އަމިއްލަ ސްޓޭޑިއަމް، އިއްތިހާދުގެ ވިނަގަނޑު އޮތް ގޮތާ މެދު ހިތްހަމަ ނުޖެހޭ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އިނގިރޭސި ވިލާތުން ގާޑިއޯލާއަށް އެންމެ ކަމުދަނީ، ލިވަޕޫލްގެ އެންފީލްޑް އާއި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑްޓްރަފަޑް ސްޓޭޑިއަމްގެ ވިނަގަނޑެވެ. ސިޓީގެ ދަނޑުގެ ވިނަގަނޑު ގާޑިއޯލާ އަޅުވާ ކީ، މިރޭ ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑު ގައި ނުކުންނަ ފުލަމްގެ ކްރޭވަން ކޯޓޭޖްގެ ދަނޑުގެ ވިނގަނޑާ އެވެ.
އިއްތިހާދު ސްޓޭޑިއަމް މަރަމާތު ކުރުމުގެ މަސައްކަތް އެންމެ ފަހުން ކޮށްފައި ވަނީ، މިދިޔަ އަހަރު އޭޕްރީލް މަހު ލޮކްޑައުން ކުރުމާ ގުޅިގެން ފުޓްބޯޅައިގެ ހަރަކާތްތައް މެދުކަނޑާލުމުންނެވެ. ސިޓީގެ ސްޓޭޑިއަމް ބޮޑު މަރާމަތެއް ނުކުރާތާ 11 އަހަރު ވެއްޖެ އެވެ. މިދިޔަ ހޫނު މޫސުމުގައި އެކަން ކުރަން ރާވާފައި އޮތް ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެ މަސައްކަތް ކޮށްފައެއް ނުވެ އެވެ.
ގާޑިއޯލާ ބުނީ، 2016 ގައި އޭނާ ސިޓީ އާ ހަވާލުވި ފަހުން ވެސް ސިޓީގެ ދަނޑު އޮތީ އެ އޮތް ގޮތަށް ކަމަށެވެ. އޭނާ ބުނީ ދަނޑުގެ ވިނަގަނޑު ބަލަހައްޓާ މުވައްޒަފުން އެކަމަށް ހައްލެއް ލިބޭތޯ ބުރަކޮށް މަސައްކަތް ކުރާ ކަމަށެވެ. އެހެން ނަމަވެސް ސިޓީގެ ދަނޑުގައި އިންދާފައިވާ ވިނގަނޑު މުޅިން ރަނގަޅު ނުވާތީ އެކަމަށް ހައްލެއް ލިބިފައި ނުވާ ކަމަށް ގާޑިއޯލާ ބުންޏެވެ.
"އަހަރެން އޭރު އެކަން ގަބޫލު ކުރީ އަހަންނަކީ ދަނޑުގެ ވިނގަނޑު ބަލަހައްޓާ މީހަކަށް ނުވާތީ،" ސިޓީގަ ވިނގަނޑު އޮތް ގޮތުން ކަންބޮޑުވުން ފާޅު ކުރަމުން އޭނާ ބުންޏެވެ. "އަހަރެންގެ އެކްސްޕަޓީސް ނެތް އެއްވެސް ދާއިރާއަކުން އަހަރެން ވާހަކައެއް ނުދައްކާނަން. އެހެން ނަމަވެސް ހަގީގަތަކީ ދަނޑުގެ ވިނަ ރަނގަޅެއް ނޫން. އެންމެންނަށް އެކަން އެނގޭނެ. ކޮންމެ ސިޒަނެއް ނިންމާފަ ވެސް އަހަރެމެން މަަސައްކަތް ކުރަން މި ކަމެއް ހައްލެއް ލިބޭތޯ. އެ މަސައްކަތް ކުރާއިރު ވެސް އެނގޭ މޫސުން ބަދަލުވާނެ ކަން. ސަބަބަކީ އިރުގެ އަލިކަމެއް ރަނގަޅަކަށް ނުލިބޭނެ. އޮކްޓޯބަރުން ފެށިގެން މާޗާ ހަމައަށް ވިނަގަނޑު ރަނގަޅަށް އޮވެދާނެ. އިންޖަރީ ކުޑަ ކުރުމަށްޓަކައި އަދި ރަނގަޅު ފުޓްބޯޅައެއް ކުޅުމަށް ވެސް ރަނގަޅު ވިނގަނޑެއް އެބަ ބޭނުންވޭ."
އޭނާ ބުނީ އިނގިރޭސި ވިލާތުގައި މޫސުން އެގޮތަށް އޮންނައިރު ވެސް ލަންޑަންގެ އެމިރޭޓްސް ސްޓޭޑިއަމް އާއި ލިވަޕޫލްގެ އެންފީލްޑް އާއި މެންޗެސްޓާ ގެ އޯލްޑްޓްރަފާޑް ގެ ވިނަގަނޑު ރަނގަޅު ކަމަށެވެ. އަދި ޗެމްޕިއަންސް ލީގްގައި އޭނާގެ ޓމު ކުޅުނު ހަންގޭރީގެ ބުޑަޕެސްޓްގެ ފުސްކަސް އެރީނާގެ ވިނގަޑު އާަދަޔާ ހިލާފަށް ރަނގަޅު ކަމަށެވެ.