ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާއި ގުޅުވައިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރޭ ދިވެހި ފައިސާގެ އާ ނޫޓު ސީރީސް "ރަންދިހަ ފަހެއް" މިރޭ ތައާރަފުކޮށްފި އެވެ.
މިރޭ ދަރުބާރުގޭގައި "ރަންދިހަ ފަހެއް"ގެ ނޫޓު ސީރީސް ނެރުނީ ތަފާތު އެކިފަހަރު މަތިން މި ސީރިޒް ނެރުން ފަސް ކުރުމަށްފަހު އެވެ. އާ ނޫޓު ސީރީޒް ނެރެ ދެއްވީ ކުރީގެ ގަވަރުނަރު އަދި މިހާރުގެ ފިނޭސްސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ.
ރަންދިހަ ފަހެއް ނެރުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ކުރިއަށް ގޮސްފައިވަނީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކުގަ އެވެ. މި ރަސްމިއްޔާތައް ދިޔަ މީހުން ދަރުބާރުގެއަށް ވައްދާފައިވަނީ ރަނގަޅަށް ބަލައި ފާސް ކުރުމަށްފަހު އެވެ.
ދިވެހި ފަންނުވެރިއެއް ކަމަށް އަބްދުﷲ ނަޝާތު ކުރަހާފައިވާ މި ފުރިހަމަ ނޫޓުތައް ތައާރަފު ކޮށްދެއްވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ ރަންދިޔަ ފަހެއްގެ ނޫޓުތައް ވަރަށް ފުރިހަމަ ކަމަށެވެ.
"ފައިސާއަކީ ގައުމުގެ އަމިއްލަ ވަންތަކަން ދައްކުވައިދޭ އެއްޗެއް. ރާއްޖޭގައި އެންމެ ކުރިން ފައިސާގެ ގޮތުގައި ގެންގުޅުނީ ބޮލި. ރާއްޖޭގައި އެންމެ ފުރަތަމަ ފައިސާ ޗާޕުކުރީ މީގެ 68 އަހަރު ކުރިން،" ޖިހާދު ވި
ރަންދިހަ ފަހެއްގެ ނަމުގައި ޕޮލިމާ ކަރުދާހުގައި ނެރުނު ޓުތަކަކީ އެންމެ ފެންވަރު ރަނގަޅު ނޫޓުތަކަށް ވުމުގެ އިތުރުން އެ ނޫޓުތަކުގެ ވަގު ކޮޕީއެއް ނުހެދޭނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.
އާ ނޫޓު ސީރީސް ޗާޕްކުރަނީ ދިވެހި ރުފިޔާގެ ނޫޓުތައް 1947 ވަނަ އަހަރުން ފެށިގެން ޕްރިންޓްކުރާ އިނގިރޭސިވިލާތުގެ ޑިލާރޫއިންނެވެ.
މިނިވަން 50އާ ގުޅުވައިގެން "ރަންދިހަ ފަހެއް"ގެ ނަން ދީފައިވާ ސީރީސްގައި ހިމެނެނީ ތަފާތު ކުލަތަކުގައި ނެރޭ 10، 20، 50، 100 500 އަދި އަލަށް ތައާރަފްކުރާ 1000 ރުފިޔާގެ ނޫޓެވެ. މި ސިރީސްގައި 5 ރުފިޔާގެ ނޫޓުގެ ބަދަލުގައި ނެރުމަށް ހަމަޖެހިފައި ވަނީ 5 ރުފިޔާގެ ފައިސާ ފޮއްޗެވެ.
