ހަބަރު

ހަމަލާދިން އެންމެނަށް ޝަރީއަތް ހިންގަން އެޗްއާރްސީއެމުން ގޮވާލައިފި

Nov 1, 2015


ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅު ކުރެއްވި "ފިނިފެންމާ" ލޯންޗުކޮޅުގައި ގޮވާތަކެތި ހަރުކޮށް ނުރައްކާތެރި އަމަލެއް ހިންގި ފަރާތްތައް ޝަރީޢަތުގެ ކުރިމައްޗަށް ހާޒިރުކުރަން ދައުލަތުގެ އެންމެހާ ފަރާތްތަކަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފި އެވެ.

އެޗްއާރްސީމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީން ހައްޖުގެ އަޅުކަމަށްފަހު މިދިއަ މަހުގެ 28 ވަނަ ދުވަހު ރާއްޖެ ވަޑައިގެން މާލެއަށް ދަތުރުކުރެއްވި ލޯންޗްކޮޅުގައި ގޮވާތަކެތި ހަރުކޮށްގެން ހިންގި ނުރައްކާތެރި ހާދިސާގެ ފަހަތުގައިވާ ފަރާތްތައް ހޯދުމަށް ދިވެހި ސިފައިންނާ ފުލުހުން ގުޅިގެން، ހިންގަމުން ގެންދާ އޮޕަރޭޝަންގައި، މާލެއާއި ރާއްޖޭގެ ރަށްތަކުން ނުރައްކާތެރި ހަނގުރާމަވެރި ހަތިޔާރު ފެންނަމުން ދާދިއުމަކީ ވެސް ކޮމިޝަނުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"... ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ހާދިސާ ތަހުކުރުމަށްޓަކައި، ހިންގުނު އޮޕަރޭޝަންގެ ތެރެއިން މާލޭގެ ގެއަކުން ފިސްތޯލެއް ފެނިފައިވާކަމުގެ ޚަބަރުތައް މީޑިއާގައި ޢާންމުވެފައިވަނިކޮށް، ސިފައިންނާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބ. ހިބަޅިދޫ ކިޔާ ފަޅުރަށަކުން އިއްޔެ ފެނުނު ނުރައްކާތެރި ހަތިޔާރުތަކާއި ގޮވާތަކެތީގެ މަޢުލޫމާތު އާންމު ކުރެވުނު ހިނދު، އޭގެ ތެރެއިން ބައެއް ހަތިޔާރަކީ ދިވެހި ގައުމީ ދިފާއީ ބާރުގެ އިންވެންޓްރީން ބޭރުވެފައިވާ ތަކެތި ކަމަށް ބެލެވޭއިރު އެފަދަ ގޮތަކަށް އާންމުންގެ ތެރެއަށް ނުރައްކާތެރި، ހަނގުރާމަވެރި ހަތިޔާރު ދޫވެފައި ހުރުމަކީ، މުޅި ދިވެހި ރައްޔިތުންނަށް އޭގެ ނުރައްކާތެރިކަމާއި ބިރުވެރިކަން އިންތިހާއަށް ބޮޑުކަމެއް ކަމުގައި ދެކެމެވެ،" އެ ބަޔާނުގައި ވެއެވެ.

