ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސިފައިންގެ ރިޓަޔާ އުސޫލަށް ބަދަލު ގެންނަން ގާނޫނު ތަސްދީގުކޮށްފި

ސިފައިންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލަކީ މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

ސިފައިންގެ ގާނޫނަށް ގެނެސްފައިވާ އިސްލާހަކީ ގާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ފަހަތަށް ދެ ނަންބަރު އިތުރު ކުރުމެވެ. އެ ގޮތުން، ގާނޫނަށް އިތުރުކޮށްފައިވާ ދެ ނަންބަރުގައި ބަޔާންކޮށްފައި ވަނީ ސިފައިންގެ ފޯސް ސްޓްރަކްޗަ ދެމެހެއްޓުމާއި، ސިފައިންގެ ވަޒީފާގައި އެންމެ ގާބިލު މީހުން ބޭތިއްބުމަށް އިސްކަންދިނުމަށެވެ.

ސިފައިންގެ ގާނޫނަށް މި ގެނައި އިސްލާހުގެ ސަބަބުން ސިފައިންގެ ރިޓަޔާމަންޓް ގަވާއިދުގައިވާ ގޮތުގެ މަތިން ސިފައިންނަށް ރިޓަޔާ ކުރެވޭނެ ގޮތްތަށް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. މި ބިލު ތަސްދީގު ކުރެއްވުމާއެކު، ދިވެހި ސަރުކާރުގެ ގެޒެޓްގައި ގާނޫނު ވަނީ ޝާއިއު ކުރައްވާފަ އެވެ.