ދީން

ތައުބާވުމަށް އެހީތެރިވެދޭ ކަންތައްތައް

ތައުބާވުމަކީ، ކުރެވުނު ފާފައާމެދު ހިތާމަކޮށް، އަލުން އަނބުރާ އެފާފަ ނުކުރުމަށް އަޒުމު ކަނޑައަޅައި، ފާފަ ފުއްސަވައި ދެއްވާތޯ ދުޢާކުރުމެވެ. ތެދުވެރި ތައުބާއަކުން ތައުބާވުމަށް މާތް ﷲ ވަނީ އަމުރު ކުރައްވާފައެވެ.

އަދި ފާފައަކަށް ކުރެވޭހިނދު، ތައުބާވެ ފާފަ ކުރުން ހުއްޓައިލުމުން، މާތް ﷲ އެ ފާފައެއް ފުއްސަވައިދެއްވާނޭކަމުގައި ކީރިތި ޤުރްއާންގައިވަނީ އަންގަވާފައެވެ. ނަމަވެސް ތައުބާވުފަހު، ހެޔޮ ކަމުގެ މަތީގައި ދެމިހުރުމަކީ އުނދަގޫކަމެކެވެ. އަދި ތައުބާވުމަކީވެސް ބައެއް ފަހަރު ވަރަށް އުނދަގޫކަމަކަށް ވެދެއެވެ. ތައުބާވުމަށް އެހީތެރިވެދޭ އެތައް ކަމެއް ވެއެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް ބަލައިލަމާތޯއެވެ!

އިޚްލާޞްތެރިކަމާ ތެދުވެރިކަމާއެކު ތައުބާވުމަށް އެދުން

ތައުބާވުމުގައި ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީ ތައުބާވާން ބޭނުވާ ބޭނުންވުމުގައި ތެދުވެރިކަން ނެތުމެވެ. ފާފައަކަށް އަރައިގަނެވޭހިނދު، ނަފްސު އެކަމަށް މަލާމަތްކުރާތީ ދެން އަލުން އެފާފަ ނުކުރުމަށް ހިތަށްއަރައެވެ. އަދި ތައުބާވުމަށްވެސް ބޭނުންވެއެވެ. ނަމަވެސް ތައުބާވުމުގައި އިޚްލާޞްތެރިކަމާއި ތެދުވެރިކަން ނެތުމުން، އެ ކުރެވުނު ފާފަ ތަކުރާރު ކުރެވޭގޮތް ވެއެވެ.

ތައުބާ ވުމަށް އެދޭ އެދުމުގައި ތެދުވެރިވާނަމަ، މާތް ﷲ އޭނާއަށް އެހީތެރިކަން ދެއްވައި ތައުބާވުމުގެ ތައުފީޤު ދެއްވައެވެ. އަދި ކުރިމަތިވެފައިވާ ދަތިތަކުން ސަލާމަތްކޮށްދެއްވައެވެ.

މާތް ﷲ ވަޙީކުރައްވައެވެ. ﴿ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ تُوبُوۤا۟ إِلَى ٱللَّهِ تَوۡبَةࣰ نَّصُوحًا عَسَىٰ رَبُّكُمۡ أَن یُكَفِّرَ عَنكُمۡ سَیِّـَٔاتِكُمۡ وَیُدۡخِلَكُمۡ جَنَّـٰتࣲ تَجۡرِی مِن تَحۡتِهَا ٱلۡأَنۡهَـٰرُ ﴾ (التحريم ٨) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތެދުވެރި، އިޚްލާޞްތެރި ތައުބާއަކުން، ތިޔަބައިމީހުން ﷲ އަށް ތައުބާ ވާށެވެ! އޭރުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންގެ ކިބައިން، ތިޔަބައިމީހުންގެ ކުށްތައް ފުއްސަވައި، އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާހުންނަ ސުވަރުގެތަކަށް ތިޔަބައިމީހުން ވައްދަވައިފާނެތެވެ."

މާތް ﷲ އަށް، ހިތުގައިވާ ލޯބި އިތުރު ކުރުން

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ. "މާތް ﷲ އަށް ލޯބި، ހިތުގައި ބޮޑުވުމަކީ، އެއިލާހު ނަހީކުރެއްވި ކަންކަމުން އެއްކިބވާމުގައި ކެތްތެރިކަން ހާސިލުކޮށްދޭ އެންމެ ބޮޑު އެއް ސަބަބެވެ. އެހެނީ ލޯބިވެރިޔާ އޭނާ ލޯބިވާ ފަރާތަށް ކިޔަމަން ގަންނާނެތެވެ. ވީމާ، ހިތުގައިވާ ލޯބި ބޮޑިވި ވަރަކަށް ކިޔަމަންތެރިކަން އިތުރުވެ، އެފަރާތް ނުރުހޭ ކަންކަމުން އެއްކިބާވާން ކުރާ މަސައްކަތް އިތުރުވެއެވެ. ނުކިޔަމަންތެރިކަމާއި، އަންގާ އެންގުންތަކާ ޚިލާފުވެވެނީ ހިތުގައިވާ ލޯބި ކުޑަވެ އެލޯބީގެ ބާރު ދައްވާތީއެވެ. އެމީހެއްގެ ވެރި މީހާގެ ހައްމުއްޓަށް ބިރުން އޭނާއަށް ކިޔަމަންގަންނަ މީހަކާއި، އޭނާގެ ވެރިމީހާދެކެވާ ލޯބިން އޭނާއަށް ކިޔަންމަންގަންނަ މީހަކާ ދެމެދުގައި ބޮޑު ތަފާތެއް ވެއެވެ."

ނަފްސުގެ ޖިހާދު

މާތް ﷲ ޙަރާމް ކުރައްވާފައިވާ ކަންކަމުން އެއްކިބާވެ، އެކަންކަން ނުކުރުމަށް ނަފްސަށް އަންގައި ތިމާގެ ނަފްސު ހެޔޮ މަގުގައި ދެމެހެއްޓުވުމަކީ ހިތްވަރާއި ވަރަގުދަ އަޒުމަކާއެކު މެނުވީ ކުރެވޭނޭ ކަމެއް ނޫނެވެ.

އަލްއިމާމު އިބްނުލް ޖައުޒީ رحمه الله ވިދާޅުވެފައިވެއެވެ. "ނަފުސުގެ އެންދުންތައް ކޮންޓުރޯލްކޮށް އެކަންތައްތަކުގެ މައްޗަށް ގަދަވެގަތުމަކީ، އެހެން އެއްވެސް ކަމަކުން ނުލިބޭފަދަ ފޮނިކަމެއް ލިބޭނެތެވެ. ހަވާނަފްސުގެ އެދުންތަކުގައި ޖެހިފައިވާ މީހުން ނިކަމެތި ހާލުގައިވާތަން ތިބާއަށް ނުފެނޭ ހެއްޔެވެ. އެއީ އެބައިމީހުންގެ މައްޗަށް އެމީހުންގެ ނަފްސުގެ އެދުންތައް ގަދަވެގެންފައިވާތީ ކުރިމަތިވާ ކަމެކެވެ. އެއާ ޚިލާފަށް ހަވާނަފްސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަންފައިވާ މީހާ ފެންނާނީ ވަރަށް ހިތްވަރުގަދަ މީހެއްގެ ގޮތުގައެވެ."

އާޚިރަތް ހަނދުމަކުރުން

މި ދުނިޔެއަކީ ނެތިފަނާވެ ދާނޭތަނެއް ކަމާއި، ދުނިޔޭގެ އުފަލާއި އަރާމަކީ ހިނދުކޮޅެއްގެ ކަމެއްކަން ހަނދާންކުރާށެވެ. ދުނިޔޭގެ މަދު ހިނދުކޮޅެއްގައި ލިބޭ ހިތްހަމަޖެހުމަކަށްޓަކައި، އާޚިރަތުގެ އަބާއްޖަވެރިކަން ހޯދައި ނުގަންނާށެވެ. ފާފައިގެ ނުބައިކަމާއި، ދުނިޔެއާއި ވަކިވާހިނދު، އެފާފަތަކުގެ ސަބަބުން ކުރިމަތިވާ ބަދުނަސީބާއި، ކައްވަޅުގެ އަޒާބައި، ޤިޔާމަތް ދުވަހު ހުރި އަބާއްޖަވެރިކަން ހަނދާން ކުރާށެވެ. މަރުވާނޭ ކަމާއި، އާޚިރަތުގެ މަތީން ހަނދާން ކުރުމަކީ ތެދުވެރި ތައުބާއަކުން ތައުބާވުމަށް އެހީތެރިވެދޭ ކަމެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم ދުވާލަކު 100 ފަހަރު ތައުބާވެލައްވާކަމުގައި ރިވާވެގެންވެއެވެ.

ޢިލްމު އުނގެނުން

ޢިލްމު އުނގެނުމުގައި ވަގުތު ހޭދަކުރާށެވެ. ވަކީން ޚާއްޞަކޮށް ޝަރުޢީ ޢިލްމު އުނގެނޭށެވެ. ކީރިތި ޤުރްއާން ތަޖުވީދުގެ މަގުން ކިޔެވުމާއި، އެ ޤުރްއާނުގެ ބަސްފުޅުގެ މާނަތަކާއި ތަފްސީރާއި، މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅުތަކުގެ މާނައާއި، އަޅުކަމުގެ ފިޤުހު އުނގެނޭށެވެ. އެހެނީ، ޢިލްމަކީ ނޫރެކެވެ. އެނޫރަކީ ފާފަކުރާ މީހަކަށް މާތް ﷲ ދެއްވާ އެއްޗެއް ނޫނެވެ. ޢިލްމު އުނގެނުމުގައި ވަގުތު ހޭދަކުރުމަކީ ހެޔޮ ކަމުގައި ތިބާގެ ވަގުތު ހޭދަކޮށްލެވޭ ކަމެކެވެ. އަދި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާ ކުރުވާ ކަމެކެވެ.

ޢިލްމު ނެތިއްޖެނަމަ ތިމާގެ ވިސްނުމާއި ހިތުގެ ފެނުން ގެއްލިގެން ދެއެވެ. އަދި އެހިތަށް ޖާހިލުކަން ވެރިވެގަނެއެވެ. ތިބާ ކަންކަން ވަޒަންކޮށް މިންކުރާ ހެޔޮ ކަމުގެ މީޒާން، ވިޔާނުދާ ފާސިގު ޢަމަލުތަކުގެ މީޒާނަކަށް ބަދަލުވެގެން ދެއެވެ. އެއަށްފަހު، ފާފައަކަށް އަރައިގަތުމަކީ ދާދި ފަސޭހަކަމެއް ކަމުގައި ވެދެއެވެ.

ވަގުތު ބޭކާރު ކުރުމާއި، ހުސްވަގުތުން އެއްކިބާވުން

ހުސްވަގުތު ގިނަވުމަކީ ހެޔޮކަމުގެ މަގުން އެއްކިބާ ކުރުވާ ކަމެކެވެ. ވަގުތުތައް ހެޔޮ ކަމުގައި ހޭދަ ނުކުރެވިއްޖެނަމަ، އެވަގުތުތަކަކީ ނުބައި ޢަމަލު ކުރުމުގައި ހޭދަވާ ވަގުތުތަކަކަށް ބަދަލުވެދެއެވެ. ފައިދާ ހުރިކަމެއްގައި ހޭދަ ނުކުރެވޭ ކޮންމެ ވަގުތަކީ ގެންލުން ހުރި ގޮތުގައި ހޭދަވާ ވަގުތެކަމުގައި މެނުވީ ނުވެއެވެ. މިކަމަށްޓަކައި، އިހުގެ ދަންނަބޭކަލުން ވިދާޅުވެއެވެ. "ވަގުތު ބޭކާރުކޮށްލުމަކީ މަރުވުމަށްވުރެންވެސް ނުބައިކަން ބޮޑު ކަމެކެވެ."

ފާފައަށް ލަންބުވާ ކަންތަތަކުން ދުރުހެލިވުން

ތިބާއަށް ކުރެވޭ ފާފަތަކަށް މަގުފައިވާ ހުރިހާ ކަމަކުން އެއްކިބާވާށެވެ. އެހެނީ، ތައުބާވުމަށް އެންމެ ބޮޑަށް ހުރަސްއެޅޭ ކަމަކީ، އަދި ފާފައެއް ކުރުމަށްފަހު، އަލުން އެފާފަ ތަކުރާކުރެވުމަށް މެދުވެރިވަނީ، އެ ފާފަ ކުރުމަށް މަގުފަހިކޮށްދޭ ކަންކަން ނައްތައި ނުލާތީއެވެ. އެކަންކަމުން ދުރުހެލި ނުވާތީއެވެ.

މާތް ﷲ ކަމެއް ޙަރާމް ކުރައްވާފައިވާނަމަ އެކަމަކަށް މަގުފައިވާ އެންމެހާ ކަމެއްވެސްވަނީ ނަހީކުރައްވާފައެވެ. ބަނގުރާ ޙަރާމްކުރެއްވިހިނދު، އެ ބުއިމާއި، އެހެން މީހަކަށް ބޯންދިނުމާއި، އެތައްޔާރު ކުރުމާއި، ތައްޔާރު ކޮށްދިނުމަށް އެދުމާއި، އުފުލުމާއި، އުފުލައިދިނުމުގައި އެހީތެރުވުމާއި، ވިއްކުމާއި، ވިއްކައިގެންލިބޭ މަންފާ ބޭނުންކުރުމާއި، އެ ހަދިޔާކުރުމާއި، މިފަދަ ހުރިހާ ކަމެއްވަނީ ނަހީކުރައްވާފައެވެ. ހަމައެފަދައިން ޒިނޭ ކުރުން ނަހީކުރެއްވި ހިނދުގައި "ޒިނޭ އާ ގާތް ނުވުމަށް" ވަނީ އަންގަވާފައެވެ. އަދި ފާޅުވެގެންވާ ފާހިޝް ޢަމަލުތަކާއި ވަންހަނާވެގެންވާ ފަހިޝް ޢަމަލުތައްވެސް ވަނީ ނަހީކުރައްވާފައެވެ.

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ. "ފިތުނަތަކާ ކައިރިވެއްޖެ މީހާކު އެކަމުން ރައްކާތެރިވުން ދުރެވެ. ފިތުނަތުކުގެ ކަރީގައި ހުރި ނަމަވެސް، އެ ފިތުނަތަކުގައި ނުޖެހި ކެތްތެރިވެގެން ހުރެވޭނެޔޭ ބުނާ މީހާގެ ނަފްސު އޭނާއާ ޙަވާލު ކުރުވޭނެއެވެ. (އެބަހީ: އޭނާ އެކަމުން ސަލާމަތް ވުމަށް މާތް ﷲ ގެ ތައުފީޤެއް ނުވެއެވެ.)"

ނަހީކުރައްވާފައިވާ ބެލުންތަކުން އެއްކިބާވުން

މާތް ﷲ ނަހީކުރެއްވި ބެލުންތަކުން އެއްކިބާވުމަށާއި، ޙަރާމް ކުރެއްވި ބެލުންތަކަކީ ޝައިޠާނާގެ ވިހަ ތީރުތަކުގެ ތެރެއިން ތީރެއް ކަމުގައި ވަނީ އަންގަވައިފައެވެ. ނަހީ ކުރެއްވި ތައްތަނާއި މަންޒަރުތައް ބެލުމަކީ، ފާފައަށް ހިތް ލަނބުވައި އެކަންކަން ޒީނަތްތެރިކޮށްދޭ ކަމެކެވެ. ބެލުންތައް ތިރިކުރުމާއި، ނަހީކުރެއްވި ތަންތަނާއި މަންޒަރުތައް ބެލުމުން އެއްކިބާވުމަކީ، ހިތްހަމަޖެހުން ލިއްބައިދޭ ކަމެކެވެ. މާތް ﷲ ޙަރާމް ކުރެއްވި ކަންކަމުން، ތިބާގެ ލޯ ސަލާމަތް ކުރުމަކީ، ފާފަތަކާއި މުންކަރާތްތަކުން ތިބާގެ ހިތް ސަލާމަތްކޮށްދޭ ކަމެކެވެ.

ހެޔޮ އެކުވެރިންނާ ގުޅުން ބޭއްވުމާއި ނުރަނގަޅު އެކުވެރިންނާ ދުރުހެލިވުން

ތިބާއަށް ހުރެވޭނީ ތިބާގެ އެންމެ ގާތް އެކުވެރިޔާގެ އަޚުލާޤުގެ މަތީގައެވެ. ހެޔޮ އެކުވެރިންނަކީ، ހިތްހަމަ ޖެހުން ގެނެސްދޭ ބައެކެވެ. އަދި ހެޔޮ ވިސްނުން ލިއްބައިދީ، ހެޔޮ ޢަމަލުތަކަށް ވާގިވެރިވާ ބައެކެވެ. ހެޔޮ އެކުވެރިންނާ އެކުގައި އުޅުމަކީ ތިބާގެ ޢައިބުތައް ދައްކައިދީ، ތިބާގެ އުނިކަން ފޫބައްދައިދޭ ކަމެކެވެ.

ހަމައެފަދައިން ގޯސް އެކުވެރިންނަކީ، ތިބާގެ ހަލާކެވެ. އެމީހުންނާ އެކުގައި އުޅުމާއި، އެކުގައި ވަގުތު ހޭދަކުރުމަކީ، އެމީހުން ކުރާ ކަންތައްތައް ތިބާއަށް ރީތި ކަމެއްގެ ގޮތުގައި ދައްކުވައިދޭ ކަމެކެވެ. ގޯސް އެކުވެރިންގެ މަޖިލިސްތަކުގައި ބައިވެރިވެއުޅުމަކީ، ފާހިޝް ޢަމަލުތަކާއި މާތް ﷲ ނަހީކުރެއްވި ކަންކަމަށް އަރައިގަތުމަށް ފަސްޖެހުމާއި، ބިރެވެރިކަން ފިލުވައިލާ ކަމެކެވެ.

ނުރަނގަޅު އާދަތައް ދޫކޮށްލުން

ތައުބާ ވުމަށް ހުރަސްއަޅާ ކަންތައްތަކުގެ ތެރޭގައި ނުރަނގަޅު އާދަތަކުގެ މަތީގައި ދެމިހުރުން ހިމެނެއެވެ. ފާފަތަކާއި މުންކަރާތްތަކަށް މަގުފަހިކޮށްދޭ ކަމެކެވެ. އަދި ކަންނެތްކަމާއި، ބުރަހެލިކަން ގެނުވާކަމެކެވެ. ވީމާ، ގޯސް އާދަތައް ދެނެގަނެ އެކަންކަމުން އެކިބާވުމަށް މަސައްކަތް ކުރާށެވެ. އެ އާދަތަކުގައި ދެމިހުރެވޭ ސަބަބުތައް ދެނެގަނެ، އެ ސަބަބުތައް ނައްތައިލާށެވެ.

ލަދުވެތިކަން

ލަދުވެތިކަމަކީ ރިވެތި އަޚުލާޤުގެ ތެރެއިން ހިމެނޭ އެންމެ ރިވެތި އެއް ސިފައެވެ. ލަދުވެތިކަމުގެ ސަބަބުން ހެޔޮ ކަމެއް މެނުވީ ނުގެނެސްދެއެވެ. ލަދުވަތިކަމަކީ އިސްނެގުމަށް ނުކެރުމާއި، ތިމާ އަދާކުރަންޖެހޭ ވާޖިބުތައް އަދަކުރުމުގައި ފަސްޖެހުމެއް ނޫނެވެ.

ލަދުވަތިކަމަކީ އީމާންކަމުގެ ބައިތަކުގެ ތެރެއިން ބައެކެވެ. އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ. "ލަދުވެތިކަމަކީ އިންސާނިއްޔަތުގެ ޚާއްޞަ ދިފައެކެވެ. ލަދުވެތިކަން ނެތިއްޖެ މީހާގެ ކިބައިގަން އިންސާނިއްޔަތު ކަމެއް ނުވެއެވެ."
ގިނަ ފާފަތަކަށް އަރައިގަނެވުމުގެ މައިގަނޑު ސަބަބަކީ ލަދުވެކަން ނެތުމެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިބާ ލަދު ނުގަންނަނީނަމަ ބޭނުން ކޮންމެ ކަމެއް ތިބާ ކުރާހުއްޓެވެ." އެބަހީ: ލަދުވެތިކަމުގެ ސިފަ ނެތިއްޖެނަމަ އެއްވެސް ކަމެއްކުރާކަށް ފަސް ނުޖެހޭނެއެވެ.

ދަންނާށެވެ! ގިނަގިނައިން ތައުބާވާ މީހުންދެކެ މާތް ﷲ ލޯބިވެވޮޑިގެންވެއެވެ. އަދި ތައުބާވުމުގެ ފެށުމަކީ ފާފަ ކުރެވުނީތީ ހިތާމަކުރުމެވެ. ތެދުވެރި ތައުބާއެއްގެ މަތީގައި ދެމިހުރެއްޖެ މީހާ ފާފަފައެއް ނުކުރާފަދައިން އޭނާގެ ކުށްފާތައް ފުއްސަވާދެއްވާނެތެވެ.