ވާހަކަ

ހީނލާގޮތުން

(9 މާރިޗު 2021 އާ ގުޅޭ)

ދުރުން ވިޔަސް މިދުހަތު ދިނީ ދަޢުވަތެއްކަން ޔަގީންވެ އެވެ. އެއީ އަރީން ބޭނުންވެފައި ހުރިކަން އެންގުމަށް ދިން ސިގްނަލެކެވެ. މިހާރު މިވަގުތު ވެސް އޭނާއާ ފޯނުން ވާހަކަ ދައްކަން އަނެއް ކޮޅުގައި ހުރި ޒުވާނާއަކީ މިދުހަތު ނޫން ދެވަނަ މީހެއް ނޫނެވެ. އަރީންގެ ހިތް އެދޭ މިދުހަތެވެ. އެ ލޯތްބެއްގެ މަތިން ހަނދާންނައްތާނުލެވުނު އަލަތު ލޯތްބެވެ. ޅައުމުރުގައި ހުރިހާ އެއްޗެއް ގުރުބާންކުރެވުނު ޒުވާނާއެވެ.

* * * * *

ފަތިސް ނަމާދަށް އަސްލަން ތެދުވެ ފާޚާނައިގައި އުޅުނު ވަގުތަށްވީމަ ކޮޓަރީގައި ނޯޔާ އައިސް ޓަކިޖެހި ކަމެއް އޭނާ ނުދެނަހުއްޓެވެ. ނޯޔާ އެނބުރި ކޮޓަރިއަށް އައީ އަސްލަން ދޮރު ނުހުޅުވި ކަމަށް ނިންމައިގެންނެވެ. އެއީ ހަގީގަތަށް ނުވާނޭކަން އެނގުނަސް ނޯޔާއަށް ލިބިފައި ހުރި ހިތްހަމަނުޖެހުމުން އެފަދައިން އޭނާ ޤަބޫލު ކޮށްލީ އެވެ. ޚިޔާލުތަކަށް ގެއްލި ހުރެ ނަމާދަށް އަރަން ތައްޔާރުވަމުން ދަނިކޮށް ކޮޓަރީގެ ދޮރުގައި ޓަކިދިން އަޑު އިވުނެވެ. ދޮރާ ދިމާއަށް ނޯޔާއަށް އާދެވުނީ ނިކަން ހަލުވިކޮށެވެ. އެ އައީ އަސްލަންއޭ ނޯޔާގެ މުޅި ނަފްސު ގޮވާލި ކަހަލައެވެ. އޭނާގެ ޢަމަލުތައް ހުރި ގޮތުން ހިތުގައި އަސްލަންއާ މެދު ނުރުހުމުގެ ޒަރެއް ވެސް ނުވާ ފަދައެވެ. އެކަން ނޯޔާއަށް އިހްސާސެއް ނުވާކަން ޔަގީނެވެ.

"ނަމާދަށް ދަމުން... އަނުމް އަދި ނުހޭލާ..." އަސްލަންއާ ނަޒަރު ސީދާވި ހިނދު ވަގުތުން ނޯޔާ އިސްޖެހިތަން ފެނުނެވެ. ހިތަށް ލިބުނު ގިލަންވެރިކަން ނޯޔާ ހަނދާންވީ އަސްލަންގެ މޫނު ފެނުނު ހިނދު ކަހަލަ އެވެ. ނޯޔާގެ އެ ހަރަކާތް ފާހަގަވެ އެ މޫނަށް ބަލަން ހުރެ އަސްލަން ވާހަކަ ދެއްކި އެވެ.

"ނޯޔާގެ މޫޑު ރަނގަޅު ނޫނީތަ؟ ރެއިން ފެށިގެން ފެންނަ ފޫހިކަންތަ މީ؟" ދުލުން ބޭރުކުރީ އަނުމްގެ ވާހަކަ ނަމަވެސް އަސްލަންގެ ހިތުގައިވީ ނޯޔާއާމެދު އުފެދުނު ކަންބޮޑުވުމެވެ.

"އެ ކޮޓަރީގަ ނަމާދު ކުރަންވީތަ؟ އޯކޭވާނެތަ އަހަރެން ވަންނަން؟." ދުރުބަލަން ހުރި މީހަކު ފަދައިން ނޯޔާ އަހާލި އެވެ. ޝަކުވާގެ ރިހުން ނޯޔާގެ ހިތުގައިވި އެވެ. އަސްލަން ހައިރާންވި އެވެ. މިސްކިތަށް ދާން އޭނާ ފެށީ ނޯޔާ އެއްބާރުލުން ދޭން އިސް ނެގީމަ އެވެ. އޭގެ ފަހުން އޭނާ މިސްކިތަށް ދާން ނުކުތުމުން އަނުމްގެ ގާތުގައި މަޑުކޮށް، އަސްލަންގެ ކޮޓަރިއަށް ފަތިސް ނަމާދަށް ނޯޔާ އެރުމަކީ އާންމު ކަމެކެވެ. މިސްކިތުން އަންނައިރު ބައެއް ދުވަސްދުވަހު އެ ކޮޓަރީގައި ނޯޔާ ކިޔަވަން އިންނަކަން ވެސް އޭނާ ދުށްޓެވެ. އޭގެ އިތުރުން އަސްލަންގެ ހެދުންތައް ނެގުމާއި އެ ކޮޓަރީގެ ތަންމަތި ބަދަލު ކުރުމާއި ކުޑަދަރިފުޅުގެ އެތައް ކަމެއް ކުރުމުގައި ވެސް އަސްލަންގެ ކޮޓަރީގައި ނޯޔާ ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. އެކަމާ އަސްލަން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ގަޔާނުވާކަމުގެ ކުޑަކުޑަ އިޝާރާތެއް ވެސް އޭނާ ކޮށްފާނުވާނެ އެވެ. އެއްވެސް ގޮތަކުން ނުރުހުމުގެ އަސަރެއް ނޯޔާއަށް ފެނިފައެއް ނުވާނެއެވެ. ދެން އެހެންވީރު ނޯޔާ އެފަދަ ގޮތަކަށް އޭނާގެ ގާތުން ހުއްދަ ހޯދަންޖެހުނީ ކީއްވެހެއްޔެވެ؟.

"ނޯޔާ..." އަސްލަން ގޮވާލި އެވެ. ނޯޔާ ބަލާލާނޭ ކަމުގެ އުންމީދުގަ އެވެ. ފަހަރެއްގައި އެ ދެލޮލުން އޭނާއަށް ވެފައި ހުރިކަމެއް އޮޅުންފިލާފާނޭ އަސްލަން ހީކުރިއެވެ. ނަމަވެސް އެ ދެ ލޯ ފެނިލުމުގެ ނަސީބެއް ނުލިބުނެވެ. އެހެންވިޔަސް އަސްލަން ވާހަކަ ދެއްކި އެވެ.

"މިބައިގަ ނޯޔާއަށް ނުވަދެވޭނެ ކޮޓަރިއެއް ނުހުންނާނެ، ދެ މީހުން ދެ ތަނެއްގައި ނިދުމަކީ މުޅިން އެހެން ކަމެއް... ނޯޔާ ބޭނުންވަނީތަ..." އަސްލަން ބަލަބަލާ ހުއްޓާ އެ ދޮން މޫނު ރަތް ޖަންބަކަށްވީތަން ދުށްޓެވެ. އޭނާ ވެސް ސިއްސައިގެން ގޮސް ބަސް ހުއްޓުނީ ކުއްލިއަކަށް އޭނާގެ އަނގަމަތީ ނޯޔާގެ އަތްތިލަ ޖައްސާލުމުންނެވެ. އެފަދަ ހަރަކާތަކަށް އަސްލަން އެއްގޮތަކަށް ވެސް ހުރީ ތައްޔާރުވެގެންނެއް ނޫނެވެ.

