އަބްދުﷲ ޖިހާދު

ޓީ-ބިލް ގެ އިންޓްރެސްޓް ރޭޓް 4.5 އަށް ދަށްކޮށްފި

Nov 1, 2015

ޓްރެޒަރީ ބިލް ގެ އިންޓްރެސްޓްރޭޓް 4.5 ޕަސެންޓަށް ދައްކޮށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިރޭ އެކަން ރަސްމީކޮށް އިއުލާން ކުރައްވައިފި އެވެ.

މިނިވަން ފަންސާހާ ގުޅުވައިގެން ނެރޭ އާ ނޫޓު ސީރީޒް، "ރަންދިހަ ފަހެއް" ތައާރަފުކޮށް ދެއްވައި މިރޭ ދަރުބާރުގޭގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޖިހާދު ވިދާޅުވީ މި ބަދަލު ގެނައީ މިއަދު ފެށިގެން ކަމަށެވެ.

މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު ވިދާޅުވީ މިއަދުން ފެށިގެން ޓްރެޒަރީ ބިލްގެ އިންޓްރެސްޓް ރޭޓް ވަނީ ވަރަށް ބޮޑުތަން ދަށްކޮށްފައި ކަމަށާއި މިއަދު އެ ބަދަލު ގެނައުމުން އެއީ ގާތްގަނޑަކަށް 50 ޕަސެންޓްގެ ދަށްވުމެއް ކަމަށެވެ. އަދި ވިދާޅުވީ މީގެ ކުރިން ޓްރެޒަރީ ބިލްގެ އިންޓްރެސްޓް ރޭޓް ހުރީ ނުވަ ޕަސެންޓް ގައި ކަމަށާއި ނަމަވެސް މިއަދުން ފެށިގެން އެ ޜޭޓް ބަދަލުވުމާއެކު ވަނީ 4.5 އަށް ދަށް ކުރެވިފައި ކަމަށެވެ.

"މީގެ ސަބަބުން ބޭންކުތަކުން ދޫކުރާ ލޯން ގެ އިންޓްރެސްޓް ކުޑަކުރަން މަޖުބޫރުވެގެންދާނެ. މި ރޭޓް ދަށް ކުރުމުގެ ކުރިން ބޭންކްތަކާއި ވާހަކަ ދައްކާ އެފަރާތްތަކުގެ އެންޑޯސްމެންޓްވެސް ވާނީ ހޯދާފައި. ވީމާ ކައިރި މުސްތަގުބަލެއްގައި ބޭންކްތަކުން ލިބޭ ލޯނުގެ އިންޓްރެސްޓް ރޭޓު ވަރަށް ބޮޑުތަން ދަށް ވެގެންދާނެ، މިއީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަ ކުރަން،"