ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މީރާ

މީރާގެ އަންދާޒާ އަށް ވުރެ އާމްދަނީ 41 ޕަސެންޓް އިތުރު

Mar 10, 2021

މިދިޔަ މަހު ރާއްޖެ އަށް ލިބުނު ޖުމްލަ އާމްދަނީ މަހު 30.9 ޕަސެންޓް ދަށެވެ. ނަމަވެސް މިއީ މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަންދާޒާ ކުރި ވަރަށް ވުރެ 41.2 ޕަސެންޓް އިތުރު ވުމެކެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން ބުނީ މިދިޔަ މަހު އެ އޮތޯރިޓީ އަށް ބަލައިގެންފައިވަނީ 994.12 މިލިއަން ރުފިޔާ ކަމަށެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އަށް ވުރެ 30.9 ޕަސެންޓުގެ ދަށް އަދަދެކެވެ.

މީރާ އިން ބުނީ މިދިޔަ ފެބްރުއަރީ މަހު ލިބުނު އާމްދަނީ މިދިޔަ އަަހަރާ އަޅާބަލާއިރު ދަށްވުމުގެ މައިގަނޑު ސަބަބަކީ ސަބަބަކީ ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދު ހީނަރުވުމެވެ. އިގްތިސޯދީ މި ހާލަތުގެ ސަބަބުން ގްރީން ޓެކުހާއި ބީޕީޓީ އަދި އެއާޕޯޓް ޓެކުހާއި ފީ ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފަ އެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބުނު ނަމަވެސް، މިދިޔަ ފެބްރުއަރީ މަހު މި ޓެކްސް ނުލިބުމަކީ ވެސް އާމްދަނީ ދަށްވުމުގެ ސަބަބެކެވެ.

މީރާ އިން ބުނީ އާމްދަނީ ދަށްވިނަމަވެސް ޓޫރިޒަމް ދާއިރާގެ އިގްތިސޯދު މިހާރު ރަނގަޅުވަމުން ދާތީ، މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށް ވުރެ އާމްދަނީ 41.2 ޕަަސެންޓް ވަނީ އިތުރު ވެފައިވާކަން ފާހަގަ ކުރެވެ އެވެ.

"މީގެ ސަބަބަކީ ޓީޖީއެސްޓީ އާއި ގްރީން ޓެކުހާއި ޓޫރިޒަމް ލޭންޑް ރެންޓް، ޖީޖީއެސްޓީ އަދި އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމެވެ،" މީރާ އިން ބުނެފައިވެ އެވެ.

މިދިޔަ ފެބްރުއަރީ މަހު މީރާ އަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. ޖީއެސްޓީގެ ގޮތުގައި 672.79 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ.

މި ޓެކުހުން 107.47 މިލިއަން ރުފިޔާ ލިބުނެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 63.54 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 34.08 މިލިއަން ރުފިޔާ އަދި އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި 33.46 މިލިއަން ރުފިޔާ ލިބުނުއިރު، އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 82.77 މިލިއަން ރުފިޔާ އެވެ.