"ސްޓޮޕް..." އުނދަގޫ ގޮތަކަށް ލަދުން ހުރެ ނޯޔާ ބުނެލި އެވެ. ކަނާއަތްތިލަ އޮތީ އަސްލަންގެ އަނގަމަތީ އަޅާލެވިފައިކަން ނޯޔާއަށް ރެއަކާލީ އަތަށް އިހްސާސް ކުރެވުނު އަސްލަންގެ ނޭވާ އިންނެވެ. ވަގުތުން އަތްތިލަ ދުރު ކޮށްލި އެވެ. ދެން ތިރިކޮށްލި ނޯޔާގެ އަތްތިލައިގަ ވައަތްތިލައިން ހިފާލެވުނީ ނުހަނު ބާރަށެވެ. ހުއްޓުން އަރާފައި އިރުކޮޅަކު އަސްލަންއަށް ހުރެވުނެވެ. ހަށިގަނޑަށް ދިރުން އެނބުރި އައި ފަދައަކުން އަސްލަން ފުންނޭވާއެއް ލިއެވެ. ދެން އޭނާ ވެސް އިސްޖަހާލާފައި އަލުން ނޯޔާއަށް ބަލާލައިފި އެވެ. ލަދުން ގޮސް އިސްޖެހިގޮތަށް ނޯޔާ ހުރީ ނުހަނު ބޮޑަށް އިސް އޮބާލައި ހަރަކާތެއް ވެސް ކުރަން ނުކެރިފައިކަން އަސްލަންގެ ޒަމީރު ދެނެގަތެވެ.

"ދަނީ..." ލުއި ހިނިތުންވުމެއް އަސްލަންގެ ތުންފަތަށް ވެރިވީ ގަސްދަކާ ނުލައެވެ. އަވަސްއަވަހަށް އަސްލަން ފުރަގަސްދީ ހިނގައިގަތެވެ. އަސްލަން އަހަން ގަސްދުކުރީ އޭނާގެ ކޮޓަރިއަށް ނޯޔާ ބަދަލުވާން ބޭނުން ވަނީތޯ އެވެ. ނަމަވެސް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ނޯޔާ އޭނާ ހުއްޓުވީ އެވެ. އޭނާ ބުނަން އުޅުނީ ކީކޭކަން ނޯޔާއަށް އެނގުނީބާ އެވެ. އެވަރަށް އެ އަންހެންކުއްޖާ ލަދުގަތީ ކީއްވެބާއެވެ. އަނެއްކާ އޭނާ ބުނަން އުޅުނު ވާހަކަ ނޯޔާ ދެނެގަތީ ތަފާތު ގޮތަކަށްބާ އެވެ. އެފަދަ ބަދަލުތަކެއް ނޯޔާގެ ފުށުން ފާޅުވި އެހެންވެބާއެވެ. އިހުނަށްވުރެ އަސްލަންގެ ތުންފަތް ބޮޑަށް ދެމިލިއެވެ. ނޯޔާގެ މޫނުކޮޅު އެ ދެ ލޮލުގެ ތެރޭ ގައިދުވެއްޖެއެވެ. އެމޫނުގެ އަސަރުތައް ބަދަލުވެލި ގޮތް ނުހަނު ހިތްގައިމު މަންޒަރަކަށްވީ އެވެ.

އަސްލަން ނުކުމެ ދޮރު ލައްޕާލުމާއެކު ނޯޔާއަށް މޫނުގައި ދެއަތް އަޅާލައި ބޯ ހޫރުވާލި އެވެ. އޭނާ ހުރީ ގަޔާ ނުވެފަކަން ދައްކަން މަސައްކަތް ކުރުމުން މިވީ ކިހިނެއްހޭ ނޯޔާ ހިތަށް އެރިއެވެ. އަސްލަން އެ އުޅުނީ ކޮންކަހަލަ ވާހަކައެއް ދައްކަންބާ އެވެ. ތަންކޮޅެއް ބާރަށް ދެއަތްތިލައިން ކޯތާފަތުގައި ނޯޔާ ޖަހާލި އެވެ. ދެން ހަލުވިކޮށް ކޮޓަރިއަށް ވަދެ މުސައްލައާއި ކިޔަވަން ބޭނުންވާ ފޮތާއި ތަސްބީހަ ހިފައިގެން ނުކުތެވެ. އަސްލަންއާ ގުޅުންހުރި އެއްވެސް ޚިޔާލެއް ކުރެވިދާނެތީ އެކަމަށް ފުރުސަތު ނުދޭން އުޅޭ ފަދައަކުންނެވެ. އެ ހިފައިގެން ގޮސް އަސްލަންގެ ކޮޓަރިއަށް ވަނުމާއެކު ނޭފަތުގައި ޖެހުނީ އަސްލަންގެ ބޮޑީސްޕްރޭ ވަހެވެ. ދެލޯ މަރާ ތަގުޅި ކޮށްލެވުނީ ދާދި ކުޑަ ހިނދުކޮޅެއް ކުރިން އޭނާއަށް ކުރެވުނު އިހްސާސްތައް އެނބުރި އައުމުންނެވެ. އެނދުގައި ނިދާފައި އޮތް އަސްލަން ތަންމަތިން ސިފަވީ ކަހަލައެވެ. އަސްލަންގެ އެ ސިފަ އޭނާ ދުށީ އަލަށެވެ. އެއީ ފިރިހެންވަންތަކަން އެކުލެވިފައިވާ ފުރިހަމަ ޒުވާނެކޭ ނޯޔާގެ ހިތްބުނެލީ ކަންފަތްދޮށުގައި މީހަކު ސިއްރެއް ބުނެލާ ފަދައިންނެވެ. ލަދުން ގޮސް ތިރީތުންފަތުގައި އޭނާއަށް ދައިގަނެވުނީ ނުހަނު ބާރަށެވެ. ލޭ ކުލަ ފާޅުވެލާފަދަ ގަދަ ރަތްކަމެއް އެ ތުންފަތުން ފާޅުވެލިއެވެ.

"ވަޓް އިޒް ރޯންގް ވިތް މީ... ޔޫ... ގެޓް ލޮސްޓް..." ނޯޔާ އަމިއްލައަށް ބުނެލި އެވެ. ދެފަރާތަށް ބޯ ހޫރުވާލީ ޚިޔާލުތައް ވިއްސިވިހާލި ވޭތޯ އެވެ. ލޯކުރިމަތިން ފާޅުވާ އަސްލަންގެ ސޫރައަށް ދުރަށް ދާން އަމުރުކުރާ ކަހަލައެވެ. މިވަނީ ކުރިން ނުވާ ހިތަށް ވެސް ބުނެދޭން ނޭނގޭ ފަދަ އާ ގޮތްތަކެކެވެ. އަވަސް ގޮތަކަށް ކުއްލި ނޭވާއެއް ލާފައި ނޯޔާ ގަޑި ބަލާލި އެވެ. ބަންގިވަން ވަގުތުކޮޅެއް ހުއްޓެވެ. ގޮތްނޭނގޭ ޖަޒުބާތުތަކެއް އައިސް އޭނާގެ ނަފްސުގައި އޮޅުލައިގަނެއްޖެކަން ޔަގީނެވެ. އެކަމުން ދުރުވެ ނަމާދަށް ސަމާލުވާން އޭނާގެ ނަފްސަށް ގޮވާލައި ސާބިތުވެލިއެވެ.

