ބޮލީވުޑް

ހެމާ-ދަރުމެންދުރަ ލޯބި ކާމިޔާބުކުރީ އުނދަގުލުން

ހެމާ މާލިނީ އާއި ދަރުމެންދުރަ އެމީހުންގެ ލޯބި ކާމިޔާބުކޮށް ކައިވެންޏަކާ ހަމައަށް ދިޔައީ ހީވެސް ނުކުރާހާ ގިނަ ހުރަސްތައް ގިރާ ކުރުމަށްފަހު އެވެ. ނަމަވެސް ލޯބިވެ އެ ލޯތްބެއް ކާމިޔާބުކުރުމަށް މަސައްކަތް ކުރުމަކީ ގޯސް ކަމެއް ކަމަކަށް އެ މީހުން ގަބޫލެއް ނުކުރި އެވެ. ކުރިމަތިވީ ހުރިހާ ގޮންޖެހުންތަކެއް ގިރާ ކުރެވުނީ އެހެންވެ އެވެ.

ހެމާ އާއި ދަރުމެންދުރަ ބައްދަލުވީ އިރުވެސް ދަރުމެންދުރަ އަކީ މީހެއްގެ ފިރިއެކެވެ. ދަރިން ތަކެއްގެ ބައްޕަ އެކެވެ. ދަރުމެންދުރަ އާއި ޕްރަކާޝް ކޯރް ކައިވެނި ކޮށްފައި ވަނީ 1957 ގައެވެ. އަދި ހެމާ އާ ބައްދަލުވެ އޭނާ ދެކެ ދަރުމެންދުރަ އަށް ލޯބި ވެވުނީ 1970 އިގެ އަހަރުތަކުގަ އެވެ.

ހެމާގެ ރަން ޒަމާނުގައި ބޮލީވުޑްގައި އޭރު މަސައްކަތްކުރި ހުރިހާ ބަތަލުން ކަހަލަ ގޮތަށް ތިބީ ހެމާއާ އަޅައިގަނެ އޭނާ އާ ލޯބީގެ ގޮތުން ގުޅެން ބޭނުންވެފަ އެވެ. ނަމަވެސް ހެމާގެ ހިތް އަބަދުވެސް އޮތީ ދަރުމެންދުރަ އަށެވެ.

ދަރުމެންދުރަ ހެމާ އާ ރައްޓެހިވާހިތުން އޭނާ ފަހަތުން ދުވި ނަމަވެސް ދަރުމެންދުރަ އަކީ މީހެއްގެ ފިރިއެއްކަން އެނގޭތީ ހެމާ އޭނާގެ އިހްސާސްތައް އޮއްބާލައިގެން ލޯބި ނުވާ ކަމަށް ހަދައިގެން ދަރުމެންދުރަ އާ ދުރަށް ދާން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް ދަރުމެންދުރަ އާ ދުރުވާން ކުރި ހުރިހާ މަސައްކަތެއް ބޭކާރުވެ އޭނާގެ ލޯތްބަށް އިޖާބަދޭން ހެމާގެ ހިތް އެނާއަށް މަޖްބޫރު ކުރުވީ އެވެ.

ދެ މީހުންނަށް ވަކި ނުވެވޭވަރަށް ލޯބި ވެވުމަށްފަހު ކައިވެނިކުރަން ބޭނުންވި އެވެ. ނަމަވެސް ދަރުމެންދުރަގެ ފުރަތަމަ އަންހެނުން ވަރިވާން އެއްބަހެއް ނުވި އެވެ. އެންމެ ފަހުން ދަރުމެންދުރަ އިސްލާމްވެ ހެމާ އާ ދެ އަންބަށް ކައިވެނިކުރީ އެވެ.

ދާދިފަހުން ހެމާ ވަނީ އިންޑިއަން އައިޑޮލްގެ ސީޒަން 12ގެ އެޕިސޯޑެއްގައި ބައިވެރިވެ ދަރުމެންދުރަ އާއި އޭނާގެ ލޯބީގެ ވާހަކަތައް ޝޯގެ ބައިވެރިންނާއި ބެލުންތެރިންނާ ހިއްސާ ކޮށްފަ އެވެ. އަދި ދަރުމެންދުރަ އާ ރައްޓެހިވެގެން އުޅުނުއިރުގެ ވަރަށް މަޖާ ވާހަކަތައް ވެސް ހެމާ ކިޔައިދިނެވެ.

ހެމާ ބުނި ގޮތުގައި ދަރުމެންދުރަ އާއި އޭނާގެ ލޯތްބަށް އޭނާގެ ބައްޕަ ވަރަށް ދެކޮޅެވެ. އެހެންވެ ދަރުމެންދުރަ އާއެކު ކުޅޭ ފިލްމުތަކުގެ ސެޓުގައި އަބަދުވެސް ބައްޕަ އައިސް އިނދެ އެވެ. ދަރުމެންދުރަ އާއި އޭނާ ބައްދަލުވެ ވާހަކަ ދެއްކިޔަ ނުދޭށެވެ.

