ދުނިޔެ

"ދަރަނި މެނޭޖް ކުރަން ލަންކާއަށް އެހީވެދޭނަން"

ސްރީ ލަންކާގެ ދަރަނި މެނޭޖްކޮށް އިގުތިސޯދު ކޮޅަށްޖަހަން އެމެރިކާއިން އެހީތެރި ވެދޭނެ ކަމަށް ކޮލޮމްބޯއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު އެލައިނާ ޓެޕްލިޒް ވިދާޅުވެއްޖެ އެވެ. ރިޕޯޓަރުންނަށް އޮންލައިންކޮށް މައުލޫމާތު ދެއްވަމުން އެކަމަނާ ވިދާޅުވީ ލަންކާގެ އިގުތިސޯދު ހަމައަކަށް އެޅުވުމަށް އެމެރިކާއިން އެހީތެރި ވެދެއްވަން ތައްޔާރު ކަމަށެވެ.

އެމްބެސެޑަރު ވިދާޅުވީ އިގްތިސޯދީ ގޮތުން ލަންކާއަށް ކުރިއަށް ދެވޭނެ ގޮތްތަކެއް ހޯއްދަވައި ދެވިދާނެ ކަމަށާއި ލަންކާގެ ހާލަތު ރަނގަޅުވުމަށް އެމެރިކާ ވެސް އެދޭ ކަމަށެވެ.

ލަންކާއިން ގިނަ އަދަދަކަށް މުދާ އެމެރިކާއަށް އެކްސްޕޯޓްކުރެ އެވެ. އެމްބެސެޑަރު ވިދާޅުވި ގޮތުން އިތުރު މާކެޓުތަކުން ފުރުސަތު ހޯދުމުގައި ލަންކާއަށް ފަސޭހަ ކޮށްދެވިދާނެ އެވެ.

ލަންކާއަށް އިގުތިސޯދީ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް މިވަގުތު ފޯރުކޮށް ދެނީ ޗައިނާއިންނެވެ. ލަންކާގައި ޗައިނާގެ ނުފޫޒު ގަދަވުމަކީ އެމެރިކާ އެހާ ރުހޭ ކަމެއް ނޫނެވެ.

އެމްބެސެޑަރު ދެއްކެވި ވާހަކަތަކުގެ ކޮޅު ގޮސް ޖެހެނީ ލަންކާއަށް ވަރަށް ބޮޑަށް ބޭނުުން ޖެހިފައި އޮތް ހާލަތެއްގަ އެވެ. އިގުތިސޯދީ ގޮތުން ގައުމު ބަލިކަށިވެފައި އޮތް ހާލަތުން ފައިދާ ނެގުމަކީ އެމެރިކާއިން ވިސްނާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. މަގުސަދަކީ ޗައިނާގެ ޝާމިލްވުން ކުޑަކުރުމެވެ.

މިކަމާ ގުޅިގެން ލަންކާ ސަރުކާރުން އިޚުތިޔާރު ކުރާނެ މަގެއް ނޭނގެ އެވެ. އެހެން ނަމަވެސް، އެމްބެސެޑަރު ފުރުސަތު ހުޅުވާލެއްވުމުން ލަންކާއަށް އިތުރު ދޮރެއް ހުޅުވުނީ އެވެ.