ރިޕޯޓް

މިއަދު އެންމެ ސަކްސަސް ސްޓޯރީއަކީ ރާއްޖެ

Mar 11, 2021
14

މިދިޔަ އަހަރުގެ މާޗް މަހު ރާއްޖޭން ފެނުނު ފޮޓޯގައި މުޅި ރާއްޖެ ތިބީ މާޔޫސްކަމުގަ އެވެ. ދުނިޔެ ބަލިކޮށްލި "ބޮޑުބަލި" ކޮރޯނާ ވައިރަސްގެ ސަބަބުން ދުނިޔޭގެ ބޮޑެތި އިގްތިސޯދުތައް ކަކޫމަތީގައި ތިބިއިރު ރާއްޖޭގެ ހާލަތު އޮތީ އަދިމާގޯސް ކޮށެވެ. ސަބަބަކީ ރާއްޖޭގެ އިގްތިސޯދުގެ މައި ތަނބަކަށް ހަމައެކަނި ޓޫރިޒަމް އޮތުމެވެ. އެހެންވެ ސަރުކާރުގެ ވެރިންގެ އެންމެ ބޮޑު ބިރަކަށް އޮތީ ރާއްޖެ ބަނޑަަށް ޖެހިދާނެ ކަމުގެ ބިރުވެރިކަން އޮތުމެވެ. އިގްތިސޯދު ހުއްޓި ރާއްޖެ ފަގީރުވެދާނެ ކަމަށެވެ. އެހެންވެ ސަރުކާރުން ތައްޔާރުވީ އަވަސް ފިޔަވަޅުތަކެއް އަޅާށެެވެ. އަވަހަށް ބޯޑަރު ހުޅުވޭނެ ގޮތެއް އޮތްތޯ ބެލި އެވެ. ޓޫރިޒަމް އިންޑަސްޓްރީ އިން އެދަމުން ދިޔައީ އެކަމަށެވެ. އިންޑަސްޓްރީގެ ވަރު ގަދަ "ޕްރެޝަރާ" އެކު ޖުލައި 15 ގައި ބޯޑަރު ހުޅުވި އެވެ.

މި ހުޅުވުންވީ ދުނިޔެ އަށް ރާއްޖޭން ދިން "ސަޕްރައިޒް" އަކަށެވެ. ބޮޑު ބައެއްގެ މެދުތެރޭގައި އަދި ވާނެ ގޮތެއް ނޭނގި އޮއްވައި ނެގި މި ފިޔަވަޅުވީ ދިވެހިންނަށް އެތަށް ބައެއްގެ ތައުރީފު އޮއްސާލި ކަމަށެވެ. ދުނިޔޭގެ މަޝްހޫރު އެއް ނިއުސް ސައިޓް ކަމަށްވާ ސީއެންއެން އިން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ދުނިޔޭގެ ޓޫރިޒަމްގައި އެންމެ ކާމިޔާބު "ސްޓޯރީއަކީ" ރާއްޖެ އެވެ.

"މީގައި ދައްކާނެ އިތުރު ވާހަކައެއް ނެތް. ސަރުކާރުން ނެންގެވި ސްޓެޕްސް ތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ބޯޑަރު ހުޅުވުމާއި ޓޫރިޒަމް ހިންގުމުގައި ސަރުކާރާއި އެމްއެމްޕީއާރުސީ އިން ކުޅެފައިވަނީ ވަރަށް މުހިންމު ރޯލެއް. ވަރަށް ރަނގަޅަށް މިކަން ކުރިއަށް ގެންގޮސްފައިވަނީ،" ޓޫރިޒަމް ހުޅުވަން ސަރުކާރުން ކުރިއަށް ގެންދިޔަ ގޮތަށް ތައުރީފު ކުރައްވަމުން ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ ޗަމްޕާ ހުސެއިން އަފީފު ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ މި ސަކްސަސް ސްޓޯރީގެ ފަހަތުގައި އޮތީ ހަމައެކަނި ސަރުކާރުގެ މަސައްކަތް އެކަންޏެއް ނޫނެވެ. މީގެ ހަގީގީ އެފަޓްލި ބަޔަކީ ޕްރައިވެޓް ސެކްޓާ އެވެ. އަމިއްލަ ވިޔަފާރިވެރިންނެވެ. މިދިޔަ އަހަރު ބައި މިލިއަން މީހުންނާއެކު ނިންމާލެވުނީ މި މީހުންގެ ބުރަ މަސައްކަތުންނެވެ.

