ދުނިޔެ

ދުނިޔޭގެ ހާލަތާމެދު އދ. އާއި ރެޑްކްރޮސްގެ ގުޅިފައިވާ އިންޒާރެއް

Nov 1, 2015

ޖެނީވާ (ބީބީސީ) - ދުނިޔޭގެ ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމައާއި ހަމަނުޖެހުންތަކަށް ހައްލު ހޯދުމުގައި ގައުމުތަކުގެ ލީޑަރުން ނުކުޅެދިފައިވާކަމަށް އދ. އާއި ރެޑްކްރޮސް އިން ބުނެފިއެވެ.

މިއީ އދ. އާއި ރެޑްކްރޮސް އިން ގުޅިގެން ނެރުނު މިފަދަ ފުރަތަމަ މެސެޖެވެ. މިކަމުން ދޭހަކޮށްދެނީ ދުނިޔޭގެ ހާލަތު ގޯސްވެފައިވާ މިންވަރު ކަމަށް އެނަލިސްޓުން ފާހަގަ ކުރައްވައެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވިދާޅުވީ ލީޑަރުން އަމަލުކުރައްވާ ގޮތުން އދ. ދެމިއޮތުމުގެ އަސާސީ ބޭނުން ވެސް ނެތިގެން ދާކަމަށެވެ. އަދި މިހާރު ކަންކަން މިދަނީ ހައްދުން ނެއްޓިގެން ކަމަށާއި ހަނގުރާމައިގެ ހާލަތުގައި ވެސް ބޯލަނބަން ޖެހޭ ގާނޫނު ތަކެއް ހުންނަ ކަމަށެވެ. ގާނޫނުތަކާ ހިލާފުވާނަމަ އެކަންކަމަށް ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރެޑްކްރޮސްގެ ވެރިއެއް ކަމަށްވާ ޕީޓާ މައުރާ ވިދާޅުވީ މި މިންވަރަށް ދުނިޔޭގައި ހަމަނުޖެހުން އިތުރުވެ، އާންމުންނަށް އަނިޔާ ލިބެމުންދާ ދުވަސްވަރެއް ތާރީހު ދެކިފައި ވަނީ ވަރަށް މަދުން ކަމަށެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ފަހުން މިހާ ގިނަ އަދަދެއްގެ މީހުން ގެދޮރު ގެއްލި ވިއްސި ވިހާލި ވެފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ. މިގޮތުން ހަނގުރާމައާއި ހަމަނުޖެހުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 60 މިލިއަން މީހުންގެ ގެދޮރު ގެއްލި ބިކަވެފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އަފްގާނިސްތާނާއި ނައިޖީރިއާއާއި ސީރިޔާ ފަދަ ގައުމު ތަކުގެ އާންމުންނަށް ލިބެމުންދާ އަނިޔާތަކަށް ލުޔެއް ހޯދައިދިނުމަށް މިހާރުން މިހާރަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދެފަރާތުން ގޮވާލެއްވިއެވެ. އަދި އެއްވެސް ގައުމަކީ ގާނޫނުތަކަށްވުރެ މަތީގައި ތިބެވޭނެ ބައެއް ނޫންކަން ފާހަގަ ކުރެއްވި އެވެ.