އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ރަށެއްގައި ދިރިއުޅޭ އާޒިމް މަންސޫރީއަކީ މިހާރު 26 އަހަރު ފުރިފައިވާ ޒުވާނެކެވެ. ނަމަވެސް އާޒިމްގެ އޮތީ އެންމެ މައްސަލައެކެވެ. އިސްކޮޅުން އިންތިހާއަށް ކުރުވުމެވެ. އާޒިމަކީ ޑުވޯފް މީހެކެވެ. އޭނާގެ އިސްކޮޅުގައި ހުންނަނީ ދެ ފޫޓު ތިން އިންޗި އެވެ.
ދާދިފަހުން އޭނާ ވަނީ އޭނާ ދިރިއުޅޭ ޝާމްލީ ކިޔާ ސަރަހައްދުގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ގޮސް ވަރަށް ހާއްސަ ކަމަކަށް އެދިފަ އެވެ. އޭނާ އެދުނީ އޭނާ ކައިވެނި ކުރާނެ މީހަކު ހޯދައި ދިނުމަށެވެ.
"މެޑަމް. ހެޔޮނުވާނެ. އަހަރެންނަށް ކައިވެނިކުރާނެ އަންހެންކުއްޖެއް ހޯދައިދީބަލަ. ކިހާ ދުވަހަކުތަ މިގޮތަށް ކައިވެނި ނުކޮށް އަހަރެން ހުންނަންވީ. އަހަރެންގެ އާއިލާގެ މީހުން އެކަމަކާ އުޅެއެއް ނުދިނޭ!" ޕޮލިސް ސްޓޭޝަނުގައި އިންޗާޖަކަށް ހުރި އަންހެން އޮފިސަރު ކައިރީ އާޒިމް ބުންޏެވެ.
އާޒިމް ބުނި އޭނާ ކުރުކަމުން އެއްވެސް މީހަކު އޭނާއާ ކައިވެނި ކުރަން އެއްބަސް ނުވާ ކަމަށެވެ. ވަރަށް މަސައްކަތް ކޮށްގެން ވެސް އެކަން ކާމިޔާބު ނުވުމުން ފުލުހުންގެ އެހީތެރިކަމަށް އެދުނީ ކަމަށް އާޒިމް ބުންޏެވެ.
އާޒިމް ބުނި ގޮތުގައި ކައިވެނީގެ ޕްރޮޕޯޒަލް ހިފައިގެން ބައެއް މީހުން އޭނާގެ ގެޔަށް އާދެ އެވެ. ނަމަވެސް އޭނާ ފެނުމާއެކު ދުވެ ފިލަނީ އެވެ.
އާޒިމަކީ ޝާމްލީގައި ކޮސްމެޓިކް ފިހާރައެއް ހިންގާ މީހެކެވެ. މި ފިހާރައިން ފުދޭވަރެއްގެ ރަނގަޅު އާމްދަނީއެއް އާޒިމަށް ލިބެ އެވެ. ނަމަވެސް ފައިސާ ހުއްޓަސް އޭނާއާ ކައިވެނި ކުރާކަށް އެއްވެސް މީހަކު އެއްބަހެއް ނުވެ އެވެ. އަދި އާއިލާއިން ވެސް މިކަން ކޮށްދޭކަށް ނޫޅޭ ކަމަށް އާޒިމް ބުންޏެވެ. އެހެންވެ އިންޑިޔާ ރައްޔިތަކަށް ދިމާވެފައިވާ މި ފަދަ ކަމަކަށް ހައްލު ހޯދައި ދިނުމަކީ އެ ގައުމުގެ ފުލުހުން ކޮށްދޭން ޖެހޭ ކަމެއް ކަމަށް ދެކޭތީ ފުލުހުންގެ އެހީތެރިކަމަށް އެދުނީ ކަމަށް އާޒިމް ބުންޏެވެ.
އާޒިމްގެ އާއިލާގައި އެއްބަނޑު އެއްބަފާ ހަ މީހުން ތިބެ އެވެ. އޭގެ ތެރެއިން އެންމެ ހަގީ އާޒިމެވެ. ސްކޫލުގައި ކިޔެވި ދުވަސްވަރު އޭނާ ކުޑަކަމުން ގިނަ ބަޔަކު އޭނާއަށް ވަރަށް މަލާމާތްކުރި ކަމަށް ވެސް އާޒިމް ބުންޏެވެ. ބުލީކުރާ ވަރުން ކެތް ނުވެގެން ވަކި ހިސާބަކުން ކިޔެވުން ހުއްޓާލައި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އަކާއެކު ކޮސްމެޓިކް ފިހާރައެއް ހުޅުވައިގެން ވިޔަފާރި ކުރަން ފެށީ ކަމަށް އާޒިމް ބުންޏެވެ.
އާޒިމަށް 21 އަހަރު ފުރުމުން އޭނާގެ މައިންބަފައިން އޭނާ ކައިވެނި ކުރުވާނެ އަންހެންކުއްޖަކު ވޭތޯ މަސައްކަތް ފެށީ އެވެ. ނަމަވެސް އޭނާގެ އިސްކޮޅު ކުރުކަމުން އެއްވެސް މީހަކު ކައިވެންޏަށް އެއްބަހެއް ނުވެ އެވެ. މިކަމާ ހެދި ސްޓްރެސްވެގެން މިހާރު ރޭގަނޑު ނިދަން ވެސް އުނދަގޫ ކަމަށް ވެސް އާޒިމް ބުންޏެވެ.