އާ ނޫޓު ސީރީސް ޗާޕްކޮށް ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. މ ނޫޓްތައް ހަދާފައި ވަނީ ދިވެހިންގެ އާދަކާދަ އާއި ދިވެހި ވަންތަކަން ދައްކައިދޭ ނޫޓުތަކެކެވެ. މި ނޫޓްތައް ސާކިއުކޭޝަން އަށް ދާނީ އަންނަނަ ޑިސެމްބަރު މަހުން ފެށިގެނެވެ. (ތަފްސީލް އަންނަނީ)
ނޫޓުގެ ސީރީޒްގެ މޫނުމަތީގެ ތައާރަފު
ރަންދިހަ ފަހެއް ދިވެހި ރުފިޔާގެ އާ ނޫޓް ސީރީޒްއަކީ ސަލާމަތީ ގޮތުން ފުރިހަމަ އިތުބާރާއި ޔަގީންކަން އޮތް ފައިސާއަކަށް ދިވެހި ރުފިޔާ ހެދުމަށް ޒަމަނާއެއް ގޮތަށް ފަރުމާކޮށް ޒަމަނީ ސިފަތައް ހިމަނާފައިވާ ނޫޓް ސީރީޒެކެވެ. ރަންދިހަ ފަހެއްގެ ނަން ނިސްބަތްވަނީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމަށެވެ. މި ނޫޓް ސީރީޒުން ދައްކައިދެނީ ދިވެހިންނާއި ދިވެހި ރާއްޖެ އާއި ދިވެހިންގެ އާދަ ކާދަ އެވެ. މި ނޫޓް ސީރީޒްގައި ބޭނުންކޮށްފައިވާ ކުރެހުންތަކުން ދިވެހި ރާއްޖެ އާއި ދިވެހިންނާއި ދިވެހި ވަންތަކަން ދެނެގަނެވެ އެވެ. ކޮންމެ ނޫޓަކަށް ކަނޑައަޅާފައި ވަނީ ވަކި ވަކި މައުލޫތަކެކެވެ. އަދި ކޮންމެ ނޫޓަކަށް ވަކި ކުލައެއް ދީފައި ވެއެވެ. މިސީރީޒް އެއްކޮށް އަތުރާލުުމުން ވެސް ސިފަކޮށްދެނީ ދިވެހިންނާއި ރާއްޖެ އެވެ.
ދިހަ ރުފިޔާ
މި ނޫޓުގެ މޫނުމަތީގެ މައުލޫއަކީ ސަގާފަތާއި އާދަކާދައާއި ތާރީހެވެ. ދިވެހި ރުކަކީ ރާއްޖޭގެ ގައުމީ ގަހެވެ. ރުކާއި ރުކުގެ ތަފާތު ބައިތައް ބޭނުންކޮށްގެން ދިވެހިންގެ ދިރިއުޅުން ބިނާކޮށްފައިވާ ގޮތަކީ ދިވެހި ތާރީހާއި ސަގާފަތުގެ މުހިންމު ބައެކެވެ. ކެއިން ބުއިމަށާއި ދަތުރުފަތުރު ކުރުމަށް އޮޑިދޯނި ފަހަރު ބަނުމަށާއި ގެދޮރު އެޅުމުގެ އިތުރުން އެތަކެއް ކަމެއް ދިވެހިން ވަނީ ރުކުން ކޮށްފައެވެ. 10ރ. ނޫޓުގެ އަނެއް ފަރާތުގައި ދައްކައި ދެނީ ގަނޑުވަރުގެ ތެރޭގައި ބޭނުން ކުރި ތާރީހީ ބެރެެކެވެ. ބެރަކީ ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މުހިންމު ބައެކެވެ. މި ނޫޓަށް ދީފައިވާ ކުލައަކީ ތާރީހީ ކުރީގެ މަންޒަރުތައް ސިފަ ކުރަން ބޭނުން ކުރާ ކުލަ އެވެ.
