމޭނަކުން ނުހުންނާނެ އެވެ. އޭނާއާއި ނޯޔާއާ ގުޅިފައިވާ ދާއިރާގެ ތެރެއަށް ބަސް ކިޔާނޭ މީހަކީ ޚުދު އަސްލަން އެވެ. އެ ހިސާބަށް ނުފޫޒު ފޯރުވޭނޭ ހަމަ އެކަކުވެސް ނުހުންނާނޭ އަސްލަން ގަބޫލު ކުރެ އެވެ.
"މިހެން ވެގެންތަ އަހަރެމެން ގެއަށް އަންނަން އެއްބަސް ނުވަނީ؟ އަސްލަން އިނދެގެން އުޅޭ މީހާ ބައްދަލުވެދާނެތީތަ؟" ލޫނާ އިނީ ނުރުހިފަ އެވެ. އެކަމަށް އޭނާގެ އަޑު ހެކި ދެއެވެ. ދެން ވެސް އަސްލަން ވަކި އެއްޗެއް ނުބުންޏެވެ. ކައިވެންޏާއި ނޯޔާއާ ބެހޭ ގޮތުން ތަފްސީލުކޮށް ވާހަކަ ދައްކަން އަސްލަން ބޭނުން ނުވަނީ އެވެ. އެ މައުލޫމާތަކީ އެމީހުންނަށް އެނގުން މުހިންމު އެއްޗެއް ކަމުގައި އަސްލަން ނުދެކެވެ.
"ސޮރީ... މިވަގުތު އަހަރެން ދަނީ." ލޫނާ ސޯފާއިން ތެދުވި އެވެ. އޭނާ ހުއްޓުވާ ނުދާށޭ ބުނެ، އިތުރަށް ކަންކަން އަސްލަން އޮޅުންފިލުވާ ދޭނެ ނަމައޭ ލޫނާގެ ހިތުގައި ވިއެވެ. ނަމަވެސް އޭނާގެ އުންމީދުތައް ހާސިލެއް ނުވި އެވެ. ދޮރާ ހަމައަށް ދިއުމުގެ ކުރީން ލޫނާ ފަސް އެނބުރި ބަލާލި އެވެ. ހުސެންއަށް ގޮވާލި އެވެ. އޭނާ ނާންނާނަންތޯ އަހާލާ ފަދައަކުންނެވެ.
"އަހަރެން އަދި މަޑުކޮށްލަން ބޭނުން." ހުސެން ބުނެލި އެވެ. ލޫނާ ހަލުއި ފިޔަވަޅުގައި އެމީހުންނަށް ފުރަގަސްދީ އެޕާޓްމެންޓުން ނުކުމެއްޖެ އެވެ.
"އެމަންޖެ މާ ބޮޑަށް ކަމުދިޔައީތަ؟" ހުސެން އަހާލި އެވެ. އަސްލަން ދޫކޮށްލީ ފިނި ނޭވާއެކެވެ. ދެއަތުން އިސްތަށިގަނޑުގައި އަތްފުނާ އަޅާލިއެވެ. ލޫނާ ނެތުމުން އަސްލަން ކުރިއަށްވުރެ ހަމަޖެހިއްޖެހެން ފެނެ އެވެ.
"މަންމަގެ ޗޮއިޒް، އެކަމަކު އަހަރެންގެ އިޚްތިޔާރު ވެސް އޮތް، މީހަކާ ނީނދެ ނެތް ކުރިއަށް ދެވޭކަށް." އަސްލަން ތެދު ބަހުން ވާހަކަ ދެއްކި އެވެ.
"މިއަދު ހެނދުނު އެ ވާހަކަތައް ދެއްކިއިރު އަސްލަން ކީއްވެ އެއްޗެކޭ ނުބުނީ؟ ލޫނާއަށް ފުރުސަތު ދެވެން ނެތީމަތަ އޭނާ ފްރެންޑް ޒޯން ކުރީ." ހުސެން ސުވާލު ކުރިއެވެ.
"ފަހުންނޭ ބުނާނީ ހިތަށް އަރާފަ ނުބުނެވިފަ." އަސްލަން ބުންޏެވެ.
"ކިހިނެއްވަނީ އެމަންޖެ؟" ހުސެން އަހާލީ ހިނި އައިސްފަ އިނދެ އެވެ. އަސްލަން ހަމައެކަނި ބަދަލުކޮށްލީ ހިނިތުންވުމެކެވެ. އެ ހިނިތުންވުން ހުސެން މާނަ ކުރާނޭ ގޮތަކަށް މާނަކުރަން އޭނާ ދޫކޮށްލީ ކަހަލައެވެ.
