ގައުމީ ޔުނިވާސިޓީ

ދައުރުވާ ފޮޓޯގެ ވާހަކަ އެމްއެންޔޫއެސްޔޫން ކިޔައިދީފި

ގައުމީ ޔުނިވާސިޓީގެ ފިރިހެން ދަރިވަރަކު ބަނުމަށް ފަހު، އަންހެން ބޭނުން ކުރާ ހެދުމާއި އަދި އަންހެނުންގެ "އެތެރެހެދުން" ލައްވާފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ދައުރުވެ އެއަށް އާންމު ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ޔުނިވާސިޓީގެ ސުޓޫޑެންޓް ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އެ ފޮޓޯއާ ގުޅޭ ގޮތުން ވާހަކަ ދައްކައި ފޮޓޯގެ ވާހަކަތަކެއް ކިޔައިދީފި އެވެ.

އަންހެން "އެތެރެހެދުން" އަޅުވައިގެން ނެގި ފިރިހެން ކުއްޖާގެ ފޮޓޯ ބޭރަށް ނެރެ ދައުރު ކުރާން ފެށީ އިއްޔެ އެވެ. ފޭސްބުކާއި ޓްވިޓާގައި އެ ފޮޓޯ އިއްޔެއިން ފެށިގެން ހަލުއިކޮށް ދައުރުވެފައި ވެއެވެ. އެދި އެއާ ގުޅުވައި މީހުން ބުނެފައިވަނީ އެއީ ބުލީ -- ހަނގާ -- ކުރުމުގެ އަމަލެއް ކަމަށެވެ.

އެމްއެންޔޫއެސްޔޫ އިން ވާހަކަ ދެއްކީ ނެރުނު ނޫސް ބަޔާނެއް މެދުވެރިކޮށެވެ. އެ ބުނެފައި ވަނީ މިހާރު ދައުރު ވަމުންދާ ފޮޓޯގަނޑަކީ 2019 ވަނަ އަހަރު ޔުނިވާސިޓީގެ ދަރިވަރުންތަކެއްގެ މެދުގައި ހިނގި "މަޖާ ކުރުމެއް" ގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ކަމަށެވެ. އެމްއެންޔޫއެސްޔޫގެ އޮފީހުގައި އެ ޔޫނިއަންގެ ހަރާތްތަކުގެ ބައެއް އިސް ދަރިވަރުން އުފަން ދުވަސް ފަދަ ހާއްސަ ދުވަސްތައް އަބަދު ވެސް ފާހަގަ ކުރާ ކަމަށާއި ދައުރުވާ އެ ފޮޓޯ އައިސް ފައި ވަނީ އެފަދަ ހަރަކާތެއްގެ ތެރެއިން ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ބަޔާން ބުނާ ގޮތުގައި ކުރީން ވެސް އެ ފޮޓޯ ސަމާލުކަަށް އައެވެ. އަދި އޭރު އެކަން ފާހަގަ ކުރެވުމާއެކު ޔޫނިއަނުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އެ ކަމުގައި ބުލީ ކުރުމުގެ އެއްވެސް އަމަލެއް ހިނގާފައި ނުވާ ކަމެއް ކަން ކަށަވަރު ކޮށްފައިވެއެވެ.

އަދި ދަރިވަރުން ބޭނުން ކުރަމުން އައި ނުރަސްމީ ވައިބާ ގްރޫޕަކަށް އެފޮޓޯ އޭރު ޝެއާ ކުރުމާއެކު އެފަދަ ކަމެއް ތަކުރާރު ނުކުރަން ކުރީން ވެސް ނަސޭހަތްތެރި ވެސް ވެފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.