ލިފްޓުން ފޭބި ހިނދު އަސްލަންއަށް ހީނލެވުނީ ބޭއިޚްތިޔާރުގަ އެވެ. އޭނާއަށް އަނެއްކާވެސް ނޯޔާގެ މޫނު ސިފަވީ އެވެ. އަންހެން ކުއްޖަކު ލަދުން ގޮސް މޫނު ރަތްވިތަން އެހާ ގާތުން އަސްލަން އަލަށް ވެސް ދުށީ ނޯޔާގެ ފަރާތުންނެވެ. އެ އަންހެންކުއްޖާ ރަކިވެ ލަދުގަނެއްޖެނަމަ ސިއްރެއް ނުވާނޭ އަސްލަންގެ ހިތަށް އެރިއެވެ. ފުންނޭވާއެއް ދޫކޮށްލީ އެތެރެއަށް ވަނުމުގެ ކުރީން ނަފްސު ހަމައަކަށް އަޅުވާށެވެ. އެޕާޓްމެންޓުގެ ދޮރު ހުޅުވާލީ ނޯޔާ ގޭތެރޭގައި ނުކުމެ އުޅޭނޭކަން އެނގި ޔަގީންވެ ހުރެއެވެ.

"ނޯޔާ... އަނދިރީގަ..." ހިތުގައި އެ ނަންވީއިރު އަސްލަންއަށް ލިބުނީ ހައިރާން ކަމެވެ. ގޭތެރޭގައި އެއްވެސް އަލިކަމެއް ނެތެވެ. ނަމަވެސް ބެލްކަނީގެ ފަރުދާތައް ކަހާލައި ބެލްކަނި ހުރީ ހުޅުވާފަ އެވެ. މޭޒުދޮށުގައި ނޯޔާ އިނީ އެ އަނދިރީގަ އެވެ. ކަބަޑުސެޓު ކައިރީ ދިއްލާފައި ހުންނަ ބޮކި ވެސް ހުރީ ނިވާލާފަ އެވެ. އެ ފަނޑުކަމުގެ ތެރޭ ފޮރުވި އިނުމަކީ ނޯޔާގެ ގޮތެއް ނޫނޭ އަސްލަންގެ ހިތް ބުނެލި އެވެ. ހަމައެއާއެކު އޭނާ ސުވާލު އުފެދިފައި ވިއެވެ.

"ވައި އާ ޔޫ އަޕްސެޓް... މިހެންވެ... މިކަހަލަ ކިތަންމެ ކަމެއް މައިރާއާ ނުބައްދަލު... އަހަންނަކަށް ނޭނގެ ނޯޔާއާ ވާހަކަ ދައްކާނެ ގޮތެއް، މައިރާއާ އަލަށް ބައްދަލުވީއިރު ވެސް އަހަރެން މިހާ ޖެހިލުން ނުވޭ." ނޯޔާއާ ދިމާއަށް އާދެވުނުއިރު އަސްލަންގެ ހިތުގައި ވިއެވެ. ކާމޭޒާ އަސްލަންއަށް ކައިރިވެވެންވާއިރަށް ނޯޔާ ތެދުވެއްޖެ އެވެ.

"ކޮފީ ބޭނުން." ނޯޔާ އަހާލި ގޮތް ވެސް ތަފާތުވި އެވެ. ހެނދުނުގެ ސަލާމަށް އަސްލަން އާދެވެފައިވީއިރު އެ ފަދަ ސަލާމަކުން ނޯޔާ އޭނާއާ ސަލާމެއް ވެސް ނުކުރި އެވެ. އަސްލަން އިރުކޮޅަކު ހިމޭންވެފައި ހުއްޓެވެ. އޭނާގެ ނަޒަރު ނޯޔާއަށް ހުއްޓިފައި ހުރިކަން އެނގެ އެވެ. ތަފާތު ހިރުވުމެއް ނޯޔާގެ ބުރަކަށީގައި ވީ އެހެން ވެއެވެ. ފިރިމީހާގެ ބެލުމުގެ ތޫނުކަން ބުރަކައްޓަށް ހެރޭ ކަށިތަކެއް ކަހަލަ އެވެ. ކޮފީ ބޭނުމެއް ނޫނޭ އަސްލަން ބުނެލުމާއެކު އެނބުރި ކޮޓަރިއަށް ދިޔައީ އެވެ. ސިންކު ކައިރީ ހުރެފައި ކޮޓަރިތައް ފެންނަ ހިސާބަށް ނޯޔާއަށް ނުކުމެވުނީ ބޮޑު އެއްފިޔަވަޅު އަޅާލި ފަދައިން ހަލުވިކަމާއެކު އެވެ. އޭނާއަށް ފެނުނީ އަސްލަންގެ ފުރަގަހެވެ. ކޮޓަރިއަށް ވަދެ ދޮރު ލެއްޕިތަނެވެ. އަސްލަން ދިޔައީތީ އޭނާ ތުންފިއްތާލި އެވެ. ޚުދު އޭނާއަށް ވެސް އެވަނީ ކިހިނެއް ކަމެއް ދެނެގަންނާކަށް ނޭނގުނެވެ. ހިތް ބޭނުންވީ އަސްލަން އޭނާއާ ސުވާލުކޮށް ވީގޮތެއް އޮޅުން ފިލުވަން މަސައްކަތް ކުރުމަށެވެ. އޭނާ އިސްވެ ބުނުމަކާނުލަ އެވެ.

ބެލްކަންޏަށް ނުކުތް ނޯޔާއަށް ގަޑިންވީއިރު ނޭނގުނަސް އެހާއިރު އިރު އިރުފާނޭކަން ޔަގީންވެއެވެ. ނަމަވެސް އިރުއަރައިފިކަމުގެ އަލިކަން އުޑުމަތިން ނުފެންނާތީ އިސްއުފުލާ ބަލާލެވުނެވެ. ވިއްސާރަވިލާތަކުން އުޑުމަތި ބައްދާލާފައި އޮތްތަން ފެނުނީ ދެނެވެ.

"އަސްލަންއަށް މިވަރުން އޮފީހަށް ދެވޭނެތަ؟" ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށް ނޯޔާއަށް ބުނެލެވުނެވެ. އޭނާއާއި އަސްލަން ގުޅިފައިވާ ދަރަޖަ ނޯޔާއަށް ދެނެގަންނަން ނޭނގުނަސް އޭނާގެ ޚިޔާލުތަކާއި ދުރަށް އަސްލަން ނުދާކަން ގައިމެވެ. ބޭއިޚްތިޔާރުގައި ވިޔަސް ނޯޔާއަށް އަސްލަން ބަލައިގަނެވިއްޖެ އެވެ. އެއީ އޭނާގެ ހަޔާތުގެ ބައިވެރިޔާ ކަމެވެ. ފިރިމީހާގެ އަޅާލުމާއި ސަމާލުކަން ލިބެން އެދޭ އަނތްބަކަށް އޭނާ ބަދަލުވާން ފަށައިފި އެވެ. އަސްލަން އޭނާ ބަލައިނުގަނެފާނޭތީ އެހާ ވަރަށް ކަންބޮޑުވެ ވިސްނެނީ އެހެންވެކަން ޔަގީނެވެ.

