ވާހަކަ

ޝިކާރަ

(ހަތްވަނަ ބައި)

"ސޭމް،" ނައީމު މޫނުމަތިން މާޔޫސްކަމުގެ އަސަރެއް ނުފެނެއެވެ. "މި ކޮންމެ މަރަކާއެކު ގެއްލިގެންދަނީ އަހަރުމެންގެ މުއައްސަސާގެ އަގު. ވެއްޓެމުންދަނީ ފުލުހުންގެ އިއްޒަތް، ގަދަރު. އެހެންވީމަ އަވަސް ހައްލެއް ހޯދަން ޖެހޭއެބަ. މިއަދު ނުރައްކާވާން މި ފެށީ ސީދާ އަހަރުމެންނަށް. ފުލުހުންނަށް."

"ސިޔާސީ ކަމެއްތަ؟" ހައިލަމް ބަލައިލީ ސީދާ ނައީމުގެ މޫނަށެވެ. "ހަރުކަށިފިކުރުތަ؟"

ނައީމު ތުންފަތުގައި ދުވެލީ ލުއި ހިނިތުންވުމެކެވެ. ދެވަނަ ސިކުންތުގައި އެ ހިނިތުންވުމުން ބަދަލުވީ ހަރުފައެއްގެ ހިނިތުން ވުމަށެވެ. ހައިލަމްގެ ބޮލުގައި ރިއްސާލިއެވެ. ނޭވާ ކުރުވެ ފާޑެއްގެ ތުރުތުރެއް މުޅި ހަށިގަނޑަށް ފެތުރުނެވެ. ނައީމުގެ އަމަލުތަކާއި އޭނާގެ ވިހަ ހިނިތުންވުމާ ގުޅުވާލަން މަޖުބޫރުވީއެވެ. މަރުގެ ހާދިސާ ހިނގައިފަވާ ތަނާ ހަމައަށް އެމީހުންނަށް ދެވެންދެން އަނގައި ނުބުނެ އިންނަން ހައިލަމް ނިންމީ ވެސް އެހެންވީމައެވެ.

ނައީމު ބަލައިލީ ހައިލަމާ ދިމާއަށެވެ. ނަމަވެސް ހައިލަމް ބަލައިލީ ބޭރުން ފެންނަމުން ދިޔަ މަންޒަރަށެވެ. ފުލުހުންގެ ވެހިކަލުގައި އެ ވަގުތު ތިބީ އެ ދެމީހުން އެކަންޏެވެ. ފަސް ވަރަކަށް މިނެޓު ދުއްވި އިރަށް ހުޅުމާލޭ ކުރިކެޓް ސްޓޭޑިއަމް ކައިރީ އޮތް ހުސްބިމާ ހަމައަށް ދެވުނެވެ. އޭރު އެ ތަނުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔަ މަންޒަރު ފެނުނެވެ. މަގުތައް ވަނީ ކޯޑަން ދަމައި ބަންދުކޮށްފައެވެ.

"ރަހީމާ؟" ހައިލަމަށް ލިބުނީ ކުއްލި ސިހުމެކެވެ.

ހައިލަމް ގަނޑުވި ކަހަލައެވެ. އޭނާއަށް ބޭއިހުތިޔާރުގައި އަނގަމަތީގައި އަތް އަޅައިލެވުނެވެ. ލުއި ގޮތަކަށް ހިނިތުންވެލައިފައި އޮތް ރަހީމާގެ ފުރާނަ ނެތް މަސްގަނޑު ފެނިފައެވެ. ހިނދުކޮޅެއް ވަންދެން ހައިލަމް ނޭވާ ބޭރުނުކޮށް ހިފަހައްޓައިލައިގެން ހުރެވުނެވެ.

"ކީއްވެ ރަހީމާ؟" ނައީމުގެ މޫނަށް ބަލަމުން ހައިލަމް ސުވާލުކޮށްލީ ސީދާ ނައީމަށެވެ.

"ބަދަލު ހިފުން. އެނޫން ދެން ކޮން ކަމެއް؟" ނައީމު ރުންކުރު ރާގެއްގައި ބުނެލިއެވެ.

