ވާހަކަ

ޝިކާރަ

(އަށްވަނަ ބައި)

އަލޫކު ތެދުވިއެވެ. ލަސްފިޔަވަޅުތަކެއް އަޅަމުން އޭނާ ހިނގައިގަތެވެ.

"ރައްކާތެރިކަން. އެކަން ކަށަވަރު ކޮށްދެވޭނެތަ؟" އަލޫކު ފަސް އެނބުރި ބަލައިލިއެވެ. "ތި ވަރަށް ރޭވިގެން، ރާވައިގެން ހިންގާ ކަމެއް. ވަރަށް ނުރައްކާ ކަމެއް. ތިކަމުގައި ފީނާ ކޮންމެ މީހަކު ވެސް ޝިކާރައަކަށް ވެގެން ނިމިދަނީ."

ހައިލަމް ލަސްލަހުން ހިންދިރުވާލިއެވެ. ހައިރާން ކަމާއެކު އޭނާ ބަލައިލީ އަލޫކުގެ މޫނަށެވެ. ތަފުސީލު ކޮށްދޭށޭ ބުނާފަދަ ނަޒަރަކުންނެވެ.

"ކުށުގެ މާހައުލުގައި ރޭވިގެން ހިނގާ ކަންކަން ފޮރުވައިގެން، ސިއްރުކޮށްގެން ހުރުމަކީ ކުށްވެރިވާނެ ކަމެއްކަން އެނގެއެއްނު." ހައިލަމް ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ.

"ސާބިތުކުރެވޭނެ ގޮތެއް އެބައޮތްތަ؟" އަލޫކު ޖެހިލީ ކުޑަދޮރާ ދިމާއަށެވެ.

"ހެކި ނެތަސް ތަހުގީގަށް ބަންދުކުރެވިދާނެ، ހޯދިދާނެ." ހައިލަމް ފުން ނޭވާއެއް ދޫކޮށްލިއެވެ.

"މާނައަކީ ހައިލަމް ބޭނުންވަނީ އަހަންނަށް ބިރުދައްކައިގެން ތިކަން ކުރާށޭތަ؟"

"ނޫން، ނޫން. އެއްގޮތަކަށް ވެސް އެހެންނެއް ނޫން. އެހެން ނޫންނަމަ މިހާރު އަލޫކު ހުންނާނީ ތަހުގީގަށް ބަންދުކޮށްފައެއްނު." ހައިލަމް އަވަސް އަވަހަށް ބުނެލިއެވެ.

ލަސް ފިޔަވަޅުތަކެއް އަޅަމުން އަލޫކު ގޮސް އަލަމާރީގެ ދޮރު ހުޅުވާލިއެވެ. އަލަމާރިން ކަޅު ކުލައިގެ ދަބަހެއް ނަގައި އެނދާ ދިމާއަށް ހިނގައިގަތެވެ.

"އަހަރެން ޔަގީންކަން ދެން، އަލޫކުގެ މައްޗަށް ކުރެވޭ ތުހުމަތަކީ ރޭވިގެން ކުރެވޭ ތުހުމަތެއްކަން ކަށަވަރުވީ ހިސާބުން އަލޫކުގެ އެހީތެރިކަމަށް މި އެދުނީ. އަހަންނަށް ޔަގީންވާ ކަމަކީ އަލޫކަށް މި ހުރިހާ ކަމެއްގެ ހަގީގަތް ސާފުވާނެ ކަން. އެނގޭނެކަން." ހައިލަމް ހުއްޓިލީ އަލޫކުގެ ކުރިމައްޗަށެވެ.

އަލޫކު ލެޕްޓޮޕް ހުޅުވާލުމަށްފަހު ލެޕްޓޮޕް އަނބުރައިލީ ހައިލަމްއާ ދިމާއަށެވެ. ސީސީޓީވީ ފުޓޭޖުތަކެއްގެ ވީޑިއޯ ކުލިޕްތައް އޭނާ ޕްލޭ ކޮށްލިއެވެ.

