ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމަށް ފާހަގަ ކުރަން ބޭނުންކުރާނެ ލޯގޯ ލޯންޗް ކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަދި މަޓާޓޯ އާއި ބޯޓިން އެސޯސިއޭޝަން އަދި އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓް (އާޓާ) ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި 50 އަހަރުގެ ލޯގޯ ލޯންޗް ކޮށްދެއްވީ މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) އެވެ. މީގެ އިތުރުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އާއި ރާއްޖޭގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަހުމަދު މުޖުތަބާ ވެސް ބައިވެރިވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްވަމުން ރާއްޖެ އަށް ޓޫރިޒަމް ގެނެސްދެއްވި އެއް ބާނީ ކަމަށްވާ އެމްޔޫ މަނިކު ވިދާޅުވީ ރާއްޖޭގެ އެންމެ މުހިންމު އެއް ކަމަކީ ނެޗުރަލް ބިއުޓީ ކަމަށެވެ.
"ޓޫރިޒަމް ފެށިގެން އައީ ވަރަށް ސިމްޕަލްކޮށް، މިއީ ބޮޑު މަސައްކަތެއް،" އެމްޔޫ ވިދާޅުވި އެވެ
އަންނަ އަހަރު ފާހަގަ ކުރާ، ޓޫރިޒަމްގެ ރަންޔޫބީލް ލޯގޯ ފަރުމާކޮށްފައިވަނީ އަބްދުﷲ ނަޝާތު އާއި އަހުމަދު އަޒްލީފް އެވެ. މި ލޯގޯއިން ރާއްޖޭގެ ސަފާތަކާއި ރާއްޖޭގެ ރީތިކަން ފެނިގެން ދެ އެވެ.
މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ އަންނަ އަހަރު ޓޫރިޒަމްގެ ރަންޔޫބިލް ފާހަގަ ކުރާއިރު، އެންމެ އިސްކަމެއް ދޭނީ ދިވެހިންނަކީ ޓޫރިޒަމްގެ ވެރިންނަށް ހެދުމަށް ކަމަށެވެ. އެކަމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.