އިނގިރޭސި ވިލާތުގެ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އިން އެ ބޭހެއް ބޭނުން ކުރުމުގެ ހުއްދަ މިދިޔަ އަންގާރަ ދުވަހު ދީފައިވާ ޒޮލްގެންސްމާއަކީ މިހާތަނަށް ދުނިޔޭގައި އުފައްދާ ބޭނުން ކުރަން ހުއްދަ ލިބިފައިވާ އެންމެ އަގު ބޮޑު ބޭހެވެ. މިއީ ވަރަށް މަދުން ފެންނަ ޖެނެޓިކް ޑިސްއޯޑާ އަކަށް ދޭން ހުއްދަ ދިން ބޭހެކެވެ.
މި ބޭސް އުފައްދާފައި ވަނީ ނޯވާޓިސް ޖީން ތެރަޕީޒް އިންނެވެ. އެންއެޗްއެސް އިންގްލެންޑުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ބޭހުގެ އެންމެ ޑޯޒެއްގެ އަގު 1.79 މިލިއަން ޕައުންޑަށް އަރަ އެވެ. މިއީ ދެ މިލިއަނަށްވުރެ ގިނަ ޑޮލަރެވެ.
މި ބޭހަކީ ސްޕައިނަލް މަސްކިއުލާ އެޓްރޮފީ (އެސްއެމްއޭ) ކިޔާ ޖެނެޓިކް ޑިޒީޒްއެއްގައި އުޅެންޖެހިފައިވާ އެތައް ކުދިންނެއްގެ ހަޔާތަށާއި އެ ކުދިންގެ އާއިލާތަކުގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނުވާނެ ބޭހެއް ވެސް މެއެވެ.
އެންއެޗްއެސްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ސްޕައިނަލް މަސްކިއުލާ އެޓްރޮފީއަކީ ތުއްތު ކުދިންނާއި ކުޑަކުދިން ޅަފަތުގައި މަރުވާން މެދުވެރިވާ މައިގަނޑު އެއް ބައްޔެވެ. އެހެންވެ އެންއެޗްއެސް އިން މި ބައްޔަށް ފަރުވާ ހޯދަން ދުރުކޮށްފައި މި ވަނީ ބޮޑު ފަރުބަދައެއް ކަމަށާއި މިއީ އެހާ ވެސް އަގުބޮޑު އަދި އެހާމެ ބުރަ މަސައްކަތެއް ކަމަށް އެ އެންއެޗްއެސްގެ ރަސްމި ބަޔާނުގައި ބުނެފައި ވެއެވެ.
ސްޕައިނަލް މަސްކިއުލާ އެޓްރޮފީ އަކީ ކޮބާ؟
ސްޕައިނަލް މަސްކިއުލާ އެޓްރޮފީ (އެސްއެމްއޭ) އަކީ ވަރަށް މަދުން ފެންނަ ޖެނެޓިކް މައްސަލަ އެކެވެ. މި މައްސަލަ އާއްމުކޮށް މެދުވެރިވަނީ ތުއްތު ކުދިންނާއި ކުޑަ ކުދިންނަށެވެ. ބަލި ޖެހުމުން ހަށިގަނޑުގައިވާ މަސްތަކުގެ ބާރުކެނޑި އެ ކުދިންގެ އަމިއްލަ ބާރުގައި ހަރަކާތްކުރަން ކުދިންނަށް ދަތިވެ އެވެ.
ފުރާނައަށް ނުރައްކާވުމުގެ ބިރު އިންތިހާއަށް އޮތް މި ބަލީގައި ބައެއް ކުދިންގެ ހަށިގަނޑުން ވާގިދެ އެވެ. ނޫންނަމަ މަސްތަކުގެ ބޭރު ތެރެވެގެން ގޮސް އަމިއްލައަށް ހަށިގަނޑުގެ ގުނަވަންތައް ގުޑުވާލުމުގެ ބާރު ވެސް މި ކުދިންގެ ނޯވެ އެވެ.