"ރަހީމާ؟ އޭނާ ކުރީ ކީއް؟ ކޮން ކުށެއް؟" ހައިލަމަށް ދެވަނަ ސިކުންތުގައި ބުނެލެވުނެވެ.

"ވަކި ކަމެއް ކޮށްގެންތަ؟ ނުލަފާކަން. ޖާހިލުކަން. ތިމާއަށް ވާނެކަން އެހެން މީހުންނަށް ދައްކަނީނު،" ނައީމު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. "ހަރުފައެއް ވިހަލަނީ ވަކި ކަމެއް ވެގެންތަ؟ އެ ސޮރުގެ ރީތިކަމުން ބޮޑާވެގެން ނޫންތަ؟"

"ކޮންމެ ކަމެއް ވެސް ހިނގާނީ ކޮންމެވެސް ކަމެއްގެ ސަބަބުން. ހަމަ ހަރުފަ ވެސް އެ ސޮރަށް ގޯނާއެއް ނުކުރަނީސް ވިހައެއް ނުލާނެ." ނައީމުގެ ވާހަކައަށް ހައިލަމަށް އެއްބަހެއް ނުވެވުނެވެ.

"އިންސާނުންގެ ތެރޭގައި އުޅޭ ހަރުފަ މުޅިން ތަފާތު؟" މައުޟޫގެ މިސްރާބު ބަދަލުކޮށްލަން ނައީމު މަސައްކަތް ކުރިއެވެ.

"ޝައްކުވޭތަ؟" ހައިލަމް ފުން ނަޒަރަކުން ބަލައިލީ ނައީމަށެވެ.

"އަހަންނަށް ޔަގީންވަނީ. ދެވަނަ މީހެއްގެ ކަމެއް ނޫން."

"އެކަމަކު ކިހިނެއް ހިފާ ހައްޔަރު ކުރާނީ؟ އެއްވެސް ހެއްކެއް ފެނޭތަ؟ ކޯޓު އަމުރެއް ހޯދޭނެތަ؟" ހައިލަމްގެ ލޮލުގައި އަޅައިގަތީ ރަހީމާގެ މުލައްދަނޑި ކައިރީގައި އޮތް ކަރުދާސްކޮޅެވެ.

"ނަތިން ނިއު. މޯރ އޯ ލެސް ސޭމް." ނައީމު ފޫހި ރާގެއްގައި ބުނެލިއެވެ.

"އޯކޭ."

"އަހަންނަށް ފެންނަ އެއްޗެއް، އަހަންނަށް އެނގެމުންދާ އެއްޗެއްގެ މައްޗަށް ބިނާކޮށް ތަހުގީގު ރާވާނަން. އިންޝާﷲ ވަރަށް އަވަހަށް ގާތިލު އަތުލައިގަންނާނަން،" ހައިލަމް ތުންފަތަށް ބާރުކޮށްލަމުން މުށްކަވާލިއެވެ. "އަހަންނަށް ޔަގީންވަނީ ކުރިން ދެވުނީ ނުބައި މަގަކުންކަން. ރަނގަޅު މަގުން ދިޔުމަށް ޓަކައި ވަގުތުކޮޅެއް ބޭނުންވާނެ. އެކަމަކު ދެން މާ ލަހެއް ނުވާނެ. އިރާދަކުރެއްވިއްޔާ މި ސިލްސިލާއަށް ނިމުމެއް ގެންނާނަން."

ހައިލަމް ބޭނުންވީ ގެއަށް ދާށެވެ. ނައީމު ގާތު ބުނެލުމަށްފަހު އޭނާ މިސްރާބު ޖެހީ ގެއަށެވެ. ކުލަހެދުމަށް ބަދަލުވެގެން އޭނާ ދިޔައީ ގަހުވަ ސިޓީއަށެވެ.

ގަހުވަ ސިޓީގެ އެކި ދިމަދިމާއަށް ކަޅި އުކަމުން ގޮސް ހުސްކޮށް ހުރި މޭޒެއް ކައިރީގައި އިށީނެވެ. އިރުކޮޅެއް ފަހުން ބިއްލޫރިތަށްޓެއް މޭޒުމަތީގައި ބެހެއްޓުމާއެކު އޭނާ ސިހިފައި ބަލައިލިއެވެ. ކުރިމަތީގައި ހުރީ ސިޔާދެވެ.