އަނުމް ހޭލީ ސާރާ ގޮވައިގެން ފާޚާނައިގަ ނޯޔާ އުޅެނިކޮށެވެ. އަސްލަން އެކުއްޖާ އުރާލައިގެން ނުކުތްއިރު ނޯޔާ ފެންނަން ނެތުމުން އޭނާވީ ކޮންތާކުކަން އެނގުނެވެ. ތައްޔާރުކޮށްފައި ހުރި ބުއްފުޅި ފެނުމުން އެ ހިފައިގެން އަސްލަން އެނބުރި ކޮޓަރިއަށް ވަނީއެވެ. ސާރާ ރީތި ކޮށްގެން ނެރެ ކާމޭޒު ދޮށުގައި އެކުއްޖާ އިށީންނަންވާއިރަށް ނޯޔާ ކިރުތަށި ގެނައެވެ. އަސްލަން ނުކުމެގެން އައިސް ސިޓިންރޫމުގައި ހުންނަ އަނުމްގެ އުނދޯލީގައި އެކުއްޖާ ބޭއްވި އެވެ. ދެން އައިސް ކާމޭޒުގައި އޭނާ ވެސް އިށީނީ ސައިބޯށެވެ. ނޯޔާ އަނގަޔަކުން ނުބުނެއެވެ. ތަށިތައް ހުރީ ތައްޔާރުކޮށްފައެވެ. އެހެންޏާ ސައިބޯން ގޮވާނެއެވެ.

"ވާރޭ އޮއްސާލަން ތައްޔާރަށް އޮތީ." ނޯޔާ ވާހަކަ ދެއްކީ ސާރާގެ ތުން ފުހެދެމުންނެވެ. މިފަހަރު ވެސް ވާހަކަދެއްކީ އަސްލަންއަށް ބަލާލުމެއްނެތި އެވެ.

"ދެވޭނެހެން ހީވަނީ." ބެލްކަންޏާ ދިމާއަށް ބަލާލާފައި އަސްލަން ބުންޏެވެ. ދެމެދުގައި އިތުރަށް ބަހެއް ނުކިޔެވެ. ސައި ބޮއެގެން އަސްލަން ކޮޓަރިއަށް ދިޔައީ އެވެ.

ސާރާ ގޮވައިގެން އަސްލަން ނުކުންނަން އައުމުން އެ ދެބަފައިން ފަހަތުން ނޯޔާ އައެވެ. ލިފްޓާ ދިމާއަށް ހިނގައިގަނެފައި އަސްލަން ހުއްޓުނެވެ. ސާރާ ގާތު ލިފްޓު ހުޅުވަން ބުނެ އެ ދިމާއަށް އެކުއްޖާ ފޮނުވާލި އެވެ. އަދި ފަސްއެނބުރި އެޕާޓްމެންޓުގެ ދޮރުކައިރީ ހުރި ނޯޔާއަށް ބަލާލި އެވެ.

"ރަނގަޅަށް ސައި ބޮއްޗޭ... ރޭގަ އެއްވެސް އެއްޗެއް ނުކަމެންނު، ވާރޭ ވެހެންޏާ ޓެކްސީއެއްގަ ކުދީން ބަލާ ދާނީ، އަލަމާރި ވަތްގަނޑުގަ ހުންނާނެ ރުފިޔާ، އެއީ ނޯޔާއަށް ބަހައްޓާފަ ހުރި ރުފިޔާ... ފަހަރެއްގަ އަހަރެން ނެތަސް އެއްޗެއް ހޯދަން ޖެހިދާނެއެއްނު." އަސްލަންގެ ނަޒަރުވަނީ ނޯޔާއަށް އަމާޒުކޮށްލެވިފައެވެ. ނޯޔާ މަޑުމަޑުން ބޯ ޖަހާލީ އެވެ.

"ދަނީ..." ނޯޔާ އެއްޗެއް ބުނޭތޯ މަޑުކޮށްލާ ފަދައަކުން އަސްލަން މަޑުކޮށްލާފައި ބުނެލި އެވެ. ދެން ވެސް ނޯޔާ ބޯ ޖަހާލީ އެވެ. އެހެންނަމަވެސް ލިފްޓަށް އަސްލަންއާއި ސާރާ އެރުމުން ނޯޔާ އަތް ހޫރުވާލި އެވެ. އެ ހަރަކާތާއެކު ނޯޔާގެ ތުންފަތް ދެމިލާފައި ހުރީ ލުއި ހިނިތުންވުމަކުންނެވެ. އެއީ އަސްލަންއަށް ޓަކައި ކޮށްލި ސަލާމެއް ކަމެއް ނޫނީ ގާތުގައި ހުރި ދަރިފުޅަށް ޓަކައި ނޯޔާ ކޮށްލި ސަލާމެއް ކަމެއް ބުނަން އަސްލަންއަކަށް ނޭނގުނެވެ. އެހެންވިޔަސް އެ ހިނިތުންވެފައިވާ މޫނުކޮޅު ފެނުމުން ހިސާބެއްގެ ހަމަޖެހުން އޭނާގެ ނަފްސަށް ގެނެސްދީފިއެވެ.

* * * * *

ސެކްޝަނަށް ވަދެގެން އައި އަސްލަން ފެނުމުން ލޫނާ އަވަސްއަވަހަށް އިސްޖެހި އެވެ. މޭޒުގެ ވަތްގަނޑެއް ހުޅުވާލައި އެއްޗެއް ހޯދާ ކަމަށް އޭނާ ހެދުނީ އެވެ. ޕާޓިޝަން ކައިރިން އަޅާފައި އަސްލަން ދިޔައިއިރު އޭނާ ފެންނަ ކަމަށް ނުހެދިޔޭ ލޫނާގެ ހިތަށް އެރި އެވެ. ހަމައެއާއެކު އޭނާއަށް އުންމީދު އެކުރެވުނީ ގޯސްކޮށްކަން ވިސްނައި ދިނީ އަމިއްލަ ޒަމީރެވެ. އެއްވެސް އިރަކު އަސްލަންއަކީ އިސްވެ އަންހެންކުދީންނަށް ގޮވާ މީހެއްނޫނެވެ. ޚާއްޞަކޮށް މަސައްކަތާ ގުޅުމެއް ނެތިއްޔާ އޭނާ އަންހެނުންނާ ވާހަކަ ދައްކަން ހުއްޓާ ނުފެންނާނެ އެވެ. އަބަދުވެސް އަސްލަން އަންނަތަން ފެނިގެން އޭނާއަށް ގޮވާ މީހަކީ ޚުދު ލޫނާ އެވެ.