ހުސެންއާ ދެމެދު އޮތީ ޒަމާންވީ އެކުވެރިކަމަކަށްވާއިރު އޭނާގެ ހުންނަ ސަމާސާ މިޒާޖާ ވާހަ ކަދެއްކުގައި ގެންގުޅޭ ބަހުރުވަ އަސްލަންއަށް ރަނގަޅަށް އެނގެ އެވެ. އޭނާގެ ސުވާލުތައް ގިނަވާނޭކަން ވެސް އެނގެ އެވެ. އެވަރު އަސްލަން އިނީ ވިސްނައިގެންނެވެ. ދެމަފިރިންގެ ދެމެދުގައި ސިއްރު ކުރަން ޖެހޭ އެއްވެސް ކަމެއްގެ ވާހަކަ އެކުވެރިޔާއާ ހިއްސާ ނުކުރަން އަސްލަން އިނީ ސަމާލުވެއެވެ. ޖަވާބު ދެވޭނެހެން ހީވާ ސުވާލަކަށްވިއްޔާ އަސްލަން ޖަވާބު ދެ އެވެ. ނޫނީ އޭނާ ޚިޔާރު ކުރަނީ ލުއި ހިނިތުންވުމަކާއެކު ހިމޭންކަމެވެ. އަސްލަންއަށް ހުސެން އެނގޭ ފަދައިން ހުސެންއަށް ވެސް އަސްލަންގެ އެ ސިފަތައް ދެނެގަންނަން އެނގެއެވެ.
"އެމަޖެންސީ ޗުއްޓީ ނެގީ މެރީކު ރަން ދޯ." ހުސެން އަހާލި އެވެ.
"ޗުއްޓީ ނެގީ ކުދީންގެ ސަބަބުން، މަންމަ އަހަރެން އިންނަން ކުއްޖަކު ހޯދާ ކަމެއް ނުވެސް އެނގޭ... ހޯދިއިރު އެ ހޯދީ ވެސް އަހަރެން ހީނުކުރާ ކުއްޖަކު، އެހާ ގާތް ކުއްޖަކާ އިނުމުގެ ވިސްނުމެއް ނެތް، އެކަމަކު މިކަން ވެސް މިއޮތީ ވެފައެއްނު..."
"މަ ނަމަވެސް އެމަންޖެ ދޫކޮށެއް ނުލާނަން." ހުސެން ޖަހާލި ހިނިގަނޑު ބާރެވެ. އަސްލަންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ. ހުސެން އެހެން އެބުނީ ކީއްވެކަން އަސްލަންއަށް އެނގެ އެވެ. އޭނާ ވެސް ނޯޔާގެ ރީތި ކަމާމެދު ދެބަހެއް ނުވެއެވެ. ޖެހިލުންވާން ޖެހެނީ އެހެން ވެއެވެ. ހަންހާރަވެތި އިހްސާސްތަކާ ނުލާ ޖިސްމުގެ ގޮވާލުމަށް އިޖާބަދޭން އަސްލަން ބިރުގަންނަނީ އެވެ. އެއީ އޭނާގެ ހަލާލު އަނބިމީހާ ކަމަށް ވިޔަސް އެވެ. އޭނާއަށް ޤަބޫލު ކުރެވެނީ އެ ބީހުމުން އުފަލާއި ހިތްހަމަޖެހުން ލިބުނެއް ކަމަކު އެއީ ނޯޔާއަށް ދެވޭނެ އަނިޔާއެއް ކަމެވެ. އޭނާގެ ފުށުން ނޯޔާ ކުރާ އުންމީދުތައް އިތުރުވާނެ އެވެ. އެ އުންމީދުތައް ފުރިހަމަކޮށް ނުދެވިއްޖެނަމަ އެ އަންހެންކުއްޖާގެ ހިތަށް ތަކުލީފުތަކެއް ލިބޭނެ އެވެ. ގަސްދަކާނުލާ ވިޔަސް އަސްލަންއަށް އޭރުން ނޯޔާގެ ހިތުގައި އޮންނާނީ ޖެއްސިފައެވެ. މިހާރު އޮތް ސުލްހަވެރިކަން އޭރުން ނޯންނާނޭ އަސްލަންއަށް ވިސްނެނީ އެވެ. ހަމައެއާއެކު އެނގިހުރެ ނޯޔާ ހިތުގައި ޖެހޭފަދަ ކަމެއް އޭނާ ނުކުރާނެއެވެ.
"ސައިބޯންވީނު" އަސްލަން ކާމޭޒާ ދިމާއަށް ބަލާލައި ބުނެލި އެވެ. އަދި އޭނާ ތެދުވެގެން އައިސް ކާމޭޒުމަތީ މަތިޖަހާފައި ހުރި ތަށިތައް ބަލަން ފެށިއެވެ. ސައިބޯން ނޯޔާ ބުނިކަން އަސްލަން ހަނދާން ހުއްޓެވެ. އެހެންވިޔަސް އޭނާ އޮފީހުން އައިގޮތަށް ކޮޓަރިއަށް ވަނީ އެވެ. ނުކާނަމޭ ބުނެ ނިދާލަންކަން ބޭނުންވަނީ އަސްލަން ބުނެފަ އެވެ.
