ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

"އަންހެނުން ނެރެނީ ރިޒާވް ގޮނޑިތަކަށް އެކަނި"

ކައުންސިލްތަކުގެ ގޮނޑިތަކަށް ގިނަ އަންހެނުން ނެރެމަށް ސިޔާސީ ޕާޓީތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ކުރީގެ ވަޒީރު އަނީސާ އަހުމަދު ވިދާޅުވެއްޖެ އެވެ.

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބަށް ބޮޑެތި ސިޔާސީ ޕާޓީތަކުން ގިނަ ކެންޑިޑޭޓުން ނެރެފައިވާއިރު އަންހެނުންގެ ނިސްބަތް މަދެވެ. އަންހެނުން ތަމްސީލުވުން އިތުރުކުރުވުމުގެ ގޮތުން ކައުންސިލް ތަކުގެ 33 ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފައެވެ.

ސިޔާސީ ޕާޓީތަކާއި ކެންޕޭންތަކުގައި އަންހެނުން ކިތަންމެ އުޅުނަސް ސިޔާސީ އިސް މަގާމުތަކުގައި އަންހެނުން ވަރަށް މަދު ކަމަށާ ލޯކަލް ކައުންސިލް އިންތިހާބު ކުރިމަތިވެފައިވާއިރު ބޮޑެތި ސިޔާސީ ޕާޓީތަކުން އަންހެން ކެނޑިޑޭޓުން ހޮވާކުރިއެރުވުމަށްޓަކާ ކުރަނީ ކީއްތޯ ކުރީގެ ވަޒީރު ދުންޔާ މައުމޫން ވަނީ ސުވާލު ކުރައްވާފައެވެ.

އެ ސުވާލާ ގުޅޭގޮތުން އަނީސާ ކުރެއްވި ޓްވީޓެއްގައި ވަނީ ކައުންސިލްތަކުގެ ގޮނޑިތަކަށް ގިނަ އަންހެނުން ނެރެމަށް ސިޔާސީ ޕާޓީތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަނީސާ ވިދާޅުވީ އަންހެން ކެންޑިޑޭޓުން ނެތެން މަސައްކަތް ކުރަނީ ހަމައެކަނި އަންހެނުންނަށް ހާއްސަކުރި ގޮނޑިތަކަށް ކަމަށެވެ.

ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމަށާއި ސިޔާސީ މަގާމުތަކަށް އަންހެނުން އިންތިހާބުކުރާ އަދި އައްޔަން ކުރާ އަދަދު ގިނަ ކުރަން ޖެހޭ ކަމަށް ހުރިހާ ސިޔާސީ ޕާޓީތަކުންވެސް އަބަދުވެސް ވަކާލާތު ކުރެއެވެ. ނަމަވެސް ބާރު ލިބުމުން އެއްވެސް ޕާޓީއަކުން އެކަމަށް އިސްކަމެއް ނުދެއެވެ. އަދި އިންތިހާބުތަކުގައި އަންހެނުން ނެރެން މާބޮޑެތި މަަސައްކަތްތަކެއް ކުރާ ތަނެއް ނުފެނެއެވެ. ކައުންސިލްތަކުން 33 އިންސައްތަ ހާއްސަކޮށްފައިވާއިރު މަޖިލީހާއި އެހެން ދާއިރާތަކުންވެސް އަންހެނުންނަށް ގޮނޑި ހާއްސަ ނުކުރީ ކީއްވެތޯ ބައެއް މީހުން ސުވާލު ކުރެއެވެ. އަދި އަންހެނުންނަށް ވަކި ގޮނޑިތަކެއް ހާއްސަނުކޮށް އަންހެން ކެންޑިޑޭޓުން ނެރެ އިންތިހާބު ކުރަން މަސައްކަތް ކުރުން މުހިންމު ކަމަށްވެސް ބައެއް މީހުން ދެކެއެވެ.