"އެ ދެމީހުން ހަމަ އިނީތަ؟... އަސްލަން ސަމާސާއެއް ނުކުރާނެ، އޭނާއަކީ އަބަދުވެސް ސީރިއަސް މީހެއް، އެކަމަކު... އަޅެ ކީއްވެތަ އޭނާއާ އިންނަންވީ، ހުސެން ބުނި އަސްލަން ކައިރީ ހުރިހާ ވާހަކައެއް ދެއްކީމޭ، މައިރާގެ ރަނގަޅުކަމުން އަހަރެންގެ އެއްވެސް އިހްސާސެއް ފާޅުނުކުރީ، މައިރާގެ ދިރިއުޅުން ހަލާކުވެދާނެތީ، މައިރާއަށްފަހު އަސްލަންއަށް އެކަހަލަ ދެވަނަ މައިރާއަކަށް ވެވޭނެ މީހަކީ އަހަރެން، އެކުދީންދެކެ އެންމެ ލޯބިވާނެ މީހަކީ އަހަރެން، އަސްލަންއަށް ޓަކައި އަހަރެންނަށް އެވަރު ކޮށްދެވޭނެ، ކީއްވެތަ އަސްލަން އެހެން ނުވިސްނީ، މައިރާއާ... ތި ދެމީހުންނާ ވެސް އެންމެ ކްލޯޒް މީހަކީ އަހަރެން." އެއްއަތުން ވަތްގަނޑުގައި ލޫނާ ހިފަހައްޓާލި އެވެ. ދެން މޭޒުގައި އަޅުވާލި ވައަތްތިލަމަތީ ލޫނާ ބޯ ޖަހާލި އެވެ. އޭނާއަށް ރޭގައި ރަނގަޅަށް ނުވެސް ނިދެ އެވެ. ހެނދުނު ސަޔެއް ވެސް ނުބޮވުނެވެ. އަސްލަންއާއެކު ފެނުނު އަންހެންކުއްޖަކީ އަނބިމީހާއޭ އަސްލަން ބުނި ފަހުން އަބަދު ލޯ ކުރިމަތިން އެމަންޒަރު ތަކުރާރުވާ ކަހަލައެވެ. ލޫނާގެ ހިތުގައި ހަސަދައިގެ ކުރިއެއް ފަޅައިފިކަން ގައިމެވެ. އެ ކުރި މޫލައި ހެދެން ފުރުސަތު ދީފިނަމަ އެ ހިތުގެ ސާފުކަން ނެތޭނެކަން ޔަގީނެވެ. އެކަމުން އޭނާގެ ޢަމަލުތައް ސީދާ ނުކުރެވި މީހާ ހަލާކުގެ ތެރެއަށް ވެއްޓޭނެއެވެ.

"ހޫރުޕަރީ... ލޫނާ..." ޕާޓިޝަން މަތިން ވައި އަޑުން މީހަކު ގޮވާތީ ލޫނާ ބޯ ހިއްލާލިއެވެ. ބޯދީގެން އޮތް ހުސެން ފެނުމުން ލޫނާ ވަގުތުން މޫނު ކުނިކޮށްލައިފި އެވެ. ހުސެން އައިސް ލޫނާގެ ކައިރިން އެހެން މޭޒެއްގެ ދޮށުގައި ހުސްކޮށް ހުރި ގޮނޑިއެއް ދަމާލައި އޭގައި އިށީނެވެ.

"އައްދޭ... މިއަދު އަދި ސައި ނުބޮނީ ދޯ، ހިނގާ... މަ ދީފާނަން." ހުސެން ބުނެލި އެވެ.

"ބޯ ހިތެއްނެތް." ލޫނާއަށް ބުނެލެވުނީ ރުންކުރުކޮށެވެ.

"މަ ދީފާނަމޭ މިބުނީ، އަސްލަން ވެސް އެބައާދޭ." ހުސެން ބުނެލި އެވެ.

"އޭނަގެ އެ ރީތި އަނބިކަނބަލުންނަށް ފިރިމީހާއަށް ސައިފޮދެއް ދެވޭވަރު ވެސް ނުވީތަ." މިފަހަރު ލޫނާ ހީވީ މަލާމާތެއް ކޮށްލީ ހެންނެވެ. ހުސެން ޖަހާލީ ހިނިގަނޑެކެވެ.

"ތިއެއް މަށެއް ނާހަން، އަހަރެން އޭނާއަށް ދިނީ ދެ ޗޮއިޒް، ކޮފީބައިގަ އަސްލަންގެ ކައިވެނީގެ ވާހަކަ ފަޅާލުންތޯ ނޫނީ ކޮންމެ ދުވަހަކު އަހަންނާއެކު ހެނދުނުގެ ސައިގަ ބައިވެރިވުންތޯ... ހަމަ ބުނާއިރަށް ބުނެފި މި އަންނަނީއޭ... އޭނާ ގެންދެވޭނީ އެކަހަލަ އުކުޅަކުން." ހުސެން އިނީ ފާޑަކަށް ހިނިއައިސްފައެވެ.

"ހުސެން ކައިރީ އަހަރެން ކީ އެންމެ ކަމަކު." ފޫހިކަމާއެކު ލޫނާ ބުންޏެވެ.

"އޭތް! ކަޓާފަ ނީނދެބަލަ، އަހަރެން އެވާހަކަ ދެއްކިއިރު ވެސް އޭނާ އެ ކައިވެންޏެއް ކޮށްގެން ހުރީ، ދެން އެކަމާ އަޅާނުލުން އެންމެ ރަނގަޅުވާނީ، ނަސީބު މިފަހަރު ލޫނާއަށް ފުރުސަތު ނުދިނީ، އަސްލަން ހިޔެއް ނުވޭ އެ ކައިވެނި ރޫޅާލާނެހެން، އޭނާ ވެސް ބޭނުން ވެގެން ކުރި ކައިވެންޏެކޭ ބުނީ." ހުސެން އެދެނީ އަސްލަންގެ މަތިން ލޫނާ ހަނދާން ނައްތާލުމެވެ. އެކަމުން ލޫނާއަށް މަންފާއެއް ނުކުރާނެތީ އެވެ.

ލޫނާ ތުންފިއްތާލި އެވެ. ހިތްހަމަނުޖެހިފައި ވިޔަސް އަސްލަންއާ ދުރުން އުޅޭން ވެއްޖެނަމަ މާބޮޑަށް ދެމެދަށް ހުސްކަން އަތުވެދާނޭ ލޫނާއަށް ހީވަނީއެވެ. އެހެންވެ ހިތަށް އުނދަގޫވިޔަސް އޭނާ މޭޒުދޮށުން ތެދުވީ ހުސެންގެ ދަޢުވަތު ޤަބޫލުކުރާށެވެ. އޭރުން ކޮންމެވެސް ސިފައެއްގައި އަސްލަންއާއެކު ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ލޫނާއަށް ލިބިގެންދާނެތީއެވެ.

* * * * *

"ކޮންމެވެސް ކުއްޖަކު އެބަގުޅާ." ނޯޔާގެ ފޯނުން ވާހަކަ ދައްކަން ހުރެފައި މަލްސާ ބުންޏެވެ. އޭނާ އައިސް ނޯޔާއަށް ފޯނު ދިއްކޮށްލި އެވެ. އެކުއްޖާ ހުރީ ރިދާން ގުޅައިގެން އޭނާއާ ވާހަކަ ދައްކާށެވެ. ޗައިނާގަ ހުރެފައި ރިދާން ގުޅުމުން ސަބީނާ ފޯނު ނުނަގާތީ ނޯޔާގެ ފޯނަށް އޭނާ ގުޅީއެވެ.

"ހެލޯ، ރިދާން... އަސްލަން އެބަގުޅާ... ދެން ބާއްވަނީ އިނގޭ." މަލްސާގެ އަތުން ފޯނު ނެގުމާއެކު އިސްކުރީނަށް ބަލާލާފައި ނޯޔާ ވާހަކަދެއްކިއެވެ.

