ބޯހިޔާވަހިކަން

މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ބިމެއް ހިއްކަނީ

މާލޭ ސިޓީގައި ހިމެނޭ މާލޭގެ ރައްޔިތުންނަށް ގޯތި ދޭން އިތުރު ބިމެއް ހިއްކަން ނިންމާފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެ އެވެ.

ގުޅީ ފަޅުން ގޯތި ދިނުމުގެ ބަދަލުގައި މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ ވިސްނުމެއް އެބަ އޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިިދިޔަ ހަފުތާގައި ވިދާޅުވެފަ އެވެ.

އެ ތަފުސީލުތައް ހޯއްދަވަން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު މަޖިލީހުގައި ސުވާލެއް އަމާޒު ކުރެއްވީ ޕްލޭނިން މިނިސްޓަރު އަސްލަމަށެވެ. އީވާ އެ ސުވާލު ކުރެއްވި ނަމަވެސް އަސްލަމް އެކަމާ ގުޅޭ ގޮތުން މާބޮޑު ތަފްސީލެއް ދެއްވާކަށް ބޭނުންފުޅުގެ ވަޑައެއް ނުގެންނެވި އެވެ. އޭނާގެ އާދައިގެ މަތީން ދެއްކެވީ މުޅީން އެހެން ވާހަތަކެކެވެ.

އެ ސުވާލާ ގުޅޭ ގޮތަށް މިނިސްޓަރު އަސްލަމް ހަމައެކަނި ވިދާޅުވީ "ކުރެއްވި ސުވާލަކީ އެކި ފަހަރު މަތިން ގުޅި ފަޅުގައި 1200 އަކަފޫޓުގެ ބިންކޮޅެއްގެ ވާހަކަ ނުވަތަ ގޯތި ދޭ ވާހަކަ ނޫންކަން" އެނގިވަޑައިގަންނަވާ ކަމަށެވެ.

"ރައީސް ދާދި ފަހުން ވިދާޅުވި އަދި އެހެން ވިސްނުމެއް އެބަ ގެންގުޅުއްވަމޭ އިތުރު ގޯތި ލިބޭނެ ގޮތެއް ހެއްދެވުމަށް. އަޅުގަނޑަކަށް ނޭގެ އަޅުގަނޑު ކަމެއް މިކަން އިއުލާނު ކުރަން ޖެހޭނީއެއް. އަޅުގަނޑަށް އެނގޭ ސަރުކާރުގެ ވިސްނުމެއް އެބައޮތްކަން އިތުރު ބިމެއްގެ ވިސްނުމެއް މާލޭގެ ރައްޔިތުންނަށް" އަސްލަމް ވިދާޅުވި އެވެ.

ނަމަވެސް މިނިސްޓަރު އަސްލަމްގެ ވާހަކަ ނިންމާލެއްވުމުން ރައީސް ނަޝީދު ވަނީ އެ މަޝްރޫއުގެ ތަފްސީލެއް އެ މަނިކުފާނަށް އެނގިވަޑައިގަންނަވާތީ ތަފުސީލެއް ދެއްވާފަ އެވެ. ވިދާޅުވީ މާލޭ މީހުނަށް ބިން ކަނޑާފައި ގޯތި ދޭން ބިން ހިއްކުމަށް ބޭނުންވާ ލޯނު ނެދަލެންޑްސްގެ އައިއެންޖީ ބޭންކުން ނެގުމަށް މިހާރު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. ލޯން ހަމަޖެހުނުހާ އަވަހަަކަށް ބިން ހިއްކަަން ފަށާނެ ކަމުގެ އުއްމީދު ރައީސް ނަޝީދު މިއަދު ދެއްވި އެވެ.

ރާއްޖޭގެ ރައްޔިތުންްގެ ތެރެއިން ބޯހިޔާވަހިކަމަށް މިވަގުތު 17،000 އާއިލާ ބޭނުންވާކަމަށް އެކަމާ ގުޅޭ ގޮތުން ހެދި ސާވޭއިން ދައްކާ ކަމަށް މިނިސްޓަރު އަސްލަމް ވަނީ ވިދާޅުވެފަ އެވެ. އަދި ފޯރުކޮށްދޭއިރު މާލޭގެ 5530 އާއިލާއަަކަށް ގެދޮރުވެރިކަން ހަމަޖައްސައި ދޭނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.