ހިޔާ މަޝްރޫއުގެ ދަށުން ސްޓެލްކޯއިން އެޅި އެއް ކޮޓަރީގެ ފްލެޓްތައް ގަންނަން ސަރުކާރުން ބޭނުން ނުވިކަން ހާމަވެއްޖެ އެވެ.
ދެހާސް އަށާރަ ވަނަ އަަހަރު ވަނަ އަހަރު ހިޔާ މަޝްރޫއަށް އިއުލާން ކުރިއިރު އެ މަޝްރޫއުގެ ކެޓަގަރީތަކުގެ ތެރެއިން އެއް ކޮޓަރީގެ ކެޓަގަރީތަކަށް (H11 އިން H15 އަށް) ފްލެޓް ދޫކުރުމަށް ހަމަޖައްސާފައި ވަނީ ހުޅުމާލޭ\ގައި ސަރުކާރު ކުންފުނިތަކުން އަޅަން ނިންމާފައިވާ ޓަވަރުތަކުން އެއް ކޮޓަރީގެ ބައެއް ފްލެޓްތައް ސަރުކާރަށް ގަތުމަށްފަހުގަ އެވެ.
ނަމަވެސް ސްޓެލްކޯގެ މުވައްޒަފުންނަށް ފްލެޓްތައް ދިންގޮތާ ގުޅޭ ގޮތުން ހުށަހަޅި މައްސަލަތަކާ ގުޅޭގޮތުން ސްޓޭޓް އެންޓަޕްރައިސް ކޮމެޓީން ނިންމި ރިޕޯޓްގައި ބުނީ ސްޓެލްކޯގެ އެއް ކޮޓަރީގެ 72 އެޕާޓްމަންޓް ގަންނަން ބޭނުންނުވާކަން ސަރުކާރުން އެންގި ކަމަށެވެ. އަދި އެ ބަަދަލާއެކު އެއް ކޮޓަރީގެ ބައެއް އެޕާޓްމަންޓް ދޭއް އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް ބަދަލުކުރަން ނިންމުމުން 35 އެޕާޓްމަންޓް މަދުވެގެން ދިޔަ ކަމަށް ބުނެފައި ވެއެވެ.
އެއް ކޮޓަރީގެ ފްލެޓްތައް ނުގަންނަން ނިންމިކަން ހާމަވިއިރު މީގެ ކުރިން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އެއް ކޮޓަރީގެ ފްލެޓްތަކުގެ ތެރެއިން ސަރުކާރަށް ގަނެވެން އޮތީ އެމްޑަބްލިއުއެސްސީގެ 36 ފްލެޓް ކަަމަށެވެ. އަދި އެކަން އެގޮތަށް ދިމާވީ ކުންފުނިތަކުން އެޅި ފްލެޓްތައް ގަންނާނެކަމުގެ ގެރެންޓީ ކުރީ ސަރުކާރުން ދީފައި ނުވާތީ އެ ފްލެޓްތައް އަޅާފައި ނުވާތީ ކަމަށެވެ.
ފްލެޓްތައް ގަތުމުގެ އެއްބަސްވުމުގައި ބުނާ ގޮތުން އެއް ކޮޓަރީގެ ފްލެޓްތަކުގެ 50 ޕަސެންޓް ސަރުކާރަށް 38،000 ޑޮލަރުގެ ރޭޓުން ވިއްކަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
އެއް ކޮަޓަރީގެ ފްލެޓްތައް ހާއްސަކުރީ ( H11 )- އަށާރަ އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށާއި (H13)- (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އިތުރުން (H15)- އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ ކެޓަގަރީ އުވާލާ ހުށައެޅި ފޯމްތައް ބާތިލްކޮށްފަ އެވެ.
ފްލެޓްތަކުގެ މައްސަލަައިގައި މިއަދުވެސް މަޖިލީހުގައި ހޫނު ބަހުސެއް ކުރިއަށް ދިޔައިރު ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް
ރަޝީދު ވިދާޅުވީ އެއް ކޮޓަރީގެ ފްލެޓްތައް ނުގަންނަން ނިންމީ ސަރުކާރުގެ ގާބިލިއްޔަތު ނެތުމުން ކަމަށެވެ.