"އާއްމުކޮށް މަށާއެކު ޝޫޓިންގްތަކަށް ދާނީ މަންމަ ނުވަތަ ބޮޑުދައިތަ. އަހަރެމެން ދެ މީހުން އެކުގައި ލަވައެއް ކުޅެން އޮތް ދުވަހަކު ބައްޕަ އަހަންނާއެކު ޝޫޓިންގަށް ދިޔަ. ޝޫޓްކުރަން އޮތް ލޮކޭޝަނަށް ދިޔަ ކާރުގައި ވެސް ދަރުމެންދުރަ ކައިރީގައި އަހަރެން އިނަ ނުދޭން ބައްޕަ އިނީ އަހަރެމެންގެ ދެ މީހުންގެ މެދުގައި،" ހެމާ ބުންޏެވެ.
ދަރުމެންދުރަ އާ ކައިވެނިކުރަން ނިންމި ނިންމުމާ ގުޅޭ ގޮތުން ވެސް ހެމާ ތަންކޮޅެއް ކުރިން ދީފައިވާ އިންޓަވިއު އެއްގައި ވާހަކަ ދައްކާފައި ވެއެވެ.

ހެމާ ބުނީ ދަރުމެންދުރަ އާ ކައިވެނިކުރީ އެހެން އެއްވެސް މީހެއްގެ ހަޔާތަށް ގެއްލުމެއް ދޭން ނޫން ކަމަށެވެ. އޭނާ ދަރުމެންދުރަ ދެކެ ވީ ލޯބީގެ ސަބަބުން ދަރުމެންދުރަގެ އަންހެނުންނަށް އެއްވެސް ދެރައެއް ހިތާމައެއް ލިބޭކަށް އޭނާ އެއް އިރެއްގައި ވެސް ނޭދެ އެވެ. އަދި އެ ދެމަފިރިންގެ ދިރިއުޅުމަށް ދުވަހަކުވެސް އުނދަގުލެއް ނުކުރެ އެވެ.

"ދަރުމެންދުރަ ފެނުނު ފުރަތަމަ ފަހަރު ވެސް އަހަރެންގެ ހިތް ބުނި ދަރަމްޖީ އޭ އަހަރެންގެ ފިރިއަކަށްވާނީ. އަހަރެންގެ ހަޔާތް ވޭތުކުރަން ބޭނުމީ އޭނާއާ އެކުގައޭ. އަހަރެމެން ދެ މީހުން އެކަކު އަނެކަކު ދެކެ ވީ ލޯބީގެ ސަބަބުން އަދި ކައިވެނި ކުރުމުގެ ސަބަބުން އެހެން އެއްވެސް މީހަކަށް އަދި ދަރަމްޖީގެ ދަރިއަކަށް ވެސް ގެއްލުމެއް ހިތާމައެއް ނުލިބޭނެ ގޮތްގޮތަށް އަހަރެން ހުރިހާ ކަމެއްވެސް ކުރީ. އޭނާގެ އާއިލާއާ އޭނާއާ ދުރުކުރަން އަހަރެން ދުވަހަކުވެސް އެއްވެސް މަސައްކަތެއް ނުކުރަން،" ހެމާ ބުންޏެވެ.

ދަރުމެންދުރަގެ ދޮށީ އަނބި ޕްރަކާޝް ވަރަށް ކުރިން ސްޓާޑަސްޓް މަޖައްލާއަށް ދިން އިންޓަވިއު އެއްގައި ހެމާ އާއި އޭނާގެ ގުޅޫމުގެ ވާހަކަ ދައްކާފައި ވެއެވެ. އަދި ހެމާގެ އިހްސާސްތައް އޭނާއަށް އެނގޭ ކަމަށާއި އެމީހުންގެ މެދުގައި އެއްވެސް ރުޅިވެރިކަމެއް ނެތް ކަމަށް ޕްރަކާޝް ބުނެފައި ވެއެވެ. ހެމާއަށް އޭނާގެ އާއިލާ އާއި އެކުވެރިން އަދި ދުނިޔޭގެ އެންމެންގެ ފަރާތުން ވަރަށް ބޮޑަށް މަލާމާތާއި ފުރާއްސާރަކުރުން ކުރިމަތިވީ ކަމަށް ވެސް ޕްރަކާޝް ގަބޫލުކުރެ އެވެ.

"އޭނާގެ ގޮތުގައި އޭނަ ރަނގަޅު. އޭނާ ބޭނުންވީ ކަންތައް އޭނަ ކުރީ. އެކަމަކު އަހަރެން މީ އޭނަ ނަމަ އެގޮތަކަށް ކަންތަކެއް ނުކުރީމުސް،" ޕްރަކާޝް ބުނެފައި ވެއެވެ.