ދުނިޔެ

ލަންކާ ދިދަޖެހި ފައިފުހިތަކުގެ މައްސަލަ ބަލަނީ

ޗައިނާގެ ވިޔަފާރިވެެރިން އެމެޒޯންގައި ވިއްކަން ބަހައްޓާފައި ހުރި ލަންކާ ދިދަޖެހި ފައިފުހިތަކެއްގެ މައްސަލަ ވަރަށް ބޮޑުވެއްޖެ އެވެ. ޗައިނާގެ އިދާރާތަކާ ގުޅައިގެން މި މައްސަލަ ބަލަން ސްރީ ލަންކާއިން ވަނީ ޗައިނާގެ ވެރިރަށް ބީޖިން އަދި އެމެރިކާގެ ވެރިރަށް ވޮޝިންގްޓަންގައި ހުންނަ ލަންކާ އެމްބަސީއަށް އަންގާފަ އެވެ.

ލަންކާގެ ފޮރިން ސެކްރެޓަރީ އެޑްމިރަލް ޖަޔަނަތު ކޮލޮމްބޭޖް ވެސް ވަނީ ލަންކާގައި ހުންނަ ޗައިނާ އެމްބަސީގެ ސަމާލު ކަމަށް މި މައްސަލަ ގެންނަވާފަ އެވެ. އަދި ދިދަޖެހި ފައިފުހި އުފެއްދި ބަޔަކާ މަޝްވަރާ ކޮށްގެން ފައިފުހީގައި ދިދަ ޗާޕް ކުރުން ހުއްޓުވައި ދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

ޗައިނާއިން ބުނީ ލަންކާއަށް އެހީތެރިވުމުގައި ދެމި ތިބޭނެ ކަމަށާއި މައްސަލަ ވަރަށް ސީރިއަސް ކަމެއް ގޮތުގައި ބަލައި ފިޔަވަޅުއަޅާނެ ކަމަށެވެ. ލަންކާގައި ހުންނަ ޗައިނާ އެމްބަސީ ޓްވީޓާ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައި ވަނި މައްސަލަ ތަހުގީގު ކުރަން ހުށަހަޅާފައިވާ ކަމަށާއި ގައުމީ ދިދައަށް އިހާނެތިކޮށް ހިތުމަކީ ހިތާމަވެރި ކަމެއް ކަމަށެވެ. އަދި ބުނީ ލަންކާގެ ސަލާމަތާއި ސުލްހަ ދެމެހެއްޓުމަށް އަދި ތިޔާގި ކަމާއި ޝަރަފަށް ޗައިނާއިން ވާގިވެރިވާނެ ކަމަށެވެ.

ލަންކާ ދިދަޖެހި ފައިފުހިތައް ފެނި ރައްޔިތުން ތިބީ ވަރަށް ހިތުގައިޖެހިފަ އެވެ. ގައުމީ ދިދައަށް އިހާނެތިކޮށް ހިތުމަކީ އެއްވެސް ގައުމެއްގެ ބަަޔަކު ބަލައިގަންނާނެ ކަމެއް ނޫނެވެ. ލަންކާއަށް އޯގާތެރިވެ ޓްވީޓާގައި ކޮމެންޓްކުރި މީހުން ބުނަނީ ހިތާމަކުރާ ކަމަށާއި މިކަންކުރި ބަޔަކަށް މާފު ކުރަން ވެސް އުނދަގޫ ކަމަށެވެ.