ޝައުޤުވެރިކަމާއެކު ހައިލަމް ބަލަން އިނެވެ. ވީޑިއޯ ތަކުން ފެންނަ މަންޒަރުތަކެވެ. ގިނައިން ފެންނަން ހުރީ އަލޫކު ހަރަކާތްތެރިވާ މަންޒަރެވެ. ސީދާ ރޭވުންތެރިކަމާއެކު ޝިކާރައަކަށް ހެދުމަށް މަޅި މައްޗަށް ހުނި އަޅަމުންދިޔަ މަންޒަރެވެ. ތަންކޮޅެއް ދުރުގައި އިން ފިރިހެނަކަށް އިނގިލިން އަލޫކު އިޝާރާތްކޮށްލިއެވެ. މޫނު މާބޮޑަށް ސާފު ނުވި ނަމަވެސް އެއީ ދަންނަ މޫނެއްހެން ހައިލަމަށް ހީވާންފެށިއެވެ.

ޓިޝޫ ލައިފައި ހުރި ތަށިން ދެތިން ޓިޝޫ ނަގައި އެ ފަތް ޖަހައިލިއެވެ. އަނެއްކާ އަލޫކަށް އޭނާ އިޝާރާތްކޮށްލިއެވެ. އަލޫކު ގޮސް އޭނާ ކައިރިއަށް ހުއްޓުނެވެ. އަތުގައި އޮތް ގަލަމުން އޭނާ ބުނެދިން ކޮންމެވެސް އެއްޗެއް ޓިޝޫގައި ލިޔާ މަންޒަރު ފެނިގެން ދިޔައެވެ. އެހައި ހިސާބުން އެ ވީޑިއޯ ކުލިޕް ނިމެނީއެވެ.

އަނެއްކާ ވެސް އަލޫކު ޕްލޭ ކޮށްލީ އިތުރު ވީޑިއޯ ކުލިޕެކެވެ. ކުރީ ކުލިޕަށްވުރެ ތަންކޮޅެއް ސާފެވެ. މަންޒަރުގައި ތިބީ ތިން އަންހެން ކުދިންނެވެ. ހައިލަމްގެ ސިކުނޑީގައި ވިކައިލިއެވެ. އެތަނުން އެއް މޫނަކީ އޭނާއަށް ކޮންމެވެސް ތަނަކުން ފެނިފައިވާ މޫނެއްހެން ހީވާތީ ތަންކޮޅެއް ފުންކޮށް ވީޑިއޯ ކުލިޕަށް ބަލަމުން ދިޔައެވެ.

"ކާކު؟" ހައިލަމް އިނގިލި ޖައްސައިލީ ވީޑިއޯއިން ފެންނަމުން ދިޔަ އަންހެން ކުއްޖާގެ މޫނުގައެވެ.

"އަމާނީ އިދުރީސް."

"ދަންނަންތަ؟" ހައިލަމް އަހައިލިއެވެ.

"ނޫސްތަކުގައި އޮތެއްނު. ދުވަސްކޮޅެއް ކުރިން މަރައިލައިފަ އޮތް ކުއްޖެއްގެ ވާހަކަ. އެ މި އަންހެން ކުއްޖާއަކީ." އަލޫކު އޮޅުންފިލުވައިދިނެވެ.

"އޭނާ ވެސް މި ތަނަނަށް އައީތަ؟" ހައިލަމް އަހައިލިއެވެ.

"އެ އަހަރެން މި ބުނާ ވާހަކައަކީ، ރޭވުންތެރިކަމާއެކު ހިންގާ ހުރިހާ ކަމެއް ސީދާ ކޮށްފައި ހުންނަނީ އެއްދިމާއަކަށް. ބޭނުމަކީ އެއް ބޭނުމެއް. އެއް މަގުސަދެއް." އަލޫކު ފުން ނޭވާއެއް ދޫކޮށްލިއެވެ.

"މި ހުރިހާ ވީޑިއޯއެއް ކީއްވެ އަލޫކުގެ އަތުގައި ހުންނަންވީ."

"މިއީ އޮފީހުން ނަގައިފަ ހުރި އެއްޗެއް. އެނގޭ މި ދުވަސް އަންނާނެ ކަން. އެކަން ސާބިތުކޮށްދޭން ޖެހޭނެ ކަން ވެސް. ޝިކާރަވެރިންގެ ވަކިތަކުގެ ދަށުގައި ހައްޔަރުވާން ޖެހިދާނެ ކަމުގެ އެތައް ސިގުނަލެއް ލިބިފަ ހުރީ." އަލޫކު ޕްލޭ ކޮށްލީ އިތުރު ވީޑިއޯ ކުލިޕެކެވެ.

