އަޒީމާ އާދަމް

"ރާއްޖޭން ބޭރަށް ގޮސް ފިލާކަށް ނޫޅެން"

ހިޔާނާތްތެރިވުމަށްފަހު އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ރާއްޖެއިން ބޭރަށް ވަޑައިގެން ފިއްލަވަން މަސައްކަތްކުރަމުންދާ ކަމަށް ބުނެ އިދިކޮޅު އިއްތިހާދުން ކޮށްފައިވާ ތުހުމަތައް އެކަމަނާ ދޮގު ކުރައްވައިފި އެވެ.

އަވަސް އަށް މިއަދު ދެއްވި އިންