ރައްޔިތުންގެ މެދުގައި ދީނީ ގޮތުން ހިލާފު އުފެދޭ މައްސަލަތަކަށް އެކަށޭނަ ހައްލެއް ހޯދައިދީ ކަން އޮތްގޮތް ސާފުކޮށްދީ ރަނގަޅު ގޮތް ބުނެދިނުމަކީ މުޖްތަމައުގެ ސުލްހަޔާއި އަމާންކަން ކަށަވަރު ކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމުން ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ފަތުވާ މަޖިލީހުން މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ، ޖަޕާނު ސަރުކާރުގެ އެހީގައި ނޭޝަނަލް ކައުންޓަރު ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އާއި ދިވެހިރާއްޖޭގެ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ން ގުޅިގެން ކުރި ދިރާސާއެއްގެ މައްޗަށް އެކުލަވާލާފައިވާ "ވިމެން އޭސް ޕީސްބިލްޑާސް އެންޑް އޭޖްންޓްސް އޮފް ޗޭންޖް އިން ދަ މޯލްޑިވްސް" ރިޕޯޓު އިފްތިތާހުކުރުމަށް މިއަދު މިނިސްޓްރީ އޮފް ޑިފެންސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކުގެ އަމާޒަކީ ޒަމާނުއްސުރެ އެކުވެރިކަމާއި ބަދަހިކަމާއެކު ދިރިއުޅެމުން އަންނަ މުޖްތަމައެއް ދީން ހަތިޔާރަކަށް ހަދައިގެން ބައިބައިކޮށްލުން ކަމަށެވެ. އެ ފުރުސަތު ނުދިނުމަށް ދީނުގެ ސައްހަ މައުލޫމާތުގެ މުހިންމު ކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ވިދާޅުވީ ރައްޔިތުންގެ މެދުގައި ދީނީ ގޮތުން ހިލާފު އުފެދޭ މައްސަލަތަކަށް އެކަށޭނަ ހައްލެއް ހޯދައިދީ ކަން އޮތްގޮތް ސާފުކޮށްދީ ރަނގަޅު ގޮތް ބުނެދިނުމަކީ މުޖްތަމައުގެ ސުލްހަޔާއި އަމާންކަން ކަށަވަރު ކުރުމަށްޓަކައި މުހިންމު ކަމެއް ކަމުން އެކަން ފަތުވާ މަޖިލީހުން ކުރަން ޖެހޭ ކަމަށެވެ.
ރާއްޖެއަކީ އަމާން ސުލްހަވެރި އަދި ދެ ޖިންސުގެ ހަމަހަމަކަން ފުރިހަމައަށް ގާއިމްވެފައި އޮންނަ ގައުމަކަށް ހެދުމަށް ސަރުކާރުން ކުރަމުން ގެންދަވާ މަސައްކަތުގައި މިހާތަނަށް ބޮޑެތި ކުރިއެރުންތަކެއް ހާސިލު ކުރެވިފައިވާ ކަމަަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ކައުންސިލްތަކުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ހާއްސަކުރުމާއި ސުޕްރީމް ކޯޓުގެ ބެންޗަށް ފުރަތަމަ ފަހަރަށް އަންހެން ދެ ފަނޑިޔާރުން އައްޔަން ކުރައްވާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.