"ފަހުގެ ތާރީހުގައި ހުޅުމާލެއިންނާއި މާލެއިން ގެއްލި، މަރުވެފައިވާ ކޮންމެ އަންހެން ކުއްޖަކު ވެސް ގެއްލުމުގެ ކުރިން ނުވަތަ މަރުވުމުގެ ކުރިން ގަހުވަ ސިޓީއަށް ދާނެ. އަދި ކޮންމެ ކުއްޖެއްގެ ވެސް ވާހަކަދެއްކުމާއި ބަސްމަގާއި، އެ މީހުން ކުރާ ކަންކަމުގައި އެއް ކަމެއް ހުންނަނީ. އެކަން މި ހުރިހާ ވީޑިއޯ ތަކަކުން ވެސް ފެންނާނެ. ސިޔާދަށް ވެސް އެނގޭނެ." އަލޫކު ލެޕްޓޮޕްގެ ސްކުރީނު ހައިލަމަށް ދައްކައިލިއެވެ.

"މި ސީރީސްގެ ދެވަނަ މަރަކީ މި. އަހަރެން މޫދަށް އެރެން ދިޔަ ރެއެއް އެއީ. މޫދަށް އެރެން ދިޔަ ވަގުތު ވެސް ބޮލުގައި ރިއްސައިލި. އެކަމަކު އެކަން މާބޮޑު ކަމަކަށް ނަހަދާ ދިޔައީ. ފަހަތުން މީހަކު މުގޯޅި އަޅާކަން ވެސް އެނގުނު. އެކަން ވެސް ނޭނގޭ ކަމަށް ހަދައިގެން ދިޔައީ. އެރޭ މޫދުގައި ތިބި ކުދިންގެ ތެރެއިން އެއް ކުއްޖަކު ގެނބުނު ކަމަށް ހެދިކަން ވެސް އެނގުނު. އެކަމު އެކަން އެނގުނީ ވެސް ތަންކޮޅެއް ފަހުން. އެހެންވެ އެތަނުން އަވަހަށް ދިޔައީ. ދެން މޫދަށް އެރިގެން ފެންވަރަށް ހުއްޓާ ވެސް މުގޯޅިއަޅަމުން ދިޔަ މި މީހާ ފެނުނު. އެރޭ ވެސް އޭނާ ހުރީ ބޯ ނިވާކޮށްގެން ބޮޑު ކޯޓެއް ލައިގެން. މިއީ ހަމަ އެމީހާ." އަލޫކު އިޝާރާތްކޮށްލީ ވީޑިއޯ އިން ފެންނަމުން ދިޔަ ފިރިހެން މީހާ އަށެވެ.

"މާނައަކީ މި ހުރިހާ މަރެއްގެ ފަހަތުގައި ވަނީ އޭނާ އޭތަ، އެއީ އޭނާގެ ރޭވުމުން ކުރާ ކަމެކޭތަ؟" ހައިލަމް އަހައިލިއެވެ.

"ޔަގީން. ތީގައި އެއްވެސް އިތުރު ސުވާލެއް ވެސް ނެތެއްނު. މި ހުރިހާ ކަމެއް ގޮސް ނިމެނީ އެއް ޕޮއިންޓަކަށް. އެއް ދިމާއަކަށް." އަލޫކު ފުން ނޭވާއެއް ދޫކޮށްލިއެވެ.

"މާނައަކީ އަލޫކަށް ޝައްކު ކުރެވޭގޮތަށް، އަލޫކު ޝިކާރަ އަކަށް ހަދަން އޭނާ ބޭނުންވަނީ އޭތަ؟" ހައިލަމް އަހައިލިއެވެ.

"ޔަގީން."

"ކޮބާ ހެކި؟"

"ކޮންމެ ފަހަރަކު މަރައިލައިފަ އޮންނަ ކުއްޖާގެ ނަން އަހަރެން ލައްވާ ލިޔުއްވުން. ޓިޝޫ ކޮޅެއްގައި އޭނާ އެ ނަން ލިޔުއްވުން. ލިޔާން ޖެހޭނީ ވެސް އޭނާ ދޭ ގަލަމަކުން ނޫނީ ލިޕްސްޓިކަކުން. ނަން ލިޔާ ކުއްޖާ ދެ ދުވަހެއްގެ ތެރޭގައި މަރުވޭ ނޫނީ ގެއްލިގެން ހޯދާނެ. ދެން އެ ކުއްޖަކު އަހަރުމެން ތަނަށް އަންނާނެ. މި ހުންނަނީ އިއްތިފާގެއް ނޫންކަން ނޭނގެ." އަލޫކު ލަސްލަހުން ބުނެލިއެވެ.

"ކީއްވެ ތި ހުރިހާ ކަމެއް އެނގޭއިރު ރިޕޯޓު ނުކުރަނީ؟" ހައިލަމް ތުންފަތަށް ބާރުކޮށްލިއެވެ.

"ކޮށްގެން ލިބޭނެ މޮޅެއް ނެތީމަ. އިންޒާރުގެ ރަނގަބީލު ޖެހޭތީ. ދިރިހުންނަން ބޭނުންވާތީ." އަލޫކު ލެޕްޓޮޕްގެ ސްކުރީން ތިރިކޮށްލިއެވެ.

"މާނައަކީ؟"

"މާނައަކީ އަހަރެން މި ހުންނަނީ ފްރޭމް ކޮށްފައޭ. އަހަންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭކަށް ނޯވެއޭ. އަތަކަށް ގުޑި ލައިފި ނަމަ، ވާހަކައެއް ބޭރުވެއްޖެ ނަމަ ޖެހެނީ އެއް ރަނގަބީލެކޭ،" އަލޫކު އިޝާރާތްކޮށްލީ އޭނާގެ މުލައްދަނޑީގައިވާ ލަކުނަކަށެވެ. "އަމާނީގެ މަރުގެ މައްސަލައިގައި ފުލުހުންނަށް ވާހަކައެއް ހިއްސާކުރުމުން ލިބުނު ހަދިޔާއަކީ މިއީ."

"ދެން ރަހީމާގެ މަރޯ؟"

"ހައިލަމް ރަނގަޅަށް ފުންކޮށް ވިސްނައިލަބަލަ. އެދުވަހު ކަންތައް ވެގެން ދިޔަ ގޮތް. އެ ދުވަހަށް ފަހު ދެން ކަންތައް ވަމުން މިދާ ގޮތް. ތަންކޮޅެއް ލެންސް ބޮޑުކޮށްލައިފަ ފުން ނަޒަރަކުން މި ހުރިހާ ކަމެއްގެ ތެރެއަށް ފީނައިލަބަލަ." އަލޫކު ބަލައިލީ ހައިލަމްގެ މޫނަށެވެ.

ހައިލަމް އަމިއްލަ ތުންފަތުގައި ދައިގަތެވެ. ފުންކޮށް ވިސްނައިލަމުން ދެ ފަހަރަކު ބޯ ހަރަކާތްކޮށްލިއެވެ. އޭނާގެ ކަނާއަތުގެ ބޮޑުވައި އިނގިލި ނަގައި ދަތްދޮޅީގައި އަޅުވައިލަމުން އެނދުގައި ހަމަޖެހިލިއެވެ.

"އެބަ ކުލަވޭ. މަންޒަރު ސާފުވޭ." ހައިލަމް ލަސްލަހުން ބުނެލިއެވެ.

"އެހެންވެ މި ބުނީ މިއީ ރޭވިގެން ކުރެވޭ ކަންކަމޭ."

"ކޮބާ އޭނާގެ މޯޓިވްއަކީ؟" ހައިލަމް އަހައިލިއެވެ.

"ވަރަށް ސާފު." އަލޫކު ބަލައިލީ ހައިލަމާ ދިމާއަށެވެ.

"ނުވިސްނުނު."

"ފުންކޮށް ވިސްނައިލާ. އޭނާގެ ހަރަކާތްތަކާއި އޭނާގެ ބަސްމަގަށް ވިސްނައިލާ،" އަލޫކު މަޑުމަޑުން ބުނެލިއެވެ.

"ބޭނުމަކީ ބަދަލު ހިފުން، ޝިކާރަކުރުން. ފުރޭމް ކުރުން. ބިރު ދެއްކުން. ބާރުވެރިކަން އަންގައިލުން."

"ނުވިސްނޭ." ހައިލަމް އަކުރުތަކަށް ބާރު ލައިފަ ބުނެލިއެވެ.

ހައިލަމް އަތުގައި ހުރި ފެންފުޅިއަށް އަލޫކު އިޝާރާތްކޮށްލިއެވެ. ހައިލަމް ފެންފުޅި ދިއްކޮށްލުމުން އަލޫކު ދެ ތިން ކޯވަރު ފެން ބޮއެލުމަށް ފަހު ހައިލަމާ ދިމާއަށް ބަލައިލިއެވެ.

"ތި ވަރަށް ބޮޑު ވާހަކައެއް." އަލޫކު ލަސްލަހުން ބުނެލިއެވެ.

(ނުނިމޭ)