އެޗްއާރްސީއެމުން ބުނީ ދިރިހުރުމުގެ ހައްގަކީ ގާނޫނުއަސާސީ އާއި އިންސާނީ އުޞޫލުތަކުގެ މަތިން، ކޮންމެ އިންސާނަކަށް ކަށަވަރުކޮށްދޭންޖެހޭ އެންމެ ފުރަތަމަ އަސާސީ ވާޖިބު ކަމަށާއި އެތައް ބައެއްގެ ފުރާނަ އެއްފަހަރާ ގެއްލުވާލެވޭފަދަ، ހަނގުރާމަވެރި ހަތިޔާރުތަކެއް ގައުމީ ދިފާޢީ ބާރުން ބޭރުގައި ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ބުނެފައި ވަނީ ރައީސް ދަތުރު ކުރެއްވި ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ހާދިސާ އާއި އެކަމާ ގުޅިގެން ހިންގުނު އޮޕަރޭޝަން ތަކުގައި ފެނިފައިވާ ހަނގުރާމަވެރި ހަތިޔާރުތަކުގެ މައްސަލަ ތަހުގީގު ކުރުމުގައި ސިފައިންނާ ފުލުހުންގެ ޤާނޫނާއި އަދިވެސް މިފަދަ ރަހުމްކުޑަ ލާއިންސާނީ ޢަމަލުތައް ހުއްޓުވައި، މުޖުތަމަޢުގެ އަމަން އަމާންކަން ޤާއިމުކުރުމަށްޓަކައި، ހެދިފައިވާ އެންމެހާ ޤާނޫނުތައް، އެޤާނޫނުތަކުގެ ފުރިހަމަ މާނާގައި ބޭނުންކޮށްގެން ވީހާވެސް އަވަހަށް ތަހުގީގު ކުރުމަށެވެ.

"މިނުރައްކާތެރި ޢަމަލު ހިންގާފައިވާ ފަރާތްތައް ޝަރީޢަތުގެ ކުރިމައްޗަށް ހާޒިރުކުރުމަށް، ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ،" ބަޔާނުގައި ވެއެވެ.

އެޗްއާރްސީއެމުން ބުނީ މިއަދުވެސް އަދި ވޭތުވެދިޔަ ތަނުގައިވެސް މިފަދަ ތަހުގީގުތައް ހިންގުމުގައި ތަހުގީގު އިދާރާތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޒަމާނަށް އެކަށީގެންވާ ހެއްކާ ބެހޭ ޤާނޫނަކާއި ހެކި ރައްކާތެރިކުރެވޭނެ ފުރިހަމަ ޤާނޫނީ އޮނިގަނޑެއް ނެތުން ކަމަށާއި އެ ފަދަ ޤާނޫނެއް ނެތުމުން، ހެކި ހޯދުމުގައި ތަފާތު ދަތިތައް ކުރިމަތިވެ، ތަހުގީގު ދިގުލައިގެން ދިޔުމުގެ އިތުރުން، ހެކި ރައްކާތެރިކުރެވޭނެ ޤާނޫނީ ނިޒާމެއް ނެތުމުން ބޮޑެތި ކުށްތަކާ ގުޅިގެން ހެކިބަސް ދިނުމުގައި ޢާންމުންގެ ޖެހިލުންވުންތަކެއް ހުންނ ކަމަށެވެ.

ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން އިތުރަށް މެދުވެރިވިޔަ ނުދިނުމުގެ ގޮތުން، ވީހާވެސް އަވަހަކަށް ހެއްކާ ބެހޭ ގާނޫނެއް ހަދައި، އަދި ހެކި ރައްކާތެރިކުރެވޭނެ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށްވެސް ރައްޔިޔުންގެ މަޖިލީހަށް ގޮވާލާފައި އެވެ.

މިއީ ގައުމީ ދިފާއީ ބާރުގެ ތެރެއިން ބޭރު، އާންމު ބައެއްގެ އަތުގައި ހަތިޔާރު ހުރިކަން ފާހަގަކޮށް އެޗްއާރްސީއެމުން ބުނީ މީގެ ސަބަބުން ސަބަބުން ދިވެހި ރައްޔިތުންނަށް ނަފްސާނީ ގޮތުން ލިބިފައިވާ ބިރުވެރިކަމާއި، ނުތަނަވަސްކަން އިތުރު ނުވާނޭ ގޮތުގެ މަތީން، އެންމެހާ ފަރާތްތަކުގެ ޢަމަލުތައް ބަހައްޓަން އެދޭ ކަމަށެވެ.