"އަލޫކު އެބަ އުޅޭތަ؟" ހައިލަމް ބަލައިލީ ސިޔާދުގެ މޫނަށެވެ.

"މިއަދު ލީވްގަ." ސިޔާދު ދިނީ ކުރު ޖަވާބެކެވެ.

ހައިލަމްގެ ބޮލުގައި ރިއްސާލިއެވެ. ރަހީމާގެ މަރާ އަލޫކުގެ ސަލާމާ ގުޅުވިދާނެ ބާއޭ ހިތްބުނެލިއެވެ. ނަމަވެސް އެ ހިޔާލު ބަދަލުކޮށްލަން ޖެހުނީ ބޮލުގައި ކުރެހިފައިވާ އެހެން މަންޒަރެއްގެ ސަބަބުންނެވެ.

"ކިހިނެއްވީ؟" ހައިލަމް ބަލައިލީ ސިޔާދުގެ މޫނަށެވެ.

"ނޭނގެ. ހީވަނީ ވަރަށް ބަލިވީހެން. އަލަށް އަދި ލީވެއް އެ ނެގީ." ސިޔާދު މަޑުމައިތިރި ކަމާއެކު ބުނެލިއެވެ.

"ލިބިދާނެތަ އަލޫކު ނަންބަރާއި އެޑްރެސް؟" ހައިލަމް ފުން ނޭވާއެއް ބޭރުކޮށްލިއެވެ.

"ފުލުހުންނަށް ހޯދޭނެއްނުންތޯ." ސިޔާދު ފޫހި ރާގެއްގައި ބުނެލިއެވެ.

"އެ ގޮތް ބޭނުން ނުވާތީތާ ސިޔާދު ގާތު މި ބުނީ."

ސިޔާދު ފޯނުގައި އިނގިލި ޖައްސާލިއެވެ. އަލޫކަށް ގުޅައިލުމަށްފަހު ހައިލަމް ނަންބަރާއި އެޑްރެސް ހޯދާ ވާހަކަ ބުނެލިއެވެ. ސިޔާދު ލުއިގޮތަކަށް ހިނިތުންވެލިއެވެ.

"ކީކޭ ބުނީ؟" ހައިލަމް ވާހަކަފެށީ ސިޔާދު ކަންފަތުން ފޯނު ނައްޓައިލުމުންނެވެ.

ބަދަލުގައި ސިޔާދު ހިނިތުންވެލިއެވެ. އަލޫކުގެ ފޯނު ނަންބަރާއި އެޑްރެސް ހައިލަމަށް ދިނެވެ. ސިޔާދަށް ޝުކުރު އަދާކުރުމަށްފަހު ހައިލަމް އެތަނުން ނުކުތެވެ. ބޭރަށް ނިކުމެ އެންމެ ފުރަތަމަ ވެސް އޭނާ ގުޅީ އަލޫކަށެވެ. އެންމެ ސިކުންތެއް ވެސް ގެއްލުލާވާލަކަށް ހައިލަމް ބޭނުމެއް ނުވިއެވެ. އޭނާއަށް ހަވާލުވެފައިވާ ހައްސާސީ މައްސަލައަށް ޖަވާބެއް ހޯދޭނެ މަގުތައް ކޮށައި ސާފުކޮށް އެ މަގަށް ދޮންވެލި ލާން އޭނާ ކިތަންމެހާ ވެސް އަވަހަކަށް އޭނާ ބޭނުންވެއެވެ. ނަމަވެސް އެއީ ކަށި ޖަންގައްޔެއްގައި ހުސްފައިން ހިނގުންފަދަ ކަމެއްކަމަށް އޭނާ ވެސް ގަބޫލުކުރެއެވެ.

އެހެންވެ އޭނާގެ ސިކުނޑިން ކުރަހައިދޭ މަންޒަރާއެކު ކުރިއަށް ދެވޭތޯ މަސައްކަތްފެށީއެވެ. ސިކުނޑީގެ މަކާނުގައި ހެދިފޯދެމުންދާ ޝައްކުގެ ގަނޑުވަރު ޒީނަތްކޮށް އެ ގަނޑުވަރުން ހަގީގަތް ނެރެ ހާމަކުރާން އޭނާ ބޭނުންވަނީއެވެ. އެކަން ކުރުމުގައި މަދަދުވެރިއަކަށް އޭނާއަށް ފެނުނީ އަލޫކެވެ.

