ދުނިޔެ

އެމެރިކާ ސިފައިން ބައިތިއްބަން ކޮރެއާއިން އެއްބިލިއަން ޑޮލަރު

ސައުތު ކޮރެއާގައި އެމެރިކާ ސިފައިން ބޭތިއްބުމަށް އެ ގައުމުން ކުރާ ހޭދަ އިތުރު ކުރަން އެއްބަސްވެއްޖެ އެވެ. ލޯކަލް މިޑިއާ ބުނާ ގޮތުން ސައުތު ކޮރެއާއިން މިހާރަށް ވުރެ 13.9 ޕަސެންޓް އިތުރު ކުރާނެ އެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ބުނި ކަމަށް ސައުތު ކޮރެއާ މީޑިއާއިން ބުނީ އެ ގައުމުގަގައި ސިފައިން ބޭއްތިއްބުމަށް 1.03 ބިލިއަން ޑޮލަރު އެމެރިކާއަށް ދައްކާނެ ކަމަށެވެ. މިއީ ހަ އަހަރު ދުވަހުގެ އެއްބަސް ވުމެކެވެ.

ސައުތު ކޮރެއާގައި މިހާރު ވެސް 28،500 އެމެރިކާ ސިފައި އެބަ ތިއްބެވެ. އެއީ ސުލްހަ ބެލެހެއްޓުމުގައި ސައުތު ކޮރެއާއަށް އެހީތެރިވުމަށާއި ސަރަހައްދީ ސުލްހަ ބެލެހެއްޓުމަށެވެ. ނޯތު ކޮރެއާއިން ދީފާނެ ހަމަލާއަކުން ސައުތު ކޮރެއާ ދިފާއު ކުރުމަކީ ވެސް އެމެރިކާގެ ޒިންމާއެކެވެ. ސިފައިންނަށް ހިނގާ ހަރަދު ބަލަހައްޓަނީ ދެ ގައުމު ހިއްސާ ވެގެންނެވެ. ދެގައުމު ހަރަދަށް ޒިންމާވާ ގޮތަށް ޖަޕާނުގައި ވެސް އެމެރިކާ ސިފައިން ތިބެ އެވެ.

ސިފައިންނަށް ހިނގާ ޚަރަދު އަގުމަގުކޮށް ކޮންމެ ފަސް އަހަރަކުން ބަދަލުގެނެ އެވެ. އެގޮތުން ކޮންމެ ފަހަރަކުވެސް ކުރީ ފަހަރަށް ވުރެ އަދަދުތައް މަތިވަމުންދެ އެވެ. ތަކެއްޗާއި ވަސީލަތްތައް އަގުބޮޑުވުމަކީ ވެސް އެމެރިކާއަށް ދައްކަންޖެހޭ އަދަދު އިތުރުވާ ސަބަބެކެވެ.

ފޮރިން އެފެއާޒް މިނިސްޓްރީއާ އެމެރިކާ މިލިޓަރީ މަޝްވަރާކޮށް ބަޖެޓް ކަނޑައެޅި ނަމަވެސް ހޭދަކުރުމަށްޓަކައި ސައުތު ކޮރެއާ ޕާލަމެންޓުން ހުއްދަހޯދަން ޖެހެ އެވެ.

މިއެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުން އޮންނާނީ އަންނަ ހަފުތާގަ އެވެ. އެއީ އެމެރިކާ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އަދި ޑިފެންސް ސެކްރެޓަރީ ލޮއިޑް އޯސްޓިން ސައުތު ކޮރެއާއަށް ކުރައްވާ ދަތުރުގަ އެވެ.