ހަބަރު

ހަތިޔާރުތަކާ މޮހޯއާ ގުޅުމެއް ނެތް: ލޯޔަރު

ހިބަޅިދޫ އިން ފެނުނު ހަތިޔާރަކީ މުހައްމަދު އައްލާމް ލަތީފު އަށް ވާސިލް ވެވޭނެ ހަތިޔާރުތަކެއް ނޫން ކަމަށް އައްލާމްއާ ހަވާލާދީ އޭނާގެ ގާނޫނީ ވަކީލް ހުސްނު އަލް ސޫދް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމިން ދަތުރުކުރެއްވި "ފިނިފެންމާ" ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލި ހާދިސާގެ ތަހުގީގަށް ފުލުހުންނާއި ސިފައިން ހިނގި އޮޕަރޭޝަން ތެރެއިން ހިބަޅިދޫ އިން ފެނުނު ގިނަ އަދަދެއްގެ ބޮމާއި ހަތިޔާރުތަކާއި ގުޅިގެން ފުލުހުން އަދި އިންކުވަރީ ކޮމިޝަނުން ވަނީ އައްލާމް ހޯދުމަށް އިއުލާން ކޮށްފަ އެވެ.

އެކަމާ ބެހޭގޮތުން ހުސްނުސޫދު މިއަދު ދެއްވި ޕްރެސް އެއްގައި ވިދާޅުވީ އައްލާމް އަކީ އެއްވެސް ގޮތަކަށް ފުލުހުންނަށް ފިލާގެން އުޅުން މީހެއް ނޫން ކަމަށާއި އޭނާ ހާޒިރުކުރަން އެންގުމުން އެކަމަށް ޖަވާބުދާރީ ވާނެ ކަމަށް އައްލާމް ވިދާޅުވީ ކަމަށެވެ. އަދި ރޭ ފުލުހުން ހާމަކުރި ގޮތުން އެތަނުން ބައެއް ހަތިޔާރަކީ އެމްއެންޑީއެފްގެ ހަތިޔާރުތަކެއް ކަމަށާއި އެފަދަ އެއްޗަކަށް އައްލާމް އަށް ވާސިލް ނުވެވޭނެ ކަމަށް ހުސްނުސޫދު ވިދާޅުވި އެވެ.

"އެ ހަތިޔާރު ތަކަކީ ސަރުކާރުގެ ސަލާމަތީ ބާރުގެ ދަށުގައި އޮންނަ އެއްޗެއް އަދި އެފަދަ އެއްޗަކަށް ވާސިލް ވެވޭނެ ފުރުސަތެއްވެސް އަދި ވަސީލަތެއްވެސް އައްލާމްގައި ނެތް ކަމަށް އައްލާމް ބުނި،" ހުސްނުސޫދު ވިދާޅުވި އެވެ.

މަޝްހޫރު މިޔުޒިކް ބޭންޑް ސްކޯޒް އޮފް ފްލެއާގެ ގިޓަރިސްޓެއް ގޮތުގައިވެސް އުޅޫން އައްލާމް މިމައްސަލައަށް ވެއްދުމަކީ ބަޔަކު ގަސްތުގައި ކުރާ ކަމެއް ކަމަށާއި އަދި މި ވާހަކަތަށް ދައްކަނީ ނައިބު ރައީސް އަހުމަދު އަދީބާ އޮތް ގުޅުމަކަށް ބަލާފަ ކަން އޭނާ ބުނި ކަމަށް ހުސްނުސޫދު ވިދާޅުވި އެވެ.

ހިބަޅިދޫ އިން ހަތިޔާރުތަކެއް ފެނުމާއި ގުޅިގެން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ގޮތުގައި މޮހޯގެ 90 ޕަސެންޓް ހިއްސާ އޮންނަ އެސްއޯއެފް އަކީ އެމްއެމްޕީއާރުސީއާ އެކު ވިޔަފާރީގެ ތަފާތު ބޮޑެތި މުއާމަލާތްތަކެއް ކުރާ ކުންފުންޏެއް ކެވެ. އަދި އެ ކުންފުންޏާ އެކު އެހާ ބޮޑު މުއާމަލާތްތަކެއް ކުރާއިރު އެކަން ނައިބު ރައީސް އަދީބަށް ނޭނގި ނުދާނެ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.