"އަނބިމީހާގެ އަތުން ތައްޔާރުކުރި އެއްޗެހިތަ؟" ހުސެން ވެސް ތެދުވެގެން އައެވެ.
"ހަވީރު ކޮންމެވެސް އެއްޗެއް ނޯޔާ ތައްޔާރުކުރާނެ... ކުދީން ބޭނުންވާނެ ސައިބޯން." އަސްލަން ބުންޏެވެ.
"ފިސާރި ގެވެހި އަނތްބެއްތާ، ހުރިހާ ކަމެއްގަ ހަމަ އެހާ ކުޅަދާނަތަ؟" ހުސެން ބުންޏެވެ.
"ސައިތަ؟" އަސްލަން ހޫނުފެން ކައްކަން ޖައްސާލަމުން އަހާލި އެވެ. އޭރު ހުސެން ކާމޭޒު ކައިރީ އިށީނދެއްޖެ އެވެ.
"އާން! ސައިގެނޭ... އެކަމަކު އަސްލަން ބައިވެރިވަންޏާ އަހަރެން ސައިބޯނީ." ހުސެން ބުންޏެވެ.
"ބަޔަކާ ހެދި އަހަރެންގެ ނިދި ހަރާބުވެއްޖެ، ބަނޑުހައި ވެސް ވެއްޖެ." ހުސެންނާ ހެދިއޭ ބުނާ ކަހަލަ ގޮތަކަށް އަސްލަން ބުނެލި އެވެ.
ނޯޔާ އެއްޗެހި ބަހައްޓާފައި ހުންނަ ތަރުތީބު ކަމުގެ ސަބަބުން ސައިފަތް ޕެކެޓުތައް އެޅި ދަޅު ހޯދާކަށް އުނދަގުލެއް ނުވިއެވެ. ދެ ސައި ޖޯޑު ހިފައިގެން އައިސް ކާ މޭޒުދޮށުގައި އަސްލަން އިށީނެވެ. އެއްތަށީގައި ހުރި ބަޓާ ކޭކު ފެނި އަސްލަން ހަދާންވީ އޮފީހުން ގެއަށް އައުމާއެކު ގޭތެރޭގައި ހަރުލާފައި ހުރީ އެ ކޭކުގެ ވަސް ކަމެވެ. މަލްސާ ކޭކުގެ ވާހަކަ ދައްކަން އަވަސްވެލުމުން ވެސް އޭނާ އެއަޑު ނޭހީއެވެ. ކޮޓަރިއަށް ވަންނަން ބޭނުންވެފައި ހުރިވަރުންނެވެ. އެކަމަކު އެއީ ގަސްދުގައި އޭނާއަށް ކުރެވުނު ކަމެއް ނޫނެވެ. މަލްސާއަކީ އަނގަގަދަ ކުއްޖަކަށްވުމުން ބައެއް ފަހަރު އެކުއްޖާ ދައްކާވާކަ އަޑުއަހާނޭ ކެތްތެރިކަމެއް ނުހުންނަނީއެވެ. އޭނާ ބައްޕައަށްވާއިރު ނޯޔާ އެކަމާ ކުރިމަތިލަނީ ކިހިނެއްބާއޭ އަސްލަން ހިތަށް އަރައެވެ. މަލްސާ ކޮންމެ ވާހަކައެއް ދެއްކިޔަސް ނޯޔާ އަޑުއަހާތީ ފެނެއެވެ. އެކުއްޖާއަށް ޖަވާބު ވެސް ދެއެވެ.
"ކޮންކަމަކާ ތި ވިސްނަނީ؟" އެއްބައި ކާލި ކޭކުކޮޅަށް ބަލަން އަސްލަން އިނުމުން ހުސެން އަހާލި އެވެ.
"މަށަށް އެނގޭ ހުސެންއަށް އެނގިއްޖެއްޔާ ސެކްޝަން އެންމެނަށް އެނގޭނެކަން... އެމީހުން މަގޭ ބޮލަށް އަރާނެކަން އެނގޭ." ސިކުނޑީގައިވީ އޭނާގެ ކުޑަކުޑަ ޢާއިލާގެ ޚިޔާލުތައް ވިޔަސް އަސްލަން ދެއްކީ މުޅިން އެހެން ވާހަކަ އެކެވެ.
"އެހެންނޭ އެކަންވާން ޖެހޭނީ، އަދި އަމުދުން އަންގާނުލާ ކުރީމަ އޭގެ ބަދަލު އަންނާނެ، ކުޑަމިނުން މަގޭ ކައިރީ ވެސް ބުނެނުލި." ހުސެން ބުނެލިއެވެ.
ސައިބޮއެ ނިމިގެން ވެސް ދެ ޒުވާނުން ތިބީ ކާ މޭޒުދޮށުގަ އެވެ. ނޯޔާއާ ބައްދަލުކޮށްދީ ތައާރަފް ދޭނީ ކޮންއިރަކުންތޯ ހުސެން ސުވާލު ކުރި އެވެ. އަދި އެމީހުން އައުމުން ކުދީންނާއެކު ނޯޔާ ފޮނުވާލީ ކޮންތާކަށްތޯ ވެސް އެއްސެވެ.