ވިހި ރުފިޔާ
މި ނޫޓުގެ މޫނުމަތި ހާއްސަކޮށްފައި ވަނީ އިގްތިސޯދީ ދާއިރާއަށެވެ. ރާއްޖޭގެ ތާރީހަށް ބަލާއިރު މަސްވެރިކަމަކީ އިގްތިސޯދުގެ ލޭނާރެވެ. ދިރިއުޅުމުގެ އެއްބައެވެ. އަދި ދަތުރުފަތުރަކީ އިގްތިސޯދެއް ދެމި ނޯންނާނެ ކަމެކެވެ. މި ނޫޓުނުގެ މޫނުމަތިން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ދައްކުވައިދެ އެވެ. އަދި އެންމެ ފުރަތަމަ ފައިސާގެ ގޮތު ދިވެހިން ބޭނުން ކުރި ބޮލި ދައްކުވައި ދެއެވެ. ނޫޓުގެ އަނެއް ފަރާތުގައި ވަނީ ރިޔަލު ދޯންޏެކެވެ. މި ނޫޓުގެ ކުލައަކީ މުދަލާއި ފައިސާވެރި ކަމާއި އިތްޒަތާއި އިގްތިސޯދު ރަމްޒުކޮށްދޭ ކުލަ އެވެ.
ފަންސާސް ރުފިޔާ
މޫނުމަތީގެ މައުލޫއަކީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހިންގެ އެއްބައިވަންތަ ކަމެވެ. ދިވެހިން ދަރިންނަށް ތައުލީމް ދިނުމާއި އިސްލާމީ ރީތި އުސޫލުތަކެވެ. ދޯނި އެހަލާ ބޭލުމުގެ މަންޒަރުން ދިވެހިންގެ އެއްބައިވަންތަކަން މޫނުމަތިން ރަމްޒުކޮށްދީފައިވާއިރު އަނެއް ފުށުގައި ފެންނަނީ އިސްލާމް ދީން ރަމްޒުކޮށްދޭ ހުކުރު މިސްކިތުގެ މުންނާރެވެ. މި ނޫޓުގެ ކުލަ އަކީ އިސްލާމް ދީނާއި އެއްބައިވަންތަކަމާއި ސުލްހަވެރިކަން ރަމްޒުކޮށްދޭ ކުލަ އެވެ.
ސަތޭކަ ރުފިޔާ
މޫނުމަތީގެ މައުލޫއަކީ ގައުމިއްޔަތާއި ދިވެހި އަކުރެވެ. ދިވެހި ލިބާހުގެ ހިރުގަތުމުގެ މަސައްކަތާއި އެ ހެދުން ބޭނުން ކުރަމުން އައިގޮތާއި ފިރިހެނުންގެ މުންޑާއި ފޮށާގެ ދައްކުވައިދެ އެވެ. އަދި ލޯމާފާނުން ދިވެހިން ތާރީހާއި ސަގަފަތާއި މާޒީގައި ލިޔެ އުޅުނު އަކުރުތައް ދައްކަ އެވެ. މި ނޫޓުގެ ކުލައަކީ ދިވެހި ގައުމިއްޔަތު ރަމްޒު ކުރާ ކުލަ އެވެ.
ފަސް ސަތޭކަ ރުފިޔާ
މި ނޫޓުގައި މައުލޫއަކީ ދިވެހިންގެ މަސައްކަތްތެރި ކަމާއި ހުނަރާއި ފަންނުވެރިކަން ވަޑާމުން ދައްކުވައި ދެ އެވެ. ކަނޑާ ނެގުމާއި ހިރިގަލު މަސައްކަތާއި އިލޮށިމެށުމާއި ފަންގިވިނުމާއ ނާށިފަދަ އެއްޗެހިން ދިވެހިންގެ މަސައްކަތްތެރިކަން ކުރިއރުވި ގޮތް ދައްކުވައި ދެ އެވެ. މި ނޫޓުގެ ކުލައަކީ ދިވެހިންގެ މަސައްކަތްތެރިކަން ރަމްޒުކޮށްދޭ ކުލަ އެވެ.
