ދުނިޔެ

ސިކުންތުކޮޅެއްގެ ތެރޭގައި އިޒުރޭލަށް ރައްދުދޭނަން: އިރާން

އިޒުރޭލުން ބަދަލުހިފުމުގެ ގޮތުން އީރާނަށް އާހަމަލާއެއް ދީފި ނަމަ، ރައްދުދިނުމަށް ސިކުންތުކޮޅެއްވެސް ނުނަގާނެ ކަމަށް އީރާންގެ ޚާރިޖީ ވުޒާރާއިން ބުނެފި އެވެ.

އީރާންގެ ހާރިޖީ ވަޒީރުގެ ނައިބު އަލީ ބާގިރީ ކާނީ މިހެން ވިދާޅުވީ އީރާންގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ސީރިއާގެ ވެރިރަށް ދިމިޝްގްގައި ހުންނަ އީރާންގެ އެމްބަސީ އިމާރާތަށް ޒަޔަނިސްޓުން ދިން ހަމަލާ އަކީ ޔަހޫދީން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށް ބާގިރީ ވިދާޅުވި އެވެ.

ޒަޔަނިސްޓުން އިސްވެ ހަމަލާދިނުމަށް ފަހު އަނެއްކާ ވެސް ހަމަލާދޭ ވާހަކަ އެ ދައްކަނީ އީރާން ހިމޭނުން އޮންނާނެ ކަމަށް ހީކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާން އަތުގައި ޒަމާނީ ހަތިޔާރު އެބަހުރި ކަމަށާއި، އިޒުރޭލުގެ ހަމަލާއެއް އީރާނަށް ފޯރުމުގެ ކުރިން ރައްދު ހަމަލާތަައް ތައްޔާރުކުރާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބާގިރީ ވިދާޅުވި ގޮތުގައި ސިޔާސަތަކީ ބަދަލަށް ބަދަލުހިފުމެވެ. ޒަޔަނިސްޓުން ބަދަލުހިފައިފި ނަމަ އިރާނުން ވެސް ބަދަލުހިފާނެ އެވެ.

އިޒުރޭލުގެ ހަމަލާތަކަށް ބަދަލުހިފާނެ ކަމަށް އީރާނުން ކުރިން ބުނި ފަދައިން މިފަހަރު ވެސް އޮތީ ހަމަ އެ ބުނުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މިފަހަރު އީރާނުން ދޭ ރައްދު ތަންކޮޅެއް ވަރުގަދަ ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާނުން ރައްދު ދިނުން ލަސްނުކުރާނެ ކަމަށް ވެސް ބާގިރީ ވިދާޅުވި އެވެ. ތިން ހަފުތާ ވަންދެން -- މަސްދުވަސް ވަންދެން އީރާން މަޑުނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާންގެ ހަމަލާތައް ވަގުތުން ވަގުތަށް ތަންފީޒުކުރެވި ޒަޔަނިސްޓުންނަށް ހައްގު އަދަބު ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޒުރޭލަށް ހޮނިހިރު ދުވަހު ހަމަލާދިނީ ރައްދުދޭނެ ކަމަށް ވިސްނައިގެން ކަމަށް ވެސް ބާގިރީ ވިދާޅުވި އެވެ. މި ވިސްނުމުގައި އީރާން މިހާރު ވެސް އޮތީ މިސައިލުތަކުގައި ރޯކުރަން ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.