"އޭނަ މަންމަމެންގެއަށް އެ ދިޔައީ، އެހެން ފަހަރަކުން ބައްދަލު ކޮށްދޭނަން... މިގެއަށް ތިގޮތަށް އައުން އާންމު ނުކުރައްޗޭ، އަހަރެން އެކަންޏެއް ނޫން މިހާރު އުޅެނީ." އަސްލަން ބުންޏެވެ. މައިރާ ހުރިއިރު ވެސް ހުސެން އެގެއަށް އަންނަވަރު މަދެއް ނޫނެވެ. އެކަމަކު މިހާރު އެއަށްވުރެ ވެސް ގިނަވާނޭ އަސްލަންއަށް ހީވަނީ އެވެ. ނޯޔާއާ ވާހަކަދައްކަން ހުސެން ހުރި ޝައުގެއްގެ ބޮޑު ކަމުންނެވެ. އެ ޚިޔާލާ އަސްލަންއަށް ގަޔާވެވޭ ގޮތް ނުވަނީއެވެ. ކުރިން އެކަހަލަ ބަޔާންކުރަން ނޭނގޭ ފަދަ އުނދަގޫތަކެއް ނުކުރެވެއެވެ. އިތުބާރު ނުކުރެވޭ މީހަކާ އަސްލަން ގުޅުން ބަދަހި ނުކުރާނެއެވެ. އެހެންވިޔަސް ނޯޔާއާ އެހެން ފިރިހެނުން ވާހަކަދެއްކުމުގެ ޚިޔާލު އަސްލަންއަށް ކަމުނުދަނީއެވެ. ކީއްވެކަން ވިސްނައިގަންނަން އޭނާގެ ބުއްދި ނުކުޅެދުނެވެ.
"މިސްކިތައްތަ ދެން ދާނީ." އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި އަސްލަން އަހާލި އެވެ. ހުސެން ހޫން ލައްވާލުމުން އަސްލަން ވެސް ދާނަންތޯ އަހާލިއެވެ.
"ހިނގާ ނުކުންނަމާ، އެހިސާބަށް ދެވޭއިރު ބަންގި ގޮވާނެ." އަސްލަން ތެދުވި އެވެ. އެ ދެމެދުގައި ވަރަށް ވާހަކަ ދެއްކިއްޖެ އެވެ. އަސްލަން އަލުން ކައިވެންޏެއް ކުރުމަކީ ރަނގަޅު ނިންމުމެއްކަމުގައި ހުސެން ޤަބޫލު ކުރެއެވެ. ފެންނަ ފެނުމަށް ނޯޔާގެ އުނިކަމެއް ނެތެވެ. ގޭތެރެއިން އެ އަންހެންކުއްޖާ ފެނުނީ ކުޑަވަގުތުކޮޅަކަށް ވިޔަސް ކުދީންނާ ނޯޔާ ގުޅޭކަން ހުސެންއަށް ފާހަގަވި އެވެ. އަސްލަން ފާޅު ނުކުރިޔަސް ކައިވެންޏާމެދު އޭނާ ރުހޭކަން ހުސެންއަށް ދެނެގަންނަން ދައްޗެއް ނުވިއެވެ. މައިރާއާއެކު ދުށް އަސްލަން ބަދަލުވަމުން ދާކަން ހުސެންއަށް އެނގެނީ އަސްލަންގެ ކުރީގެ ދިރިއުޅުން ވެސް ފެނިފަ ހުރީމައެވެ.
އެޕާޓްމެންޓުގެ ދޮރު ހުޅުވާލައި ކުރިއަށް ނުކުތީ ހުސެންނެވެ. އޭނާ ހިނިގަނޑެއް ޖަހާލީ އަމިއްލަ ޚިޔާލުތަކުގެ ސަބަބުންނެވެ. ހުޅުވުނު ލިފްޓުގެ އަޑު ނީވުނީ އޭނާއަށް ނުކުމެވުނީ އެ ލިފްޓު ހުޅުވުނު ފަހުން ކަމަށްވީމައެވެ. ނޯޔާ ފެންނަންވީއިރު ހުސެންގެ ދުލުން ބަސްތައް ބޭރުވެ ނިމިއްޖެއެވެ.
"މައިރާއަށްވުރެ ކަމުގޮސްފި ދޯ." ހުސެންއަށް ވިސްނުނު އެއްޗެއް ބުނެލެވުނެވެ. އެ ސުވާލަށް ޖަވާބު ނުދޭށޭ ބުނާ ފަދައަކުން ހުސެންއަށް އަތް ހިލާލެވުނީ އަޑުއިވޭ ހިސާބުގައި ނޯޔާ ހުރިތަން ފެނިގެންނެވެ. ނަމަވެސް އެތެރެއިން ނުކުމެ ނުކުމެ ހުރި އަސްލަން ޖަވާބު ދިނީ ނުހަނު އަވަހަށެވެ.