"ވަރަށް ބޮޑު ކަމަކު، މިއީ އަހަރެންގެ ދިރިއުޅުމާ ވެސް ގުޅި ލާމެހިފައިވާ ކަމެއް. އަހަންނަށް އޮތީ އެއްކޮޅަށް ދުއްވާ މަގެއް. އެ މަގުން ހިނގާން ޖެހެނީ ހުސްފައިގައި. އެއީ ކަށިގިނަ، ކުނި ގިނަ މަގެއް." އަލޫކުގެ ހާލު ބެލުމަށް ދެތިން ސުވާލެއް ކޮށްލުމަށްފަހު ސީދާ ސުރުހީގައި ހައިލަމް ފޮޅުވަތް އަޅައިލިއެވެ.

އަލޫކު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އެއްކޮނޑު ވެއްޓިފައި އޮތް ކޮނޑުކެނޑި ގަޔަށް ހެޔޮކޮށްލަމުން ނިތް މައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅުގައި އަތުން ފުނާ އަޅައިލިއެވެ.

"ކީއްވެ އަހަންނަށް ޝައްކުގެ އިނގިލި ދިއްކުރީ؟" އަލޫކަށް ޔަގީންވާކަން އަންގައިލަން އޭނާ ބޭނުންވިއެވެ.

"ތިބުނީ؟" ހައިލަމް ލޮލަށް ގޮތެއް ހަދައިލަމުން އަހައިލިއެވެ.

"މި ލިޔަނީ ހައިލަމް އެޅި ސުރުހީގެ މައިގަނޑު ޕެރެގުރާފެއް." އަލޫކު ބުނެލިއެވެ.

"މާނައަކީ؟" ހައިލަމް ނުނަޒަރަކުން ބަލައިލީ ސީދާ އަލޫކަށެވެ.

"ހުރިހާ ކަމެއް ވެސް ހިނގަމުން މިދަނީ އެއް އުސޫލަކުން. އެއް މަގަކުން. އެނގޭތަ ދެން ކަންތައްވާން އޮތް ގޮތެއް." އަލޫކު އެކި ތަނުން އެކި ވާހަކަ ނަގައި އެއްކޮށްލިއެވެ.

ނޫނެކޭ ބުނުމުގެ ގޮތުން ހައިލަމް ބޯ ހަރަކާތްކޮށްލިއެވެ. އަލޫކު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އޭނާ ބަލައިލީ އަލޫކުގެ މޫނަށެވެ.

"ހައިލަމަށް ކޯހެއް ލިބުން، ހައިލަމް ކޯހަށް ފުރުން. އެވެސް ވަންވޭއެއް،" އަލޫކު ތުންފަތް އޫކޮށްލުމަށްފަހު އެއްފަރާތަކަށް ތުންފަތް އަނބުރައިލިއެވެ. "މީ ތި ސީރީޒްގެ ސީކުއެންސަކީ."

"މާނައަކީ؟" ހައިލަމް ފުން ނަޒަރަކުން ވިސްނަން އިނދެ ބުނެލިއެވެ.

"މަތިއެޅުން، ފޮރުވުން. އޮޅުވާލުން ބޮނޑިދިނުން." އަލޫކު ކޮޅަށް ތެދުވިއެވެ.

ކޮޓަރީގެ އެއް ކަނުގައި ހުރި ކުޑަ އަލަމާރިން ފެންފުޅިއެއް ހިފައިގެން އައިސް ތަށްޓަށް އެޅުމަށްފަހު ހައިލަމަށް ދިއްކޮށްލިއެވެ.

"ވަރަށް ހާސްވެ ކަރުހިއްކައިގެންފަ އެއްނު ތިއިނީ." އަލޫކު ހިނިތުންވެލިއެވެ.

"ނޫން." ހައިލަމް މޫނު ފޮހެލަމުން ނޫންކަމަށް ހެދުނެވެ.

