ބޮލީވުޑް

ފަރްހާންގެ "ތޫފާން" ބޮއިކޮޓް ކުރަން ގޮވަނީ

ރާކޭޝް އޯމްޕްރަކާޝް މެހެރާ ޑައިރެކްޓްކޮށް ފަރްހާން އަހުތަރު ބަތަލުގެ ބައި ކުޅެފައިވާ "ތޫފާން" ރިލީޒް ކުރުމުގެ ކުރިން މައްސަލަތަކެއް ކުރިމަތިވެއްޖެ އެވެ. މި ފިލްމުގެ ބަތަލު ފަރްހާން ދެކެ އިންޑިޔާގެ ގިނަ ބަޔަކު ރުޅިއައިސް ފިލްމު ބޮއިކޮޓް ކުރަން މިހާރު ދަނީ ގޮވަމުންނެވެ. މިއީ ޖާންވީ ކަޕޫރުގެ "ގުންޖަން ސަކްސޭނާ: ދަ ކާރްގިލް ގާލް" އަށާއި އާލިއާ ބަޓްގެ "ސަޅަކް 2" އަށް ދިމާވި ކަހަލަ މައްސަލަ އެކެވެ.

ފަރްހާންގެ "ތޫފާން" ބޮއިކޮޓް ކުރަން ޓުވިޓާގައި ގިނަ ބަޔަކު ގޮވާ އަޑުގަދަ ކުރަމުން ދަނީ އޭނާގެ ސިޔާސީ ވިސްނުން ހުރި ގޮތުން އެކަމާ ނުރުހިގެންނެވެ.

މި ފިލްމު އަންނަ މޭ މަހުގެ 21 ވަނަ ދުވަހު އެމެޒޯން ޕްރައިމް ވީޑީއޯއިން ސްޓްރީމްކުރަން ފަށަން ވަނީ ހަމަޖެހިފަ އެވެ.

ފިލްމު ބޮއިކޮޓް ކުރަން ގޮވާ މީހުން ބުނަނީ މުނިފޫހިފިލުވުމަށް ވުރެ އެމީހުން އިސްކުރާނީ ގައުމު ކަމަށެވެ. ފަރްހާން ސޯޝަލް މީޑިއާގައި ފާޅުކުރާ ހިޔާލުތަކުން އޭނާއަކީ ވަތަނީ މީހުންނާ ދިމާ އިދިކޮޅު މީހެއްކަން ޔަގީންވާ ކަމަށާއި އެފަދަ މީހެއްގެ ފިލްމެއް ބަލަން އެމީހުންގެ ވަގުތާއި ފައިސާ އަދި ސަމާލުކަން ދޭން ބޭނުން ނުވާ ކަމަށެވެ.

އިންޑިއާގެ މުސްލިމުންގެ ތެރެއިން އެތައް ބައެއްގެ ސިޓިޒަންޝިޕް ނިގުޅައިގަނެވިގެން ދާއިރު ފަރްހާންގެ ޚިޔާލު އެމީހުންނާ ދެކޮޅަށް ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވެސް ފިލްމު ބޮއިކޮޓް ކުރަން ގޮވާ މީހުން ދަނީ ބުނަމުންނެވެ.