"ނޯޔާއަކީ މައިރާއެއް ނޫން... ދެމީހުން އެއްވަރެއް ނުވާނެ." ހުސެން ބުނި އެއްޗަކާ މެދު އަސްލަން ގަޔާ ނުވެ ބުނެލި އެވެ. އޭރު އަސްލަންއަށް ވެސް ކުދީން ގޮވައިގެން ވަންނަން އައިސް ހުރި ނޯޔާ ފެނިއްޖެ އެވެ. ނޯޔާ އިސްޖަހާލި ގޮތަށް އިސްއުފުލާ ނުލިއެވެ.
"ނޯ..ޔާ..." އަސްލަންގެ ހިތް އެ ނަން ކިޔާލީ ލިބުނު ސިހުމުންނެވެ. ހުސެން ޖެއްސި ވައްތަރު ފަހުމްވީ ދެނެއެވެ. އޭނާ އަންގަން ބޭނުންވީ އެތަނުގައި ނޯޔާ ހުރިކަމެވެ.
ހުސެން އެއްފަރާތްވެލުމާއެކު އަސްލަން ވެސް ދުރަށް ޖެހިލީ އެވެ. އެ ދެމީހުން ކުރެ މީހަކަށް ބަލާލުމެއް ނެތި ނޯޔާ ގޭތެރެއަށް ވަނީ އެވެ. އެ ދެމީހުންގެ އަޑު ސާފުކޮށް ނޯޔާއަށް އިވުނެވެ. އަސްލަން ދޮރުން ވަދެ ބަލާލި ނަމަވެސް ނޯޔާ ގޮސް ވަނީ ކުދީންގެ ކޮޓަރިއަށެވެ. އޭނާގެ ފަހަތުން ސާރާއާއި މަލްސާ އެ ކޮޓަރިއަށް ވަނެވެ.
ވަގުތުކޮޅަކަށް ހުއްޓުން އަރާފައި ނޯޔާއަށް ހުރެވުނެވެ. އަނުމް އުރާލައިގެނެވެ. މޭގައި މަޑު ރިހުމެއް އުފެދިއްޖެކަމުގެ އިހްސާސް ކުރެވުނެވެ. އޭނާ ދެރަވީ އެވެ. ފާޚާނާއިން އަތްފައި ދޮވެގެން ނުކުތް ދެބެންނަށް ނޯޔާގެ ނަޒަރު ދަތުރު ކޮށްލިއެވެ. އެނދުގައި އިށީނދެލި ގޮތަށް ސާރާގެ ނަޒަރު ނޯޔާއަށް ހުއްޓުނެވެ. އެ މައުސޫމް ދެ ލޮލުން ނޯޔާއަށް ވެފައި ހުރި ގޮތެއް ދެނެގަންނަން މަސައްކަތް ކުރާ ކަހަލައެވެ. ކުދީންނާ ވާހަކަ ދައްކަން ބޭނުންވިޔަސް ނޯޔާގެ ދޫ ހަރަކާތެއް ނުކުރިއެވެ.
"މަލް ހެދުން ބާލަނީ." ނޯޔާއަށް ބަލާލަމުން މަލްސާ އުނދަގޫ ވެގެން އުޅޭހެން ބުނެލި އެވެ. ގެއަށް ވަދެވުމާ ޓީޝާޓުކޮޅަކާއި ސޯޓުކޮޅެއް ނޫނީ ޓައިޓުކޮޅެއްގައި އުޅޭ މަލްސާއަށް ހަވީރީ ހެދުމެއް ލައިގެން ގިނައިރަކު ނުހުރެވޭނެ އެވެ. އެކުއްޖާގެ އެދުމަށް ނޯޔާ ހަމައެކަނި ބޯޖަހާލީއެވެ. ސާރާ ތެދުވީ އެވަގުތެވެ. ހެދުމުގައި ހިފާ ދަމާތަން ފެނި ކޮއްކޮގެ ހެދުން ބަދަލު ކުރަން އެކުއްޖާ އެހީވި އެވެ. ފިނިނޭވާއަކުން ހަށިފުރާލުމާއެކު ނޯޔާ އެކޮޓަރިން ނުކުތީ އެވެ.
