ބޮލީވުޑް

ތަނުޝުރީ ހިކި، ލޫޅާފަތިވުމުން ގިނަ ބަޔަކު ތައުރީފުކުރަނީ

ތަނުޝުރީ ދައްތާ ފަލަ ކަމުން މަލާމާތްކުރި މީހުން މިހާރު އޭނާއަށް ކުރަނީ ތައުރީފެވެ. ފަނަރަ ވަރަކަށް ކިލޯގެ ބަރުދަން ލުއިކޮށްލައި ކުރިއަށް ވުރެ މާ ޒުވާންކޮށް ރީތިކޮށް އޭނާ ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ޝެއާ ކުރުމުންނެވެ.

އިންސްޓަގްރާމްގައި ތަނުޝުރީ ޝެއާކުރި މި ވީޑިއޯ ބަލާފައި އެއްބަޔަކު ބުނީ އޭނާ މިހާރު ހީވަނީ ދެހާހުގެ އަހަރުތަކުގައި ކުޑަކުދިން ލޯބިވި ބަތަލާ އެނބުރި އަތުވެއްޖެ ކަމަށެވެ. އަނެއް ބަޔަކު ބުނީ އުމުރުން ވީ ދުވަސް ހަށިގަނޑުން މިހާރު އެއްގޮތަކަށް ވެސް ނުފެންނަ ކަމަށެވެ. ތަނުޝުރީގެ ސިފަޔަށް އައިސްފައިވަނީ ގަބޫލުކުރަން ވެސް ދަތި ބަދަލެއްކަމަށް ގަބޫލުކުރި މީހުން ވެސް ތިއްބެވެ. އަދި އޭނާގެ މި އެނބުރި އައުމުން ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓުނު މީހުންގެ ކޮމެންޓުތައް ވެސް ފެނުނެވެ.

ތަނުޝުރީ އަކީ މިސް.އިންޑިއާގެ ތާޖު ހޯދާފައިވާ ކުރީގެ ރީތީގެ ރާނީ އެކެވެ. އޭނާ ބޮލީވުޑަށް ނުކުތީ 2005 ގައި ރިލީޒްކުރި "އާޝިގު ބަނާޔާ އާޕްނޭ" އިންނެވެ. އޭގެ ފަހުން "ރަގީބު: ރައިވަލްސް އިން ލަވް" އާއި "ދޯލް" އަދި "ސްޕީޑް" ފަދަ ފިލްމުތަކުގައި މަސައްކަތް ކުރުމަށްފަހު 2010ގައި ބްރޭކެއް ނަގައި ފިލްމުކުޅުމާ ދުރަށް ދިޔައީ އެވެ. އޭނާ ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ފަހުން ރިލީޒްކޮށްފައިވަނީ "އެޕާޓްމަންޓް" ކިޔާ ފިލްމެކެވެ.

ފިލްމު ނުކުޅުނަސް 2018ގައި ތަނުޝުރީގެ ވާހަކަ ވަރަށް ގިނައިން އިންޑިޔާގެ ނޫސްތަކުގެ ފަލަ ސުރުޚީން ފެނުނެވެ. އެކްޓަރު ނާނާ ޕަޓޭކަރް އޭނާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުތަކެއް ތަނުޝުރީ ކުރުމާ ގުޅިގެންނެވެ. ނާނާ އާއެކު ތަނުޝުރީ ކުޅުނު "ހޯން އޯކޭ ޕްލީސް" ކިޔާ ފިލްމެއްގެ ޝޫޓިންގް ކުރިޔަށް ދިޔަ ދުވަސްވަރު އޭނާއަށް ނާނާގެ އުނދަގޫ ބޮޑުވެގެން އެ ފިލްމުގެ ވަކި ހިސާބުން ފިލްމު ދޫކޮށްލި ކަމަށް ތަނުޝުރީ ބުނެފައި ވެއެވެ.

އިންޑީޔާގައި އުފެދުނު ހޭޝްޓެގްމީޓޫ މޫވްމަންޓަކީ ތަނުޝުރީގެ މި ވާހަކައިން އުފަންވި ހަރަކާތެކެވެ. ގިނަ ފިލްމީތަރިން ތަކެއް އެމީހުން ކުރިމަތިވި މިފަދަ ތަޖުރިބާތައް ޝެއާކޮށް އެކަންކުރި މީހުންތައް ފަޅާ އެރީ ތަނުޝުރީ މި ވާހަކަ ދެއްކުމާ ގުޅިގެން އުފެދުނު މި މޫވްމަންޓުގެ ސަބަބުންނެވެ.

އޭގެ ފަހުން އަނެއްކާވެސް ތަނުޝުރީގެ ޚަބަރެއް ނުވެ ހުރެފައި މިދިޔަ މަހު އޭނާ ވަނީ އަލުން ފިލްމު ކުޅެން ފަށާކަން އިއުލާންކޮށްފަ އެވެ.

މިކަން އިއުލާން ކުރަމުން އިންސްޓަގްރާމްގައި ތަނުޝުރީ ޝެއާކުރި މެސެޖެއްގައި ބުނެފައިވަނީ މީހުންނަށް ގަބޫލު ކުރެވުނަސް ނުކުރެވުނަސް އޭނާ މިހާތަނަށް ކުޅުނު ގިނަ ފިލްމުތަކަށް ވަރަށް ރަނގަޅު ކާމިޔާބެއް ލިބިފައިވާ ކަމަށެވެ. އޭނާގެ ގިނަ ފިލްމުތަކަކީ ވަރަށް ކުޑަ ބަޖެޓުން އުފެއްދި ފިލްމުތަކަށް ވިޔަސް ބޮކްސް އޮފީހުގައި އެ ފިލްމުތަކަށް ރަނގަޅު ވިޔަފާރިއެއް ވެފައި ވާކަމަށެވެ.

އަދި އޭނާގެ ފިލްމުތައް ޓީވީން ދައްކާ ކޮންމެ ފަހަރަކުވެސް ބޮޑު ތަރުހީބެއް ބެލުންތެރިންގެ ފަރާތުން ލިބޭ ކަމަށާއި މިހާތަނަށް އޭނާ ކުޅެފައިވާ ހަމަ ކޮންމެ ލަވައަކީ ވެސް ސުޕަހިޓް ލަވަތައް ކަމަށް ވެސް ތަނުޝުރީ ބުނެފައި ވެއެވެ. ގިނަ ބަޔަކު ތަނުޝުރީ އަށް ކުރިން މަލަމާތް ކުރަމުންދިޔައީ މިސް.އިންޑިއާ މުބާރާތަށްފަހު އޭނާ އާ ބޮޑަށް ފަލަވެފައި ހުރީމަ އެވެ. ވީމާ އަލުން އޭނާ ފިލްމު ކުޅެން ފަށަނީ ހަށިގަނޑުވެސް ލޫޅާފަތިކޮށްލައި ފާޑުކިޔައި މީހުންނަށް ޖަވާބު ދެމުންކަމަށް އޭނާ ބުންޏެވެ.