އައިދާ (އަލްޖަޒީރާ) - ގާ އުކުން ހުއްޓާނުލައިފި ނަމަ ގޭހުން ހަމަލާދީ އެންމެން މަރާލާނެ ކަމުގެ އިންޒާރު ފަލަސްތީނުގެ އައިދާ ރެފިއުޖީ ކޭންޕުގެ އާންމުންނަށް އިޒްރޭލުގެ ބޯޑާ ޕެޓްރޯލް ސިފައިން ދީފިއެވެ.
ތާޅަފިލިން މި މެސެޖު ގޮވަމުން އިޒްރޭލު ސިފައިންގެ ޖިޕެއް ވަނީ އައިދާ ރެފިއުޖީ ކޭންޕުގެ މަގުތަކުގައި ދުއްވާފައެވެ. "އައިދާ ރެފިއުޖީ ކޭންޕުގެ މީހުންނަށް. އަހަރެމެންނަކީ އިސްތިރުއުމާރީ ސިފައިން. ގާ އުކާނަމަ، އެންމެން މަރުވަންދެން ގޭހުން ހަމަލާ ދޭނަން. ކުޑަ ކުދިންނާ، ޒުވާނުންނާ މުސްކުޅިން ހިމެނޭ ގޮތަށް. އެންމެން މަރާލާނަން. އެކަކުވެސް ދިރި ހުއްޓާ އަހަރެމެން ހުއްޓައެއް ނުލާނަން." އަރަބި ބަހުން ގޮވި މި އިއުލާނުގައި ސިފައިންގެ އޮފިސަރު ގޮވަމުން ދިޔައެވެ.
އޮފިސަރު އިތުރަށް ގޮވަމުން ދިޔައީ އެ ކޭންޕަށް ނިސްބަތްވާ ޒުވާނަކު ސިފައިން ހައްޔަރުކޮށްފައި އެބަ ހުރި ކަމަށާއި ގާ އުކުން ހުއްޓާނުލާ ނަމަ އޭނާ ވެސް އެންމެން ކުރިމަތީ ކަތިލާނެ ކަމަށެވެ. އަދި އެނބުރި ގެތަކަށް ވަނުމަށާއި އެހެން ނޫންނަމަ އާއިލާތައް އެއްކޮށް މަރާ ހުސްކުރާނެ ކަމަށް ވެސް އޭނަ ގޮވިއެވެ.
ޓައިމްސް އޮފް އިޒްރޭލް ބުނާ ގޮތުން މި އިއުލާނު ގޮވި ސިފައިންގެ މީހާ މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ. އިޒްރޭލު ސިފައިން އާންމުކޮށް އެމީހުންނަށް ނިސްބަތްކޮށް "އިސްތިއުމާރީ ސިފައިންނެކޭ" ނުކިޔައެވެ. އެމީހުން އާންމުކޮށް ބޭނުން ކިޔަނީ "ސަލާމަތީ ފޯސް" އެވެ.
އައިދާ ރެފިއުޖީ ކޭންޕުން ވާހަކަ ދެއްކި މީހުން ބުނީ މުޅި ކޭންޕުގައި ބިރުވެރިކަން ފެތުރިފައިވާ ކަމަށެވެ. ފަލަސްތީނުން މި މެސެޖު ސިފަކުރަނީ އިޒްރޭލުން އެމީހުންގެ ހަގީގީ ސިފަ ދެއްކުން ކަމަށެވެ.