"ކީއްވެ އެހެން ބުނީ؟ އަހަރެންމީ އެއްވެސް މީހެއް ނޫންތަ؟ އެކަމަކު އަސްލަންގެ ކުރިމަތީ ހުރީ އަހަރެން... މި ކުދީންނަކީ އަހަރެންގެ ދަރީންނަށް ހަދައިގެން ހުރިހާކަމެއް މިކޮށްދެނީ އަހަރެން... އެއްވަރެއް ނުވާނޭ އެބުނީ... އަސްލަން ދުވަހަކު ވެސް އަހަރެން ބަލައި ނުގަންނާނެތަ؟ އަހަރެން މިހެން އުޅުމުން އަސްލަންއަށް ހީވަނީތަ މައިރާއާ އެއްވަރުވާށޭ އަހަރެން ބޭނުމީ..." މަޑު ހިނގުމުގައި ނޯޔާ އައިސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އެނދުމަތީ ހުރި ބާލީސްތަކުގެ ތެރޭ އަނުމް ބޭންދުމަށް ފަހު ނޯޔާ ބުރުގާ ބާލަން ފެށި އެވެ. ޚިޔާލުތަކަށް ގެއްލިފައި ހުރެއެވެ. ވިސްނި ވަރަކަށް އޭނާއަށް އަސްލަން ބުނި އެއްޗަކާމެދު ގަޔާނުވެވުނެވެ. ދެރަވި ހިތަށް އުނދަގޫވަނީއެވެ.
"ދެމެދުގައި ލޯތްބެއް ނެތްކަމާއި މީ މަޖުބޫރު ދިރިއުޅުމެއްކަން ވެސް އަސްލަން ބުނީތަ؟ އެއީ އަސްލަންގެ ބެސްޓްފްރެންޑް ކަންނޭނގެ، އެކަމަކު އޭނާއަށް ހުރިހާ ވާހަކައެއް ކިޔާދިނީތަ؟" އަލަމާރީގައި ހުރި ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން ހުރެ ނޯޔާގެ ހިތާ ސުވާލުކޮށްލެވުނެވެ.
* * * * *
މަޣުރިބު ނަމާދުން ފައިބައިގެން އަސްލަން ގެއަށް އައިއިރު ކާ މޭޒުމަތިން އޭނާއާއި ހުސެން ސައިބުއި ތަށިތައް ނަގާ ސާފުކޮށްފައި ހުއްޓެވެ. ކުއްޖަކު ފެންނަން ނެތުމުން އެ ގަޑީގައި ކުދީންގެ ކޮޓަރީގައި ނޯޔާއާއެކު ޤުރުއާން ކިޔަވަންކަން ތިބޭނީ އަސްލަންއަށް އެނގެއެވެ. އޭނާ މަޑުމަޑުން އައިސް ކުދީންގެ ކޮޓަރީގެ ދޮރު ހުޅުވާލި އެވެ. ތަޅުންމަތީ އޮންނަ ރަގުގައި ނޯޔާގެ ކުރިމަތީ ސާރާއާއި މަލްސާ އައްމާފޮތް ހިފައިގެން ތިއްބެވެ. އެކުދިން ބަލާލުމުން ވެސް ނޯޔާ އިސްއުފުލާ ބަލާނުލި އެވެ. އަނުމް ގާތްކޮށްލައިގެން އޭނާ އިނީ އެވެ. ދޮރު ލައްޕާލާފައި އަސްލަން އައީ ސިޓިންރޫމު ސޯފާއަށެވެ.
ރޭގަނޑު ހަތްގަޑި ބައިވަންވާއިރު އަނުމްއަށް ކާންދީ ނޯޔާ ނިންމާނެ އެވެ. ދެން އެކުއްޖާ ގައިދޮއްވާ ނިންދަވަން ތައްޔާރު ކުރާނެއެވެ. މިފަހަރު އަސްލަންގެ އެނދުގައި އޮވެ އެކުއްޖާ ނިންދެވުމުގެ ޚިޔާލެއް ނޯޔާ ނުކުރި އެވެ. އޭނާ އެކުއްޖާ ގޮވައިގެންވަނީ އޭނާ ނިދާ ކޮޓަރިއަށެވެ. ނޯޔާގެ އުކުޅުތަކަށް ކުޑަކުޑަ އަނުމް ހޭނެމުން އަންނާތީ ކޮޓަރި ބަދަލު ވިޔަސް އޭނާ ގާތުގައި އޮތުމުން އެ ކުއްޖާއަށް ނިދިޖެހެން ގިނައިރެއް ނުނެގި އެވެ. އާފުރި ކުޑަކޮށް ބޮޑާ ދައްކާލަން އުޅެފައި ވެސް ނޯޔާ ނާނާ ކިޔާލުމުން އެކުއްޖާ ނިދައިފި އެވެ. އަސްލަންގެ ކޮޓަރީގައި ހުންނަ ކުޑައެނދުގައި އަނުމް ގެންގޮސް ބޭއްވީ ދެނެވެ. އެ މަންޒަރު ސޯފާގައި އިން އަސްލަންއަށް ފެނި ހައިރާންވި އެވެ. ނޯޔާގެ ކޮޓަރިން ނިދިފައި އޮތް އަނުމް ނެރިގެން ގެންދާތީ އެވެ.
