ބޮލީވުޑް

"ބިއްޓޫ"ގައި ލީޑް ކުޅުނު ދެކުދިންނަށް ޕްރިޔަންކާގެ އެހީ

މިއަހަރުގެ އޮސްކާ ނޮމިނޭޝަނަށް ވާދަކުރާ ފިލްމުތަކުގެ ތެރޭގައި "ބިއްޓޫ" ހިމެނެ އެވެ. އެއާއެކު މި ފިލްމަށް އިންޑިޔާ އާއި ދުނިޔޭގެ ގިނަ ބަޔެއްގެ ސަމާލުކަން ލިބުނެވެ. ފިލްމުގައި އެންމެ މުހިއްމު ރޯލުތައް ކުޅެފައިވަނީ ރާނީ އާއި ޜޭނޫ ކުމާރީ ކިޔާ ދެ ކުދިންނެވެ. މި ކުދިންގެ ތައުލީމަށް ފައިސާގެ އެހީ ހޯދުމަށް ފަންޑް ރައިޒިން އިވެންޓެއް އިންޑިއަން ވިމެން ރައިޒިން ކިޔާ ޖަމްއިއްޔާއަކުން މިހާރު ކުރިޔަށް ގެންދާއިރު ޕްރިޔަންކާ ޗޯޕްޅާ ޖޯނަސް ވެސް މި ކުދިންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މިހާރު ވަނީ ދީފަ އެވެ.

މި ޖަމިއްޔާއަކީ ބޮލީވުޑް ފިލްމު އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ އެކްތާ ކަޕޫރު، ގުނީތު މޮންގާ، ތާހިރާ ކަޝޭޕް އަދި ރުޗިކާ ކަޕޫރު ޝައިޚް އުފައްދައިގެން އުޅޭ ޖަމިއްޔާ އެކެވެ.

"ބިއްޓޫ"އަކީ ކުރު ފިލްމެއް ނަމަވެސް އެ ފިލްމު ބެލި ކޮންމެ މީހެއްގެ ހިތާ ކުޅެލާ ކަހަލަ ވަރުގަދަ މެސެޖުތަކެއް އެ ފިލްމުގައި ވެއެވެ. ފިލްމުގައި ލީޑް ރޯލު ކުޅެފައިވާ ކުދިންނަކީ މުޅިން އަލަށް ކެމެރާ އާ ކުރިމަތިލީ ކުދިންނެވެ. މި ކުދިން ހޮވާފައިވަނީ އުތުރާކަންދުގެ އާދައިގެ އާއިލާތަކުންނެވެ.

މި ކުދިންގެ މޮޅު އަދި އެހާމެ މައުސޫމް ޕާފޯމަންސް އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިލްމުގެ އަޑު މިހާރު ގުގުމާލާފައި ވެއެވެ.

"ބިއްޓޫ" ލިޔެ ޑައިރެކްޓްކުރީ ކަރިޝްމާ ދޭވް ޑޫބޭ އެވެ. ފިލްމު ލިޔެފައިވާލެއް މޮޅުކަމުންނާއި ޑައިރެކްޝަންގެ ފުރިހަމަކަމުން ފިލްމު ބެލި އެންމެން ވެސް ކަރިޝްމާއަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައި ވެއެވެ.

މި ފަންޑްރައިޒިން އަށް ސަޕޯޓްކުރަން ޕްރިޔަންކާ ނިންމުމުން އެ ފަރާތުންވަނީ ޕްރިޔަންކާ އާއި ފިލްމުގައި ބައިވެރިވި ކުދިންނާއި އަދި އެ ޖަމިއްޔާގެ މެމްބަރުންނާއެކު ވީޑީއޯ މެދުވެރިކޮށް އޮންލައިން މީޓިންގެއް ބާއްވާފަ އެވެ. ޕްރިޔަންކާ އަކީ ގްލޯބަލް އައިކޮން އަކަށް ވެފައި ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރަކަށް ވާތީ އޭނާގެ އެހީތެރިކަން ލިބުމަކީ މި ފަންޑްރައިޒިން އިންތިޒާމްކުރި ފަރާތަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެފަރާތުން ބުނެފައި ވެއެވެ.

"ބިއްޓޫ" އޮފިޝަލް ޓްރެއިލާ

މި އޮންލައިން މީޓިންގްގައި ޕްރިޔަންކާ ވަނީ "ބިއްޓޫ"ގައި އެންމެ މުހިއްމު ރޯލުތައް އަދާކުރި ދެ ކުދިންނާ ވާހަކަ ދައްކާފަ އެވެ. ވަރަށް ލަދުން ނަމަވެސް ވަރަށް މަޖާކޮށް މި ކުދިން ވަނީ ޕްރިޔަންކާ އާ ވާހަކަ ދައްކާފަ އެވެ. މި ކުދިންނާ ކޮންމެވެސް ދުވަހަކުން ބައްދަލުކުރާނެ ކަމަށް ވެސް ޕްރިޔަންކާ މި މީޓިން ނިންމާލަމުން ބުންޏެވެ.

"ބިއްޓޫ" އޮސްކާ ނޮމިނޭޝަނަށް ވާދަކުރާއިރު މި ނޮމިނޭޝަނަށް ފިލްމު ހޮވޭތޯ ނުވަތަ ނޫންތޯ ޔަގީންވާނީ މި ހިނގާ މާޗް 15 ވަނަ ދުވަހު އޮސްކާ ނޮމިނޭޝަންސް އިއުލާން ކުރުމުންނެވެ.