އެއްހާސް ރުފިޔާ
މި ނޫޓުގެ މައިގަނޑު މައުލޫއަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމެވެ. ކަނޑުފަޅުގެ މުއްސަނދިކަމާއި ދޮންވެލި ގޮނޑުދޮށާއި ގުދުރަތީ ރީތިކަން ދައްކުވައިދޭއިރު ވެލައާ އާއި އެންމަޑީގެ މަގުބޫލުކަން ދައްކުވައިދޭއިރު އަނެއް ފަރާތުގައި ދައްކުވައިދެނީ ރާއްޖެއަކީ އަހަރުގެ ހުރިހާ ދުވަހެއްގައި ފެހުރިހި ފެންނަ ހަމައެކަނި މަންޒިލް ކަމެވެ. މި ނޫޓުގެ ކުލައަކީ ދިވެހި ކަނޑުފަޅުތަކުގެ ރީތި ކަމެވެ.
ސަލާމަތީ ފިޗާސްތައް
ކްލިއާ ވިންޑޯ: މީގެ ކޮންމެ ނޫޓެއްގެ ތެރޭގައި އެއް ފަރާތުން އަނެއް ފަރާތް ފެންނަގޮތަށް ޕްލާސްޓިކް ކްލިއާ ވިންޑޯއެއް ވަނީ ހިމަނާފަ.
ހިޑެން ނަންބާސް: ކްލިއާ ވިންޑޯގެ ތެރެއިން ފެންމަރުކާއެއްގެ ސިފައިގައި ނޫޓުގެ މޫނުމަތީ އަގު ކޮންމެ ނޫޓަކުން ފެންނަހެން ހުރޭ.
މާސްކްޑް ލެޓާ: ނޫޓުގެ އައްޔަށް ދިއްކުރުމުން ކްލިއާ ވިންޑޯގެ މަތީގައިވާ ޑިޒައިނުން MMA ފެންމަރުކާއެއްގެ ސިފައިގައި ފެންނަން ހުރޭ.
އިރިޑިސެންޓް ޕެޓާން: ނޫޓު ދެފަރާތަށް އަރިކުރުމުން މުޅި ނޫޓުގެ މޫނުމަތިން ވިދާ ޑިޒައިނެއް ފެނޭ.
ސްޕާކް އިންކް: މިނޫޓުތަކުގެ ތެރެއިން 100 ރުފިޔާއާއި 500 ރުފިޔާއާއި 1000 ރުފިޔާގެ ނޫޓުތަކުގެ ޑިޒައިންގެ ބައެއް ވިދުމެއް އެކުލެވޭ ދެއްޔަކުން ފެންނަން ހުރޭ. އަދި ނޫޓު ދެފަރާތަށް އަރިކުރުމުން މިބައިގެ ކުލަ ބަދަލުވުމުގެ އިތުރުން މިބައިގައި ފެންނަން ހުންނަ ވައްބުރު އެކި ދިމަދިމާލަށް ބަދަލުވޭ.
ޓެކްސްޓައިލް ޑޮޓްސް: ލޮލަށް ފެނުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ނޫޓުގެ މޫނުމަތީ އަގު ދެނެގަތުމަށް ނޫޓުގައި އަތްލުމުން އުފުލިފައި ހުންނަ ގޮތް އިހްސާސްވާގޮތަށް އެކި ނޫޓުގައި އެކި ޑިޒައިން ހިމަނާފައިވޭ.
ނޫޓުގެ މޫނުމަތިން ކަނާތް ފަރާތުން މަތީގައި ހިމަނާފައިވާ ސީރިއަލް ނަމްބަރު ދިއްލޭ.
ނޫޓުގެ މޫނުމަތިން ޑިޒައިނުގެ ބައެއް ދެ ކުލައަކުން ދިއްލޭ.
ނޫޓުގެ މޫނުމަތިން ގޮޅިއެއްގެ ތެރޭގައި ނޫޓުގެ މޫނުމަތީ އަގު ދިއްލޭ.
ނޫޓުގެ ފަހަތުގައި ކަނާތް ފަރާތުން ތިރީގައި މަތިން ތިރިއަށް ހިމަނާފައިވާ މޫނުމަތީ އަގު ދިއްލޭ.