ކެއުމުގެ ވަގުތު ޖެހުމުން ނޯޔާ ކާންގޮވީ އެންމެންނަށް އެކުގަ އެވެ. އެހެންޏާ ކުދީން ކައިރީ ބުނެފަ އަސްލަންއަށް ބަލާލާފަ ވެސް ކާން އަންނަން ބުނެ އެވެ. ސޯފާގައި އިން އަސްލަންއަށް ނޯޔާގެ ނަޒަރު ފޮރުވާލެވިފައިވާކަން ފާހަގަވި އެވެ. ދެބެން ކެއުމުން ވެސް ނޯޔާ ކާން ނޫޅޭތީ އަސްލަން ސުވާލު އުފެދުނެވެ.
"ނުކަންތަ؟" މޭޒުދޮށުން ކުދީންނާއެކު ނޯޔާ ތެދުވުމުން އަސްލަން ވަގުތުން އަހާލި އެވެ. ނޯޔާ މަޑުމަޑުން ހޫނއެއް ލައްވާލުމާއެކު ބޯޖަހާލީއެވެ.
ސާރާއާއި މަލްސާ ނިދަން ތައްޔާރު ވުމުން ނޯޔާ އެ ކޮޓަރިން ނުކުތެވެ. އަސްލަންގެ ވަގުތުކަން ދެން އެ ޖެހުނީ އޭނާއަށް އެނގެއެވެ. އަސްލަން އެ ކޮޓަރިއަށް ވަދެފައި ނުކުންނަންވާއިރަށް ނޯޔާ އަތްމަތި އަވަސްކޮށްލި އެވެ. މޭޒުމަތީ ނަގަން ގިނަ ތަށިތަކެއް ނެތުމުން ފަސޭހަވި އެވެ. މަންމަގެ އަތުން ލިބުނު ދޮންކެޔޮ ކޮޅު އެ ލާފައި އޮތް ކޮތަޅުން ނަގައި އެ އަޅުވަން ހާއްސަކޮށްފަ ހުރި އެތީގައި އަޅުވާލި އެވެ. ބާކީވެފައި ހުރީ ނޯޔާ ނުކައި ހުރުމުންކަން އެނގެއެވެ. އެ ހޫނުކޮށްލާފައި އޭނާ އައިސް ކޮޓަރިއަށް ވަނީ އެރޭ ނުނިކުންނަން ގަސްދު ކޮށްގެންނެވެ.
ކުދީންގެ ކޮޓަރިން ނުކުމެގެން އައިއިރު ސިޓިންރޫމުން ބެލްކަންޏަށް ނުކުމެވެން ހުރި ދޮރު ލައްޕާ ފަރުދާ ދަމާފައި ހުރުމުން ނޯޔާ ހުރިހާ ކަމެއްކޮށް ނިމުނީކަން އަސްލަންއަށް އެނގުނެވެ.
"ނޯޔާއަށް ކިހިނެއްވީ؟" ގޭތެރެއަށް ނަޒަރު ހިންގާލަމުން އަސްލަންއަށް އެ ސުވާލު ކޮށްލެވުނީ އަމިއްލަ ނަފްސާއެވެ.
"އޮފީސް މީހުންނަށް މެރީ ކުރިކަމެއް ނޭނގޭނެއޭ ބުނީމަތަ؟ ފަހުން ހުސެންއަށް ދިން ޖަވާބު އިވިގެންތަ؟ ކޮންމެ ގޮތެއްވިޔަސް ނޯޔާއަކީ ނޯޔާ، މައިރާއާ ނޯޔާ އެއްގޮތެއް ނޫން... ނޯޔާގެ އުޅުމާއި ގެންގުޅޭ އުސޫލުތައް ވެސް މައިރާއާ ތަފާތު..." ބެލްކަންޏަށް ނުކުމެވެން ހުރި ދޮރު ހުޅުވާލުމަށް ފަރުދާ ކުޑަކޮށް އެއްފަރާތްކޮށްލާ އަސްލަން ނުކުތެވެ. ފުންނޭވާއެއް އޭނާ ލިއެވެ. ނޯޔާއަށް ކަމެއްވެއްޖެކަން ޔަގީން ވެއެވެ. ކުއްލިއަކަށް ނޯޔާގެ ޢަމަލުތަކުން އޭނާ ބީރައްޓެހިކޮށްލި ގޮތް އަސްލަންއަށް ކަމުނުދިޔަ އެވެ. ހިތަށް ދަތިކުރުވާފަދަ ގޮތެއް ވަނީ އެވެ. ގިނަ ވާހަކަތަކެއް ދެއްކުމެއް ނެތި ނޯޔާ ބަހައްޓަމުން އައި ގާތްކަމުގައި ތަފާތު ފިނިކަމެއް ވާކަން ގައިމެވެ. ވާހަކަ ދައްކާއިރު ވެސް އެ ހުންނަ މަޑުމައިތިރި ގޮތް އަސްލަންގެ ޟަމީރު ފާހަގަކުރާކަން ޔަގީނެވެ. ސިއްރުން ވިޔަސް ފަރުވާތެރިކަމާއެކު ނޯޔާއަށް އެވަރަށް ބެލެނީ އެހެން ވެއެވެ.