"މާދަން ގުޅާނަން އިނގޭ. އެންމެންނަށް ސަލާމް ބުނާތި." ރިދާން ބުނެލި އެވެ. ނޯޔާ ހޫން ލައްވާލުމާއެކު ރިދާންގެ ކޯލު ކަނޑާލި އެވެ. އަދި އަސްލަން ގުޅާތީ ހައިރާންވެ ހުރެ އެ ކޯލު ނެގިއެވެ. އޮފީހަށް ދިއުމަށް ފަހު އަސްލަން މި ނޫނީ ނޯޔާއަށް ގުޅާފައެއް ނެތެވެ.

އަސްލަން ގުޅީ މަލްސާ ބަލާދާ ގަޑިއަށް އޮފީހުގައި ބައްދަލުވުމެއް އޮތްކަން ބުނާށެވެ. އޭނާއަށް މަލްސާ ބަލާ ނުދެވޭނޭކަން ބުނުމަށެވެ. ނޯޔާ އެކަން ބޮޑުކަމަކަށް ނުހަދަ އެވެ. އެކަމަކު މަލްސާއަށް އެކަން ބޮޑުކަމަކަށް ވާނޭކަން އެނގެ އެވެ. ބައްޕައާއެކު ސައިކަލުގަ ސްކޫލަށްދާން މަލްސާ ފޯރި ހުންނާތީ އެވެ. އަސްލަންއަށް ވަގުތުވާނަމަ އެކުއްޖާ ސްކޫލަށް ދާނީ ވެސް އަސްލަންއާ އެކީކަން ނޯޔާއަށް ޔަގީންވެއެވެ. މަލްސާއަށް އެ ޚަބަރު ދޭނެ ގޮތަކާމެދު ނޯޔާ ވިސްނި އެވެ. އިތުރު ވާހަކައެއް އަސްލަން ނުދައްކާ އެހެން ނަމަވެސް ފޯނު ކަނޑާނުލާކަން ނޯޔާއަށް ފާހަގަވި އެވެ. ވާހަކަ ނުދައްކާތީ ނޯޔާ ކޯލު ކަނޑާލީ އެވެ. އޭގެ ދާދި ކުޑަ ވަގުތުކޮޅެއްގެ ތެރޭ ނޯޔާގެ ފޯނަށް އައީ އަސްލަންގެ މެސެޖެކެވެ. ސައިބުއިންތޯ އަހާފައި އޮތެވެ. ވާރޭ ވެހޭއިރު ކުދީން ގޮވައިގެން މަގުމަތީ ބަލައިގެން އުޅެން ބުނެފައި އޮތެވެ. މަލްސާ ބަލާ ނުދެވޭނެތީ ސޮރީއޭ ބުނެފައި އޮތެވެ.

"ކުދީންތަ ހަމައެކަނި... އަހަންނަށް ކަމެއްވެދާނެތީ އަސްލަން ކަންބޮޑެއްނުވާނެތަ؟ ސޮރީ ބުނޭ އަހަރެންގެ ކުރިމަތީ... ބުނޭ އެކަހަލަ އެއްޗެކޭ ބުނީ މީންކޮށްފައެއް ނޫނޭ..." ފޯނުގައިވާ މެޖެސެޖަށް ބަލަން ހުރި ނޯޔާގެ ތުންކޮޅު ދެމިލި އެވެ. އޭނާގެ ސަމާލުކަން އަތުލީ ގާތުގައި ހުރި މަލްސާ ހޭންފެށި އަޑުންނެވެ.

"ޑެޑީ ބުނާނެ ތުންފަތް ދިގު ވަންޏާ މިގޮތަށް ހަދާފަ ބުރިކޮށްލާނަމޯ..." ތުންފަތުގައި ދެ އިނގިލި ދޭތެރެއިން ހިފަހައްޓާލާ މަލްސާ ބުނެލި އެވެ. އޭރު ވެސް އެކުއްޖާ ހެނީ އެވެ. ގޭތެރޭގަ އެންމެ ބޮޑާ ދައްކާނީ ވެސް މަލްސާއެވެ. އެހެންވެ އަސްލަންގެ ފަރާތުން އަދަބު ލިބެނީ ވެސް އެކުއްޖާއަށެވެ. އަސްލަން އޭނާގެ ތުންފަތް ބުރިކޮށްލާނޭ ގޮތް ސިފަކުރެވުމާއެކު ނޯޔާއަށް ހީނގަނެވިއްޖެ އެވެ. ގުދުވެ މަލްސާގެ ގައިގާ ބައްދާލަމުން އެކުއްޖާގެ ބަނޑުގައި ގިލިގިލި ކޮއްޓާލީ ހެމުންހެމުންނެވެ.

* * * * *

ސައިކަލުމަތީ އިން މިދުހަތުގެ ނަޒަރު މަގުގައި ހިނގާބިގާވެ އުޅޭ މީހުންނަށް ހުއްޓާލެވިފައި ވިއެވެ. އޭނާ ބަލަނީ ހަމައެކަނި އަންހެނުންނަށެވެ. އޭރު ސްކޫލު ދޮށަށް އެތައް ބެލެނިވެރިއަކު ޖަމާވެއްޖެއެވެ. ތުނިތުނިކޮށް ވެހިލަވެހިލަ އޮތް ވާރޭގައި އޭނާ ހިސާބަކަށް ތެމިފައި ވިއެވެ. ދޭތެރެއަކުން އަތުން އަތްފުނާ އަޅާލައި އިސްތަށިގަނޑު ރީތި ކޮށްލައެވެ. ބެލެނިވެރިންތައް ވަންނަން ފެށުމުން ވެސް މިދުހަތަށް މަޑުކޮށްލެވުނީއެވެ. އޭނާގެ ލޯ ހޯދާ ފަރާތް ނުފެނިގެންނެވެ. ސައިކަލު މަތިން ފައިބާ މަޑުދަށުގައި އޮތް ދަރިފުޅުގެ ކޯޓު މިދުހަތު ނެގިއެވެ. ދެން ވެސް އޭނާ މަގަށް ނަޒަރު ހިންގާލާ ހޯދަން ފެށިއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ޓެކްސީއިން ފޭބި އަންހެންކުއްޖާ ފެނުމުންނެވެ.

"ޓެކްސީގަތަ؟" މިދުހަތު ކުޑަކޮށް ދުވެލާފައި އައިސް އެއްވަރުކޮށް އަހާލިއެވެ.

ނޯޔާ އެނބުރިލީއިރު މިދުހަތު ފެނުމުން އޭނާ އާނއެކޭ ބުނެލި އެވެ. ވާރޭ ވެހޭތީ ޓެކްސީއެއް ނުލިބިގެން ތަންކޮޅެއް ލަސް ވެސް ވެއްޖެކަން ނޯޔާ ބުނެލިއެވެ.

"މިވެސް ޔޫ ގެ ދަރިއެއްތަ؟" މިދުހަތު އަހާލި އެވެ. ނޯޔާ ބޯ ޖަހާލީ އެވެ.

"ތެދެއް... މީ މަންމަތަ؟" ނޯޔާގެ ވާހަކަ ގަބޫލު ނުކުރެވިގެން މިދުހަތު އަހާލީ ނޯޔާގެ ކައިރީ ހުރި މަލްސާގެ ގާތުގަ އެވެ. އެކުއްޖާ އަނގައިން ނުބުނެ ނޯޔާއަށް ބަލާލީ އެވެ. އެމީހުންނާ އެއްވަރަށް މިދުހަތު ވެސް ސްކޫލަށް ވަނެވެ. ދެމީހުން ވެސް ދާންޖެހެނީ އެއް ކުލާހައްވީމަ އެވެ.

