ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

26،000 ވުރެ ގިނަ މީހުން ރީރަޖިސްޓްރީވެއްޖެ

އަންނަ އެޕްރީލް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ރީ ރެޖިސްޓްރީވާން ހުޅުވާލި ފުރުސަތުގައި 26،000 ވުރެ ގިނަ މީހުން ރެޖިސްޓްރީ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ ރަޖިސްޓްރޭޝަނަށް މުއްދަތު ހަމަވިއިރު އިލެކްޝަންސް ކޮމިޝަނަށް 26750 ފޯމް ލިބިފައިވާ ކަމަށެވެ. އެ އަދަދު އިތުރުވެދާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އެއީ ފޯކަލް ޕޮއިންޓްސް އަތުގައި އިއްޔެގެ ނިޔަލަށް ހުރެދާނެ ފޯމް ނުލައިވެސް،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރީ ރަޖިސްޓްރީވާން ދެން އިތުރު ފުރުސަތެއް ނުދޭނެ ކަމަށެވެ. އިތުރު ފުރުސަތެއް ދީފިނަމަ މިހާރު ކަނޑައަޅާފައިވާ ތާރީހުގައި އިންތިހާބު ނުބޭއްވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި އަދަދަކީ ކުރީ އިންތިހާބުތަކުގައި ރީ ރަޖިސްޓްރީވި މީހުންނާ ބަލާއިރު އިތުރު އަދަދެއް ކަމަށެވެ.

މިދިޔަ އަހަރު ބާއްވަން މަސައްކަތްކުރި އިންތިހާބުގެ ރީ ރަޖިސްޓްރޭޝަނަށް ފުރުސަތު ހުޅުވާލުމުން 27،000 ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވެއެވެ.

ކައުންސިލްތަކުގެ އިންތިހާބު ބާއްވަން މިހާރު އޮތް ތާރީހަކީ އަންނަ އޭޕްރީލްމަހުގެ 10 ވަނަ ދުވަހެވެ. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ބާއްވާ މި އިންތިހާބަށް ގިނަ ތައްޔާރީތަކެއް ވާންޖެހޭއިރު މިއީ ހަރަދު ބޮޑު އަދި ތަކުލީފު ބޮޑު އިންތިހާބަކަށްވާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.