އަމިއްލަ ވިޔަފާރިވެރިންގެ ބަލީގެ އެންމެ ނުރައްކާތެރި ވަގުތުގައި ވެސް ދުނިޔޭގެ ކިރިޔާދެވޭ ވަރުގެ ތަންކޮޅެއް ލިބޭއިރަށް ދުނިޔެ އަށް ދަތުރު ކުރި އެވެ. އެކި ގޮތްގޮތުން ފުރުސަތު ހޯދައިގެން ބޯޑަރު ހުރަސްކޮށް ގައުމުތަކަށް ގޮސް ބޮޑެތި އެއާލައިންތަކާ ވާހަކަ ދެއްކި އެވެ. އަދި ދުނިޔޭގެ ބޮޑެތި ޗާޓަރު ފްލައިޓްތައް ރާއްޖެ ގެނެސްފައިވެ އެވެ.

"ބޯޑަރު ހުޅުވާލީ އިންޑަސްޓްރީގެ ބޮޑު ޝައުގުވެރިކަން ނަގައި ރާއްޖޭގެ ގިނަ ބައެއްގެ ވަޒީފާ ތަކެއް ނެތިދިޔަ ވަރުތެއްގައި. އެހެންނަމަވެސް މިހާރު ސްޓެޓިސްޓިކް ފެނޭ، ފުރަތަމަ 500 އިން ފެނިފަ މިހާރު 4،000 އާއި 5،000 ދޭތެރޭ ޑެއިލީ އާދެ. މިއީ ނޯމަލްކޮށް ހުރިއިރު ވެސް ގާތްގަނޑަކަށް އައި އަދަދު،" ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ، އާޓާގެ ރައީސް ޔޫސުފު ރިފްއަތު ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ރަންޔޫބީލްގެ ލޯގޯ ލޯންޗް ކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވި ގޮތުގައި އެ ކުންފުނިން ރާއްޖެ އިސްތިހާރު ކުރުމުގައި މިހާރު ވެސް އެތަށް ވެބިނާތަކެއްގައި ބައިވެރިވަމުންދާއިރު ބޯޑަރު ހުޅުވުމާ ބެހޭ ގޮތުން ގިނަ ގައުމުތަކުން ސުވާލު ކުރާ ކަމަށެވެ. މިކަންވަނީ ދުނިޔޭގެ ގިނަ ބަޔަކު ބަލައިގެންފައިވާ މިސާލަކަށްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން އެކްސްޕީރިއަންސްތައް ލައިވް ކުރަން ވަރަށް ގިނަ މަސައްކަތް ކުރިން. ކުރިއަށް އެބައޮތް ރާއްޖޭގެ އެކްސްޕީރިއަންސްއާ ބެހޭ ގޮތުން ފޮތެއް އެބަ ނެރެން. އަދި ދިވެހި ކަލްޗާއާ ގުޅިގެން ދުނިޔޭގެ އެކި މާކެޓުތަކަށް އެބަ ހުޅުވާލަން. އިރާދުކުރެއްވިއްޔާ މި ކަންކަމުން އިތުރު ކުރިއެރުން ލިބޭނެ،" ތޮއްޔިބު ވިދާޅުވި އެވެ.

ބޯޑަރު ހުޅުވުމުގެ މަސައްކަތާއެކު ރާއްޖެ މިހާރު މިޝްރާބު ޖަހާފައިވަނީ ޓޫރިސްޓުންގެ ބޮޑު އަދަދެއް ގެނައުމަށެވެ. އެކަން ކުރުމަށްޓަކައި ކޮވިޑް ވެކްސިން ޖަހަން ވަނީ ފަށާފަ އެވެ. ދިވެހިންނަށް ވެކްސިން ދިނުމަށްފަހު ވެކްސިން ޓޫރިޒަމްގެ ގޮތުގައި ޓޫރިސްޓުންނަށް ވެކްސިން ދޭން ފަށާނެ އެވެ. މިކަންވާނީ އަނެއްކާވެސް ދުނިޔެއަށް ދައްކާނެ އަނެއް ސަކްސަސް ސްޓޯރީ އަކަށެވެ.