ކުރިއަށްވުރެ މިދުހަތުގެ ވާހަކަ ގިނަވިކަން ނޯޔާއަށް ފާހަގަވި އެވެ. ނަންބަރު ދޭން ކިޔާތީވެ ނޯޔާ ސުވާލުކުރީ ކުލާހުގެ ވައިބާ ގުރޫޕުގައި ހުރިހާ ބެލެނިވެރިން ތިބޭ ކަމެވެ. އެ ގުރޫޕުގައި މިދުހަތު ނީނދޭތޯ އެވެ. ސާރާގެ އާންޓީއާ ވާހަކަ ދައްކާލުމުން އެ ގުރޫޕަށް ބެލެނިވެރިން ވައްދާނޭކަން ނޯޔާ ބުންޏެވެ. ކުދީންގެ ސްކޫލު ކަންތައްތަކުގައި އެ ގުރޫޕުގައި މަޝްވަރާ ކުރެވޭނެކަން ނޯޔާ ބުންޏެވެ. މިދުހަތަށް ބުނަން ނުކެރިގެން އުޅެނީއޭ ހިތާ ނޯޔާ އާންޓީއާ އެ ވާހަކަ ދެއްކިއެވެ. މިދުހަތަށް ވިސްނުނީ އެވެސް ރަނގަޅު ގޮތެއް ކަމުގައެވެ.

"ކޮންތާކުން މިވަރުގެ ކޯޓު ގަތީ؟" ސްކޫލުން ނުކުމެގެން އަންނަމުން ނޯޔާ އަހާލީ މިދުހަތުގެ ދަރިފުޅު ލައްވާފައި ހުރި ކޯޓާ ބެހޭ ގޮތުންނެވެ. އެ ފެނުނީއްސުރެ ނޯޔާއަށް ކަމުދާ އެއްޗަކަށް ވިއެވެ. ވާރޭ ވެހޭ ދުވަސްދުވަހަށް ބޭނުންކުރާނޭ ކޯޓެއް ސާރާއާއި މަލްސާގެ އަތުގައި ނެތްކަން ނޯޔާއަށް އެނގޭތީއެވެ. ޓެކްސީއެއް ލިބެންދެން ނޯޔާއާއެކު މިދުހަތު މަޑުކޮށްލައިގެން ހުއްޓެވެ. ތަންކޮޅެއް ގިނަ ވާހަކަދައްކާލަން ފުރުސަތު ލިބުނީތީ މިދުހަތު ހުރީ ހިތްހަމަޖެހިފައެވެ. ސްކޫލުދޮށުން ދިމާވެގެން އެކަނި ވެސް ގުޅުން ބަދަހިވާން ގިނަދުވަހެއް ނުނަގާނޭ އޭނާ ހިތަށް އެރިއެވެ. އަދި ކުޑަދުވަސްކޮޅަކަށް މަޑުކޮށްލަނިކޮށް އޭނާއާއި ނޯޔާ ދެމެދު ރަޙުމަތްތެރިކަން އުފެދިދާނޭކަން މިދުހަތު ޔަގީންކުރިއެވެ.

ސައިކަލުގައި އައިސް މަޑުކޮށްލުމާއެކު ސައިކަލުން ދަރިފުޅު ބާލައި ދޮރޯށި މިދުހަތު ހުޅުވާލަ ދިނެވެ. އަދި ދަރިފުޅު ވަދެގެން ދާންފެށުމުން މަންމައަށް ގޮވާލަން މިދުހަތު ބުންޏެވެ. އޭނާ ސައިކަލުން ފޭބިއެވެ. މަޑިދަށުން ނެގި ސިޓީއުރަ ހިފަހައްޓާލައިގެން ދޮރޯށި ކައިރީ މަޑުކޮށްލައިގެން ހުއްޓެވެ. ހުޅުވާފައި ހުރި ދޮރުން އެތެރެއިން އައި އަންހެން ކުއްޖާ މިދުހަތަށް ފެނުނެވެ. އިސްކޮޅުން ކުރު ބައްޓަން ރީތި އަންހެން ކުއްޖެކެވެ. ހޭވިފައިވާ އިސްތަށިގަނޑު ދެއަތުން އޮމާންކުރަމުން ވޫލުކޮޅަކުން އައްސާލިއެވެ. ލާފައި ހުރި ކުރު ސޯޓުބުރިން އޭނާގެ ފަލަމަސްގަނޑުން ބޮޑުބައެއް ފެނެއެވެ. ހުދުކުލައިގެ އަތްކުރު ޓީޝާޓުކޮޅު ހީވަނީ ކުޑަކުއްޖެއްގެ ޓީޝާޓުކޮޅު ހެންނެވެ.

"ކިހިނެއްވީ؟" މިދުހަތާ ކައިރިއަށް އާދެވެންވާއިރަށް ރައުލާ ވާހަކަ ދެއްކިއެވެ.

"އަން..." މިދުހަތު ދިއްކޮށްލީ އަތުގައި އޮތް ސިޓީއުރައެވެ. ރައުލާ އައިސް ސިޓީއުރައިގަ ހިފީ ނުހަނު އަވަހަށެވެ. އޭގެ ތެރޭގައި ހުރި އެއްޗެހި އޭނާ ބަލާފައި ހިތްހަމަޖެހުނު ކަހަލައެވެ.

"ކޮންތާކުން ޒެންގެ ކޯޓު ގަތީ؟" މިދުހަތު އަހާލިއެވެ.

"ނޭނގެ، މަންމަ ގަތް އެއްޗެއް އެއީ." ރައުލާ ބުނެލިއެވެ.

"މަންމަ ކައިރީ އަހާލާފަ މަށަށް އަންގާލަބަލަ، މޫސުން ރަނގަޅިއްޔާ މާދަން ހަވީރު ޒެން ބަލާ އަންނާނަން، ދުއްވާލަންށާ ޕާކަށްދާން ބުނެފަ އޮތީ." މިދުހަތު ބުންޏެވެ.

"ތިގެއަށް ގެންގޮސް ނުވާނެ... މިމަހުގެ ހަރަދު ނެތް ޖަމާވެފައެއް." ރައުލާ ބުނެލިއެވެ.

"ނުދީ ނުހުންނަމެންނު، މި މަހު އަދި ނުވެގެން މިއުޅެނީ... ކުރާނަން." މިދުހަތު އެނބުރިލީ ދާށެވެ. ރައުލާ ދޮރުމައްޗަށް ނުކުތެވެ. އެ ދެމީހުންގެ ވެސް އެކަކުއަނެކަކުގެ މައްޗަށް ގާތްކަމެއް ނުވާ ކަހަލައެވެ. ހަމައެކަނި އޮތް ގުޅުމަކީ ދެމީހުންނަށް ލިބިފައި ހުރި ދަރިފުޅުގެ ސަބަބުން ބާއްވަން މަޖުބޫރުވެފައި އޮތް ގުޅުމެއް އެކަންޏެވެ.

