ދުނިޔެ

އެމެރިކާއާ ހެދި އަރަބި ލީގްގައި ހަރަކާތްތެރިވާން ސީރިއާއަށް ދަތި: ޔޫއޭއީ

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް އެމެރިކާއިން އަޅާފައި ހުރި ދަތިކުރުންތަކާ ހެދި އަރަބި ލީގްގައި ފުރިހަމައަށް ސީރިއާ ތަމްސީލްކުރުން ދަތި ކަމަށް ޔުނައިޓެޑް އަަރަބް އެމިރޭޓްސްގެ ފޮރިން މިނިސްޓަރު ޝޭހް އަބްދުﷲ ބިން ޒައިދު އަލް ނަޙްޔާން ވިދާޅުވެއްޖެ އެވެ. ވަޒީރު މިހެން ވިދާޅުވީ ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފްއާ އަންގާރަ ދުވަހު އަބޫ ދާބީގައި ބައްދަލުކުރައްވައި ބޭއްވި ނިއުސްކޮންފަރެންސެއްގަ އެވެ.

އެމެރިކާއިން އަސަދަށާއި ސަރުކާގެ އިސްވެރިންނަށް އަޅާފައި އޮންނަ ދަތިކުރުންތަކަށް ކިޔާ ނަމަކީ "ސީޒާ ސީރިއާ ސިވީލިއަން ޕްރޮޓެކްޝަން އެކްސް 2019" ނުވަތަ "ސީޒާ އެކްޓް" އެވެ. މިއީ ސީރިއާގައި އަސަދުގެ ސަރުކާރުން ހިންގާ ލާއިންސާނީ ޖަރީމާތައް ބަލައި ފިޔަވަޅުއެޅުމަށް އުފެއްދި ހަރަކާތެކެވެ. އެމެރިކާ ބުނާ ގޮތުގައި އަސަދު ވަނީ ކުށެއް ނެތް އިންސާނުންނަށް ނުބަލައި ހަމަލާ ބަދަލުކުރުން މައްސަލައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އަރަބި ލީގަށް ސީރިއާ ގެނައުމުގައި އެގައުމުގެ ޝައުގެވެރިކަން އޮންޖަންހެޖޭ ކަމަށް އަބްދުﷲ ބިން ޒައިދު އަލް ނަޙްޔާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަރަބި ލީގުގައި ހިމެނޭ އެހެން ގައުމުތަކުން ވެސް ސީރިއާގެ ފުރިހަމަ ބައިވެރިވުމަށް އުންމީދުކުރާ ކަމަށެވެ.

ރަޝިއާއަށް ތައުރީފްކުރައްވައި ވަޒީރު ވިދާޅުވީ ރަޝިއާއަކީ ގާތް އެކުވެރިއެއް ކަމަށާއި އިތުބާރުބޮޑު ގައުމެއް ކަމަށެވެ. އަދި ވިދާޅުވީ މިއަހަރު ރަޝިއާއާއެކު އާއެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެ ކަމަށާއި ވިޔަފާރީގެ ބިޔަ ޕްރޮޖެކްތައް އަދި ހުރީ ކަމަށެވެ.

ސަރުގޭ ލަވްރޯފް ވެސް ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ތައުރީފްކުރައްވައި މާޒިއަށް ބައްލަވާލެއްވި އެވެ. އަދި ވިދާޅުވީ ސަރަހައްދީ މަހަޖެހުމަށް ވެސް ރަޝިއާ އެހީތެެރިވެދެއްވާނެ ކަމަށެވެ.