އަތޮޅުތަކުގައި ގެދޮރުވެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރަށްރަށުގައި ގެތައް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި 1.5 ބިލިއަން ރުފިޔާ ބަޖެޓްކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވި މީގެ ކުރިން އެ މަސައްކަތް ކުރަން ލޯން ނަގައި ފައިނޭންސް ހޯދައިގެން ކޮންޓްރެކްޓަރުން ލައްވައި ކުރަން އުޅުމުން އެކަން އެންމެ އެދެވޭ ގޮތަށް ނުދިޔަ ކަމަށެވެ. އަދި އެ މަސައްކަތްތަކަށް ކުރާ ހަރަދު 20 އަހަރުވެސް ގިނަ ފަހަރު ކޮންޓްރެކްޓަރުންނަށް ނުލިބޭކަން ފާހަގަކުރެއްވި އެވެ.
"އެހެންވީމާ ދައުލަތުގެ ބަޖެޓުން 1.5 ބިލިއަން ރުފިޔާ ރަށްރަަށަށް ހަރަދުކޮށްގެން އެކަން ކުރުމަށް ޕްރޮޖެކްޓެއް ހިންގުމަށް. އަދި އިރާދަކުރެއްވިއްޔާ މި އަހަރު އިރާދަ ކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި 175 މިލިއަން ރުފިޔާގެ ލޯން ހަތް ލައްކަ ރުފިޔާއަށް ކެޕްކޮށްފައި ހަ ޕަސެންޓްގައި ލޯން ލިބޭ ސްކީމެއް އެޗްޑީއެފްސީން ހުޅުވާލާނަން. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި އެ ފަންޑު 500 މިލިއަނަށް ބޮޑުކުރުން
އެއީ އެމީހާ އަމިއްލަ އަށް ގެދޮރު ބިނާކުރަން ނުވަތަ އަޅާފައި ހުރި ތަނެއް ނިންމުމަަށް ނަގާނެ ލޯނު" މިނިސްޓަރު ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ކޮންޓްރެކްޓަރުން ލައްވާ ރަށްރަށުގައި މަސައްކަތް ކުރުވުމުން ބޮޑު ހަރަދެއް ކުރަން ޖެހުނަސް ރަށްރަށުގައި ގެދޮރުއެޅުމުގެ މަސައްކަތް ކުރާ ފަރާތްތަކަަށް ގިނަ ފަހަރ އެކަން ހަތް ލައްކައެއްހާ ރުފިޔާއިން އެކަން ވާނެކަަމަށް ބެލެވޭ ކަމަށެވެ.
މީގެ ކުރިންވެސް މި ސަރުކާރުން ވަނީ ރަށްރަށުގައި ގެދޮރު އަޅައި ދިނުމަށް ބޭނުންވާ ފަރާތްތައް ހޯދުމަށް އިއުލާންކޮށްފަ އެވެ. ނަމަވެސް އެކަމުގެ އަމަލީ އެއްވެސް ސިފައެއް ނުފެނެ އެވެ. އަދި ފަހުން އަސްލަމް ވިދާޅުވީ އޭރު އެކަން އިއުލާންކުރީ ހަމައެކަނި ހައުސިންއަށް އޮތް ޑިމާންޑް އޮތް ވަރުު ބެލުމުގެ ނިޔަތުގައި ކަމަށެވެ.