މުޒާހަރާ

މާދަމާވެސް މުޒާހަރާ ކުރާނަން: އިދިކޮޅު

ކޮންމެ ހުކުރު ދުވަހެއްގައި ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާ މާދަމާވެސް މާލޭގެ މަގުތަކުގައި ކުރިއަށް ގެންދާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއުލާނު ކޮށްފި އެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަދި ކޮންގްރެސް ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިދިކޮޅުގެ އިހުތިޖާޖުތަކަކީ ގައުމީ މަސައްކަތެއް ކަމަށާއި މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައީސް ޔާމީންގެ ފިކުރަށް ތާއީދު ކުރާ ހުރިހާ މީހުން މާދަމާ މަގުތައް މައްޗަށް ނިކުންނަން ގޮވައިލާ ކަމަށެވެ.

"މި ސަރުކާރުން އަޅުގަނޑުމެންނަކަށް ކެމްޕޭނު ކުރުމުގެ ފުރުސަތެއް ނުދޭ. އަޅުގަނޑުމެންނަކަށް ސިޔާސީ ހަރަކާތެއް ހިންގުމުގެ ފުރުސަތެއް ވެސް ނުދޭ. އަޅުގަނޑުމެން މިވަނީ ވަރަށް ބޮޑަށް ފިއްތާލާފަ. އެހެންނަމަވެސް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. މާދަމާ ރައީސް ޔާމީންގެ ފިކުރަށް ތާއީދު ކުރާ މާލެ ސަރަހައްދުގައި ދިރިއުޅޭ އެންމެންނަށް މިގޮވާލަނީ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބައިވެރިވާން." އަދުރޭ ވިދާޅުވި އެވެ.

މި ދުވަސްވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން މާލެ ސިޓީގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ދުވަސްވަރެކެވެ. އެގޮތުން އެއްވުންތަކާއި މުޒާހަރާތައް އަދި ޖަލްސާތަކާއި ހަފްލާތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް އެއްވެ އުޅޭނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.