އަލޫކު ގާތަށް ހިނިއައެވެ. އޭނާ ލުއި ގޮތަކަށް ބަލައިލިއެވެ.

"މޫނުމަތީގައި ބޮޑެތި މަންޒަރުތައް ކުރެހި އެ މަންޒަރުތައް އެހެން މީހުންނަށް ފެންނައިރު ވެސް ނޫންކަމަށް ހެދެން ތިއުޅެނީ." އަލޫކު ލާނެތް ގޮތަކަށް ހީނލިއެވެ.

"މުޅިން އެހެންނެއް ނޫން."

"އޯކޭ. ކޮބާ ހައިލަމްގެ ބޭނުމަކީ؟ ކީއްވެ މިއަދު އަހަރެންގެ އެހީ ބޭނުންވެގެން ތިއުޅެނީ؟ ސާފުކޮށް ބުނެދޭންވީނު ވެގެން އުޅޭ ގޮތެއް." އަލޫކު ސުވާލުތައް މިނާ ފުށްތަކެއްހެން އެއް ފަށްޗަކަށް އަމުނައިލިއެވެ.

ހައިލަމް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އޭނާއަށް ހަވާލުކުރެވިފައިވާ ޒިންމާތަކާއި އޭނާގެ މަގުސަދު ސާފުކޮށް އަލޫކަށް ކިޔައިދިނެވެ. އަދި އޭނާ އަލޫކުގެ އެހީއަށް އެދެން ޖެހުނު ސަބަބާއި އޭނާއަށް އެކަމުގައި ފެންނަމުންދާ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކުރިއެވެ.

"ވަރަށް ސާފުކޮށް މި ބުނެދިނީ. އަހަންނަށް އެނގޭ އަލޫކަށް އަހަންނަށް އިތުބާރު ވެސް ނުކުރެވޭނެ ކަން. އެކަމަކު ވެސް މި ކަމުގައި އަހަންނަށް އެހީވެދެން ހުރި ހަމައެކަނި މީހަކަށް އަހަންނަށް ފެނުނީ އަލޫކު." ހައިލަމް ލަސްލަހުން ބުނެލިއެވެ.

"ބަދަލުގައި އަހަންނަށް އޮތީ؟" އަލޫކު ފުން ނޭވާއެއް ބޭރުކޮށްލިއެވެ.

"އަލޫކު ބޭނުން ކޮންމެ ކަމެއް. ޔަގީނުއް ވެސް އަހަރެން އުމުރު ދުވަހަށް ރައްޓެއްސެއްގެ މަގާމު ލިބޭނެ. އަލޫކަށް ކަމެއް ޖެހޭ ކޮންމެ ދަނޑިވަޅެއްގައި މަދަދުވެރިއަކަށް އަހަރެން ހުންނާނެ."

"ދެން؟" އަލޫކު ދެވަނަ ސުވާލު ކޮށްލިއެވެ.

"މި ބިރުވެރިކަމުން މުޖުތަމައު ސަލާމަތް ކުރެވޭނެ." ހައިލަމް ވިސްނައިލުމަށްފަހު ބުނެލިއެވެ.

"އެ ނިމުނީ." އަލޫކު ދަތްޕިލައަށް ބާރުކޮށްލިއެވެ.

"އަލޫކު ބޭނުންވާ ކަމެއް ބުނެބަލަ. އޭރުންތާ އެނގޭނީ." ހައިލަމް އަހައިލިއެވެ.

"އަހަރެން ބޭނުންވަނީ ހަމަ އެންމެ ކަމެއް. ހަމަ އެންމެ ކަމެއް." އަލޫކު ލަސްލަހުން ބުނެލިއެވެ.

އޭނާގެ އަޑުގައި ޖޯޝް ހުއްޓެވެ. އާދަޔާ ހިލާފު ރާގެއް ވެސް ހުއްޓެވެ. ރިހުމާއި ވޭން އެކުލެވެއެވެ. އެކަން ހައިލަމަށް ވެސް ދެނެގަނެވުނެވެ.

"ކޮބާ އެ ކަމަކީ؟" ހައިލަމް ބަލައިލީ އަލޫކުގެ މޫނަށެވެ.
(ނުނިމޭ)