ހަބަރު

އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އިސްތިއުފާ ދެއްވައިފި

  • އިސްތިއުފާ ދެއްވީ ފިރިކަލުންނާ އެކު ބޭރަށް ދާން
  • ވިދާޅުވީ މަގާމުގައި ގިނަ ހިދުމަތްތަކެއް ކޮށްދެވިއްޖެ ކަމަށް
  • އެމްއެމްއޭގައި އެކަމަނާ 19 އަހަރު ހިދުމަތް ކުރެއްވި

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް އިސްތިއުފާ ދެއްވިކަން ދާދި ދެންމެއަކު އިއުލާނު ކުރައްވައިިފި އެވެ. އެކަމަނާ އެކަން އިއުލާން ކުރެއްވީ އެމްއެމްއޭގައި ދާދި ދެންމެއަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އެމްއެމްއޭގައި މިހާރު ކުރިއަށްދާ ނިއުސް ކޮންފަރެންސެއްގައި ޑރ. އަޒީމާ ވިދާޅުވީ ގަވަރުނަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި އެކަމަނާ މަގާމުން އިސްތިއުފާ ދެއްވީ ފިރިކަލުން، އަލީ ނަސީރާ އެކު ބޭރަށް ދިރިއުޅުން ބަދަލު ކުރުމަށް ކަމަށެވެ. އެކަމަނާގެ ފިރިކަލުން އަލީ ނަސީރު ވަނީ އދ ގައި ހުންނަވާ ރާއްޖޭގެ ހާއްސަ މަންދޫބު ކަމަށް ދާދި ފަހުން ހަމަޖައްސަވައިފަ އެވެ. އަދި އެމަނިކުފާނު ވަނީ މިދިޔަ މަހު އެ މަގާމާ ހަވާލުވެ ވަޑައިގެން، ނިއު ޔޯކް އަށް ދިރިއުޅުން ބަދަލު ކުރައްވައިފަ އެވެ.

"ގަވަރުނަރު ކަމުގައި މަގާމުން އަޅުގަނޑު އިސްތިއުފާ ދޭން ނިންމި ސަބަބަކީ އަޅުގަނޑުގެ ފިރިމީހާ [އަލީ ނަސީރު] ޔޫއެންގައި ހުންނަ ރާއްޖޭގެ ދާއިމީ މަންދޫބުކަމުގެ ކަމުގެ މަގާމަށާއި އެމެރިކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމަށް ހަމަޖެހުމާ ގުޅިގެން އަޅުގަނޑުގެ އާއިލާ ދިރިއުޅުން ނިއުކޯކަށް ބަދަލުވެފައި ވާތީ. އެންމެ ރަނގަޅު ގޮތެއް ކަމަށް އަޅުގަނޑަށް ބެލެވޭތީ،" އަޒީމާ ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ އުމުރުން 19 އަހަރުން ފެށިގެން އެމްއެމްއޭގައި މަސައްކަތް ކުރަމުން ދިޔައިރު، އެންމެ އަދާކުރާ ހިތްވި ވަޒީފާއަކީ ގަވަރުނަރުކަމުގެ މަގާމު ކަމަށެވެ.

"މި ވަޒީފާއަކީ އެންމެ ޝަރަފުވެރި އެންމެ ހިތްހަމަ ޖެހުން ލިބުނު ވަޒީފާ. ވަޒީފާއިން ވަކިވެގެން މިދަނީ އެމްއެމްއޭ އާއި ދިވެހި ސަރުކާރަށާއި ދިވެހި ދައުލަތަށް އަދި ދިވެހި ރައްޔިތުންނަށް ކިތަންމެ ކުޑަ ނަމަވެސް ހިދުމަތެއް ކޮށްދޭ ފައިދާއެއް ހޯދައި ދެވުނު ކަމުގެ އުފަލުގައި. އުފާވެރި އިހުސާސްތަކާއެކު،" ގަވަރުނަރު ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ މަގާމުން ދުރަށް ވަޑައިގަންނަވަނީ އުފަލާއި އެކުގައި ކަމަށާއި ރާއްޖޭގެ މަރުކަޒީ ބޭންކަށް ގިނަ ހިދުމަތްތަކެއް ކޮށްދިނުމުގެ އުފާ އެކަމަނާ އަށް ލިބިވަޑައިގަންނަވާ ކަމަށެވެ.

"ހަރުދަނާ މަނިޓަރީ ޕޮލިސީއެއް އެކުލަވާލެވި ފޮރިން އެކްސްޗޭންޖު މާކެޓުގެ ހަމަޖެހުން ގެނުވައި ރުފިޔާގެ އަގު ހިފެހެއްޓިފައިވާ ކަމުގެ ހަމަޖެހުން. ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރަކަށް ހަމަޖެހުން ގެނެސް ދެވުނުކަމުގެ ހިތްހަމަ ޖެހުން. މާލީ ނިޒާމުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި މާލީ ނިޒާމަށް އިތުރަށް ހަރުދަނާ ކުރެވިފައިވާ ކަމުގެ ހަމަޖެހުން. ފައިނޭންޝަލް އިންކްލޫޝަން ޕްރޮގްރާމްތައް ހިންގުމުގެ ހިތްހަމަ ޖެހުން. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކްރެޑިޓް ގެރެންޓީ ސްކީމެއް ތައާރަފު ކުރުމުގެ ހިތްހަމަ ޖެހުން،" ގަވަރުނަރު ވިދާޅުވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އަޒީމާ ވިދާޅުވީ ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދަން އޮންނަ ނިޒާމަކީ ދެމެހެއްޓެނިވި ނިޒާމަކަށް ބަދަލުކުރެވުމުގެ ހިތްހަމަޖެހުން ވެސް އެބައޮތް ކަމަށެވެ.

"ގެދޮރުގެ ދަތިކަން އިންތިހާއަށް ބޭނުންވެފައިވާ މީހުންނަށް އަތްފޯރާ ފަށަށް އިންޓަރެސްޓޭޓް ތިރިކޮށް އެފޯޑަބަލް ރޭޓަކަށް ތިރި ކުރެވުމުގެ ހިތްހަމަ ޖެހުން. ރަންދިޔަ ފަހެއްގެ ނޫޓާއި މިނިވަން ފަންސާސް ފާހަގަ ކުރުމަށް ފަސްހާސް ރުފިޔާގެ އާ ނޫޓެއް ނެރުމުގެ ފަހުރާއި ޝަރަފު ލިބިފައިވޭ. މިކަންކަން ކުރެވުނީ އެމްއެމްއޭގެ ހީވާގި މުވައްޒަފުންނާއި ބޯޑު އަދި އެގްޒެކެޓިވް ކޮމެޓީގެ އެއްބާރުލުމާއެކު. ބޭންކްތަކާއި މާލީ ދާއިރާގެ އިސްވެރިންނަށް ޝުކުރު ދަންވަނަން،" އަޒީމާ ވިދާޅުވި އެވެ.

އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމަށް އަޒީމާ ހަމަޖެއްސީ އޭރު ގަވަރުނަރަކަށް ހުންނެވި ފަޒީލް ނަޖީބު 31 ޑިސެމްބަރު 2013 ގައި މަގާމުން އިސްތިއުފާ ދެއްވުމުން އެވެ. އަޒީމާ އަކީ އިކޮނޮމިކްސްގެ ދާއިރާއިން މަތީ ތައުލީމު ހާލިސް ކުރެއްވުމަށް ފަހު އެމްއެމްއޭގައި ގިނަ ދުވަހު ހިދުމަތްކޮށް އެ ތަނުގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ބޭކަނބަލެކެވެ.