މުހައްމަދު މަލީހު ޖަމާލް

މިމަހު 22 ގައި ކޮމެޓީއަށް ހާޒިރުވާން މަލީހަށް އަންގައިފި

މި މަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމެޓީއަށް ހާޒިރުވާން ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލަށް އެ ކޮމެޓީން އަންގައިފި އެވެ.

މަލީހު މަގާމުން ދުރު ކުރުމަށް ދާދި ފަހުން މަޖިލީހުގައި ކުރިއަށް ދިޔަ ވޯޓުގައި ޖަވާބުދާރީ ވުމުގެ ތެރޭގައި އޭނާ ވިދާޅުވީ ވަޒީރުންނަށް ބިރު ދައްކަވަމުންދާ ކަަމަށާއި އޭގެ ހެއްކަަކަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އިސްތިއުފާ ދޭން މަޖުބޫރުކުރި ކުރުން ފުދޭ ކަަމަށެވެ. މަލީހުގެ ތުހުމަތުތަކާ ހިތްޕުޅާ ހަމަނުވެ ރައީސް ނަޝީދު އެ ދުވަހު ވަނީ މަލީހު މަޖިލީހުގައި އިތުރުފުޅު ހައްދަވާ ކަަމަށް ތުހުމަތުކުރައްވައި މަލީހުގެ މައްސަލަ އިމްތިޔާޒް ކޮމެޓީއަށް ފޮނުވާނެކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން އެކަން ސާބިތުވެއްޖެނަމަ ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްއަށް ފޮނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މަލީހުގެ ތުހުމަތުތަކަކީ މަޖިލީހުގެ އިމްތިޔާޒްތަކުގެ ބާރާއި އިމްތިޔާޒްތަކުގެ އިތުރަށް ގަދަރަށް އުނިކަން ލިބޭފަދަ ކަމެއް ކަަމަށް ވިދާޅުވެ އެ މައްސަލަ އިމްތިޔާޒް ކޮމެޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.

އިމްތިޔާޒް ކޮމެޓީން އެކަމާ ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ ފުރަތަމަ ބަހުސްގައި އެ މައްސަލައިގައި މަލީހު ހާޒިރުކޮށް ސުވާލުކުރަން ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން އެވެ. އަދި މަލީހުގެ ތުހުމަތުތަކަކީ ކޮން އަސާސެއްގެ މައްޗަށް ކުރާ ތުހުމަތެއްތޯ ބަލަައި ސާފު ކުރަން އޭނާ އެދިވަޑައިގެންނެވެ.

ވަޒީރުންނަށްނަށް ބިރު ދައްކަނީ ކޮންގޮތަކުންތޯއާއި އޭގެ ތަފްސީލް ދިނުމަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގި ދުވަހުވެސް މަލީހުގެ އަރިހުން ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ. ނަމަވެސް މަލީހަށް ވާހަކަފުޅު ދައްކަން ލިބިވަޑައިގެންނެވި ވަގުތު މާ މަދުކަމަށް ވިދާޅުވި އޭގެ ތަފްސީލަކަށް ވަޑައިގެން ނުގެންނެވި އެވެ.

ކޮމެޓީން މިއަދު ވަނީ މަލީހަށް ސިޓީއަކުން އެކަން އަންގާފައެވެ. އަދި މިމަހުގެ 22 ވަނަ ދުވަހު 11:00 އިރު ކޮމެޓީއަށް ހާޒިރުވާން ވަނީ އަންގާފައެވެ.