ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ހިދުމަތް ހޯދަން މިހާރު ވަރަށް ފަސޭހަ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެންސްޕާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ފަގީރުންނާއި އެކަނިވެރި މައިންނަށް މާލީ އެހީތެރިކަން ދޭ އެޖެންސީއެކެވެ. އަދި ހުސްނުވާ އާސަންދަގެ ހިދުމަތް ވެސް ދެމުން އަންނަނީ އެންސްޕާ އިންނެވެ.
އެންސްޕާގެ ހިދުމަތް ލިބުން ލަސްވުމާއި ހިދުމަތް ހޯދަން އުނދަގޫވުމުގެ ޝަކުވާތައް ވަރަށް ބޮޑެވެ. ރޭ އެމްޑީޕީން ބޭއްވި ރަށްވެހި ފަތިސް ކެންޕެއިން ބައްދަލްވުމުގައި ބައިވެރިވި އެމްޑީޕީގެ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކުންވެސް ވަނީ އެކަންބޮޑުވުން ފާޅުކޮށްފައެވެ. ރޭގެ ބައްދަލްވުން ހާއްސަކޮށްފައި އޮތީ އއ އަތޮޅާއި އދ އަތޮޅުގެ ރަށްތަކަށެވެ.
އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެންސްޕާގެ ހިދުމަތްތައް ހޯދަން މިހާރުވެސް ހުރީ ވަރަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިފައި ކަމަށެވެ. ރައީސް ވިދާޅުވީ އެހީ ހޯދަން އެދޭ މީހުން ފޯމް ފުރުމަށް ފަހު ވައިބަރު މެދުވެރިކޮށް ފޮނުވޭނެ ކަމަށެވެ. އަދި ކައުންސިލްތައް މެދުވެރިކޮށްވެސް ފޯމް ހުށައެޅޭނެ ކަމަށެވެ. ރައީސް ވަނީ އެފަދަ ކޮންމެ ފޯމަކަށް އެންސްޕާއިން އެޓެންޑްވާނެ ކަމަށް ވިދާޅުވެފައެވެ.
"އެންސްޕާގެ ހިދުމަތްތައް ހޯދަން މިހާރުވެސް ހުރީ ވަރަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައި. އެހީ ބޭނުންވާ ފަރާތުން އެކަމާ ފުޅޭ ފޯމް ނުވަތަ ސިޓީ ވައިބަރު މެދުވެރިކޮށްވެސް މިހާރު ފޮނުވާލެވޭނެ. އީމެލްއިން މެދުވެރިކޮށްވެސް ކުރެވޭނެ. ކައުންސިލްތައް މެދުވެރިކޮށްވެސް ފޮނުވާނެ. އެހެންވީމަ އެއިން ކޮންމެ ގޮތެއް މެދުވެރިކޮށް އަަޔަސް އެންސްޕާއިން އެއަށް އެޓެންޑްވާނެ،"
ރައީސް ވިދާޅުވީ އެންސްޕާގެ ހިދުމަތާއި ގުޅޭ މައުލޫމާތު އިތުރަށް ފޯރުކޮށްދިނުމުގެ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާ އެ މަސައްކަތް ސަރުކާރުން ކުރާނެ ކަަމަށެވެ.
އިޖްތިމާއީ ސިއްހީ އިންޝޫރަންސްގެ ގައުމީ ނިޒާމުގެ ގާނޫނު މިހާރު އޮޮންނަ ގޮތުން އެންސްޕާ ކުރިން ހިންގީ ހެލްތް މިނިސްޓްރީގެ ދަށުން ނަމަވެސް މި ސަރުކާރުން ގާނޫނަށް ގެނައި އިސްލާހުތަކާއެކު އެންސްޕާގެ ބެލެނިވެރިކަން މިހާރު އޮތީ ޖެންޑާގެ ބެލުމުގެ ދަށުގައެވެ.