އެމެރިކާގައި އެކަނިވެސް އެވްރެޖްކޮށް އަހަރަކު މި ބަލިޖެހިފައިވާ 400 ކުދިން އުފަންވެ އެވެ. މި ބަލީގެ އެންމެ ބޮޑުވަރުވާ ވައްތަރަކީ 1އެސްއެމްއޭ އެވެ. މި ވައްތަރުގެ އެސްއެމްއޭ ހުންނަ ކުދިން އެވްރެޖްކޮށް ދުނިޔޭގައި ތިބެނީ އެންމެ ދެ އަހަރު އެވެ.
ޒޮލްގެންސްމާ އަކީ އެސްއެމްއޭ ހުންނަ ކުޑަކުދިންގެ ގަޔަށް އިންޖެކްޝަނެއް ގޮތަށް ޖަހާ އެއްޗެކެވެ. އައިވީގެ ޒަރިއްޔާއިން ފޮނުވަނީ މި އިންޖެކްޝަންގެ އެންމެ ޑޯޒެކެވެ. މި ބޭހުގެ ޒަރިއްޔާއިން ބަލިޖެހިފައިވާ ކުދިންގެ ހަށިގަނޑުން މަދުވާ އެމްއެމްއެން1 ޖީންގެ ބަދަލުގައި އެހެން ޖީން އުފެދެ އެވެ. އަދި މައްސަލަ ޖެހިފައިވާ ޖީންތައް ރަނގަޅުކޯށްދީ ހަށިގަނޑުގެ ހިނގުން ބަރާބަރު ކޮށްދެ އެވެ. މި ޖީން ތެރަޕީ އިން މުހިއްމު ޕްރޮޓީންތައް އުފައްދަ އެވެ. މިއީ ނާރުތައް ފަންކްޝަން ކުރުމަށާއި މަސްތަކުގެ ހަރަކާތްތައް ކޮންޓްރޯލްކުރުމަށް ބޭނުންވާ މުހިއްމު ޕްރޮޓީން އެކެވެ.
ޒޮލްގެންސްމާ އިން ފަރުވާ ދިނުމުން ވެންޓިލޭޓާ އާ ނުލައި ތުއްތު ކުދިންނަށް ނޭވާ ލުމުގެ ގާބިލްކަން ލިބެ އެވެ. އަދި އަމިއްލައަށް ތެދުވެ އިށީނދެލައިގެން އިނދެވުމާއި ފިރުކެން އަދި ހިނގުމުގެ ގާބިލްކަން ލިބޭކަމަށް ކުރިން ކޮށްފައިވާ ދިރާސާތަކަކުން ވަނީ ހާމަވެފަ އެވެ.
ޒޮލްގެންސްމާ އެހާ އަގުބޮޑު ވީކީއްވެ؟
ޒޮލްގެންސްމާ މަޝްހޫރުވެފައި ވަނީ "ޔަތީމު" ބޭހެއްގެ ގޮތުގަ އެވެ. މި ބޭހަށް މި ނަން ދީފައިވަނީ ބޭސް ބޭނުން ކުރަން ޖެހޭ މީހުންގެ އަދަދު އިންތިހާއަށް މަދުވުމުން ފާމަސޫޓިކަލް ކުންފުނިތަކަށް މި ބޭސް އުފައްދައިގެން އެއްވެސް ފައިދާއެއް ނުވާތީ އެވެ. މި ބޭސް ރިސާޗްކޮށް، އުފައްދާ އަދި ބާޒާރަށް ނެރުމަކީ ކޮންމެ ކޮންމެ ބަޔަކަށް ކުރެވޭ ވަރަށް ވުރެ މާ އަގުބޮޑު މަސައްކަތެކެވެ. ވަރަށް ގިނަ ކުންފުނިތަކުން މި ބޭސް އުފައްދަން ކުރަމުން ދިޔަ މަސައްކަތް ވެސް ވަނީ ނާކާމިޔާބު ވެފަ އެވެ.