ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ހުޅުމާލެ ދާއިރާއަށް ކުރިމަތިލާ ކެންޑިޑޭޓްގެ ކެންޕެއިން ޖަގަހަ ހުޅުވުމުގެ ޖަލްސާ ބޭއްވީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހުއްދަ ލިބިގެން ކަމަށް ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގެ މަންޒަރުތައް ފެންނަ ފޮޓޯތަކާއެކު އާންމުން ގެންދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އިދިކޮޅު ކޯލިޝަންގެ ރަސްމީ އޮފީސް ހިމެނޭ ސަރަހައްދު ބަންދުކޮށް އިދިކޮޅު އެއްވުމަށް ހުރަސް އެޅުމަށްފަހު އެމްޑީޕީއަށް ޖަލްސާ ބާއްވަން ފުރުސަތު ދިނީ ކީއްވެތޯ އެތަށް ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.
އަދި އެމްޑީޕީގެ ކެންޕެއިން ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ގިނަ ބަޔަކު ބަައިވެރިވެފައިވާއިރު އެޗްޕީއޭގެ މިންގަޑާ ހިލާފުވެގެން އެ މީހުން ޖޫރިމަނާ ނުކުރެވޭތޯވެސް ބައެއް މީހުން ސުވާލުކޮށްފައިވެއެވެ.
މެންބަރު އަލީ ނިޔާޒު ވިދާޅުވީ މިއަދު ހުޅުމާލޭގައި ބޭއްވި ޖަގަހަ ހުޅުވުމުގެ އިވެންޓަކީ އެޗްޕީއޭގެ ހުއްދައާއެކު ބޭއްވި އިވެންޓެއް ކަމަށެވެ. އެ ހުއްދައަށް އެދި އެމްޑީޕީން ސިޓީ ފޮނުވުމުން އެޗްޕީއޭގެ ލީގަލް ޓީމުން ލިޔުމުން ދީފައިވާ ހުއްދަވެސް ނިޔާޒު ވަނީ ހިއްސާ ކުރައްވާފައެވެ.
މުޒާހަރާ ކުރުމާއި އެއްވެ އުޅުން މަނާކޮށްފައި ވަނިކޮށް އިދިކޮޅުގެ ސަޕޯޓަރުން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާއިން 24 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ޕީޕީއެމް/ޕީއެންސީ ހިމެނޭ ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ އާއި އެދެ ޕާޓީގެ ކަައުންސިލް މެންބަރުންވެސް ހިމެނެއެވެ.
މި ދުވަސްވަރަކީ ކޮވިޑް-19 ގެ ހާލަތު ވަރަށް ގޯސް ދުވަސްވަރެއް ކަމުން ރައްކާތެރި ކަމުގެ ގޮތުން އެއްވުންތަކާއި ޖަލްސާތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. އެހެން ކަމުން އެފަދަ އެއްވެސް ހަރަކާތަކަށް ފުުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް މިދިޔަ ދެ ހަފްތާގައިވެސް އިދިކޮޅުން ވަނީ މުޒާހަރާ ކޮށްފައެވެ.
މިއަދުވެސް މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ އިދިކޮޅު ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު ބަންދުކޮށްފައެވެ. ނަމަވެސް މާލޭގެ އެކި ސަރަހައްދުތަކަށް އިދިކޮޅުގެ ސަޕޯޓަރުން އެއްވެ މުޒާހަރާ ކޮށްފައިވެއެވެ.