"ނޯޔާއާ ވާހަކަ ދައްކަންވީތަ؟" ނިންމަން ނޭނގިގެން އަސްލަންއަށް އެ ސުވާލު މިފަހަރު ވެސް ކުރެވުނީ އަމިއްލަ ނަފްސާއެވެ. ހިތްބުނަނީ ކީކޭބާއެވެ. ސިކުނޑިއާއި އެއްބައިވެދާނެބާއެވެ. ނޫނީ އެ ދެބައިމީހުން ވެސް އިސްކުރާނީ އޭނާގެ ޟަމީރުގެ އަޑު ބާއެވެ.
* * * * *
ކޮފީ މޭޒުމަތިން އިސްކުރީނު ދިއްލެންފެށި ފޯނު އަރީން ނެގިއެވެ. ސޯފާގައި އިން އަރީން އެ ކޯލަށް އިންތިޒާރު ކުރާތާ ކޮންއިރެއް ހެއްޔެވެ. ފަވާދު އެދުމުން ވެސް އޭނާ ނިދަން ނުގޮސް އެ އިންނަނީ އެ ފޯނުކޯލު އަންނާނޭކަމުގެ އުންމީދުގައެވެ. ކުދީންނާއި ފިރިމީހާ ނިދާ ގޭތެރެ އޮތީ ހިމޭންވެފައެވެ. ގަޑިތަކުން ދަންވަރު އެކެއް ޖަހަނީއެވެ. ފޯނު ހިފައިގެން އަރީން ނުކުތީ ބެލްކަންޏެވެ. ޖަހާލެވިފައި ހުރި ހުޅި ނިއުޅާލާ އިސްތަށި ގަނޑު މިނިވަންކޮށްލިއެވެ. ފޯނަށް ޖަވާބު ދިނީ ދެނެވެ.
ކަންފަތުގައި ޖެހުނު މިދުހަތުގެ ފިރިހެންވަންތަ އަޑުން އަރީންގެ ހަށިގަނޑުގައި ހީލިކެރުވުމެއްގެ ބާންޏެއް އުފެދުނެވެ. ސިކުނޑީގެ ބޮޑު އިސްކުރީނުގައި އަޅުވާލެވުނީ މިދުހަތު ހަލުވިކޮށް އައިސް އަރީންގެ އަތުގައި ހިފައި ގާތަށް ދަމާލި ވަގުތެވެ. އެ ތަނަވަސް މޭގައި އަރީންގެ ގެންގޮސް ތަތްކޮށްލުމާއެކު ބާރަށް ބައްދާލި ގޮތުގެ އިޙްސާސް އަދިވެސް އެ ހަށިގަނޑަށް ބާރުފޯރުވަނީއެވެ.
ފޯނުން މިދުހަތާ ވާހަކަދައްކާލަން އަލުން ފުރުސަތު ލިބޭނޭ އަރީން ހިޔެއްނުކުރެއެވެ. އެއްފަހަރު ވިޔަސް މިދުހަތާ އަދި ބައްދަލުވާނެނަމައޭ ހިތަށް އަރާތާ ކޮންދުވަހެއް ހެއްޔެވެ. އޭނާގެ އެ އެދުން ފުރިހަމަވާނޭކަމަށް ކުރިއަކުން ހިޔެއްނުކުރެއެވެ. އެހެންނުވާނޭ ހީކުރެވޭ އެންމެ ބޮޑު ހުރަހަކަށްވާ ސަބަބަކީ މިހާރު އަރީނަކީ މީހެއްގެ އަނތްބަކަށްވުންކަން އޭނާ ޤަބޫލުކުރެއެވެ. ނަމަވެސް ހީނުކުރާ ކަންކަން ފަހިވެދާނޭކަމުގެ ޔަގީންކަން މިހާރު ލިބިއްޖެއެވެ. ދުރުން ވިޔަސް މިދުހަތު ދިނީ ދަޢުވަތެއްކަން ޔަގީންވެއެވެ. އެއީ އަރީން ބޭނުންވެފައި ހުރިކަން އެންގުމަށް ދިން ސިގްނަލެކެވެ. މިހާރު މިވަގުތު ވެސް އޭނާއާ ފޯނުން ވާހަކަދައްކަން އަނެއްކޮޅުގައި ހުރި ޒުވާނާއަކީ މިދުހަތު ނޫން ދެވަނަ މީހެއްނޫނެވެ. އަރީންގެ ހިތް އެދޭ މިދުހަތެވެ. އެ ލޯތްބެއްގެ މަތިން ހަނދާންނައްތާނުލެވުނު އަލަތު ލޯތްބެވެ. ޅައުމުރުގައި ހުރިހާ އެއްޗެއް ގުރުބާންކުރެވުނު ޒުވާނާއެވެ. (ނުނިމޭ)