* * * * *

މެންދުރު މަލްސާ ބަލާ ސްކޫލު ދޮށަށް ނޯޔާއަށް ދެވުނުއިރު އެކުއްޖާގެ ތަބީއަތް ވަނީ ގޯސްވެފަ އެވެ. އާންޓީ ހުރީ ވެސް މަލްސާގެ އަތުގައި ހިފާލައިގެން ގާތްކޮށްލައިގެންނެވެ. އެ ކުޑަކުޑަ މޫނުން ރޮއެފާ ހުރި ކަމުގެ އަސަރުތައް ފާޅުވެއެވެ. ޔުނީފޯމްގެ ބައެއް ވެސް ހުރީ ތެމިފައެވެ. ނޯޔާ ފެންނައިރަށް އެ ކުއްޖާގެ ބަޑިފަޅައިގެން ހިނގައްޖެ އެވެ. ކަންބޮޑުވުމާއެކު ނޯޔާއަށް ބަލާލެވުނީ ކައިރީ ހުރި އާންޓީއަށެވެ.

"އިންޓަވަލް ވެރުނީ... ވަރަށް ރޮއެފަ އެހުރީ" އާންޓީ ސިއްރުން ކަހަލަ ގޮތަކަށް ބުނެލި އެވެ.

"މަ...ން...މާ..." އާންޓިގެ އަތުން ދޫކޮށްލި ގޮތަށް ރޮވެމުންދިޔަ މަލްސާ ނޯޔާގެ ގައިގާ ބައްދާލި އެވެ. އެ އަޑުގައި ގިސްގެ އަސަރު އެކުލެވިފައި ވުމުން އެކުއްޖާ ވަރަށް ރޮއެފިކަން ނޯޔާއަށް ވެސް ޔަގީންވި އެވެ. އުރާލަން މަލްސާ އެދުމުން ނޯޔާ ކަންބޮޑުވިއެވެ. އުރާވަރަށްވުރެ މަލްސާ ބޮޑުވެފައި ގިނައިރު އެކުއްޖާ އުރާލައިގެން ނޯޔާއަށް ނުހުރެވޭނެކަން އެނގޭތީ އެވެ. މަލްސާ އަނެއްކާ ވެސް މަންމާއޭ ގޮވާލުމުން ނޯޔާއަށް ކެތްނުކުރެވުނެވެ. މަލްސާ ރޯއަޑަށް އެހެންމީހުން ވެސް އޭރު ބަލަން ފަށައިފިއެވެ.

"މަލްގެ... މަންމާ..." ނޯޔާގެ ކޮނޑުގައި ބޯއަޅައިގެން އޮވެ ރޮމުން މަލްސާ ވާހަކަ ދެއްކޭތޯ އުޅުނެވެ. ޝަކުވާތަކުން ފުރިފައިވާ ކަހަލައެވެ. އާންޓީ ކައިރީ ދަނީއޭ ބުނާ ފަދައިން ބޮލުން އިޝާރާތްކޮށްލައި މަލްސާ އުރާލައިގެން މަޑުމަޑުން ނުކުންނަން ނޯޔާއެވެ.

ވާރޭ ހުއްޓާލާފައި އޮތް ވަގުތަކަށް ވިޔަސް ނޯޔާ ޓެކްސީއެއް ނެގީ މަލްސާ އޭނާގެ އުރުން ފައިބަން ބޭނުން ނުވާކަން އެނގިގެންނެވެ. ސްކޫލުގައި ކަންތައްވީގޮތް މަލްސާ ކިޔާދިނެވެ. ކުއްޖަކު އޭނާގެ އިންޓަވަލް ކާލަން އުޅުނީއެވެ. އެކަން ހުއްޓުވަން އުޅެނިކޮށް ޕެކެޓު ބަންޑުންވެ ދެން ހުރި އެއްޗެހި ވެސް ބިންމައްޗަށް ވެރުނީ އެވެ. ހަމަ އެވާހަކަތައް ކިޔާދީ ނިމެންވާއިރަށް އަނެއްކާ ވެސް މަލްސާއަށް ރޮވިއްޖެ އެވެ. ޓެކްސީގައި ގެއަށް އާދެވެންދެން ވެސް މަލްސާ އިނީ ނޯޔާގެ އުނގުގައެވެ.

އަސްލަންއަށް ގުޅާފައި އެވާހަކަ ކިޔައިދޭންވީބާއޭ ނޯޔާ ހިތަށް އެރިއެވެ. އެހެން ނަމަވެސް އޭނާ މަޑުކުރީ އަސްލަން އޮފީސް ނިންމާފައި އަންނަން ދެނެވެ. އެހެންޏާ ވެސް ކުދީންގެ ކަންކަމުގައި ނޯޔާ ޚިޔާލު ބަދަލުކުރަނީ އަސްލަން އޮފީހުން އައީމައެވެ. ބައެއް ދުވަސްދުވަހު އަސްލަން ހަވީރު ސައިބޯން އިންނަ ވަގުތުތަކުގައެވެ.

* * * * *

ތެމިފައި ހުރުމުން އަސްލަން ބޫޓު އެއްފަރާތުގައި ބަހައްޓަމުން އިސްޓާކީނު ވަކިން ނެގިއެވެ. އެޕާޓްމެންޓް ތެރެއަށް ވެރިވެފައި އޮތް ހިމޭންކަން އަސްލަންގެ ފިޔަވަޅު އަވަސް ކުރުވި އެވެ. ދަރީންގެ ކޮޓަރިއާއި އޭނާގެ ކޮޓަރި ހުޅުވާލި އެވެ. ދެން އައިސް ނޯޔާގެ ކޮޓަރީގައި ޓަކި ދިނެވެ. އެކަކުގެ ވެސް ޚަބަރެއް ނުވިއެވެ. ތެމިފޯވެފައި ހުރި ގަމީސް ބާލަމުން ކޮތަޅަކަށް ލާފައި އޮތް ފޯނު ފަޓުލޫނު ޖީބުން އަސްލަން ނެގިއެވެ.

"މަންމާ... ނޯޔާ ތިކޮޅުގަ އެބައުޅޭތަ؟" ނޯޔާއަށް ގުޅުމުގެ ކުރީން ސަބީނާއަށް އަސްލަން ގުޅިއެވެ. ކުދީން ގޮވައިގެން ނޯޔާ މަންމަގެ ގެއަށް ދިޔައީކަމަށް ހީކޮށެވެ. ފޯނުގައި އިނދެފައި ރޫމާއަށް ސަބީނާ ގޮވާލި އަޑު އަސްލަންއަށް އިވުނެވެ.

"ނާދޭ މިކޮޅަކަށް... ކިހިނެއްވީ؟" ސަބީނާއަށް ސުވާލު ކޮށްލެވުނެވެ. އަސްލަން ކަމެއްނުވެޔޭ ބުނެ ފޯނުކަނޑާލީ ނިކަން އަވަހަށެވެ. ވަގުތުން ނޯޔާގެ ނަންބަރަށް އޭނާ ގުޅިއެވެ. އޭނާ ތެމިގެން ވިޔަސް ގެއަށް އައީ މިއިން އިރަކު ވާރޭ ނުހުއްޓާނޭކަން ލަފާކޮށްފަ އެވެ. ވާރޭ ވެހެނީ އެހާ ވެސް ބޯކޮށެވެ. މިހާ ވިއްސާރަ އިރު ނޯޔާ ކުދީން ގޮވައިގެން ބޭރަށް ހިނގައިދާނޭ އަސްލަން ހިޔެއްނުކުރެއެވެ. ނޫނީ އެއީ ނޯޔާ ހިތްހަމަނުޖެހިފަ ހުރިކަން އަސްލަންއަށް އަންގަން ކުރިކަމެއްބާއޭ އޭނާ ހިތަށް އެރިއެވެ. (ނުނިމޭ)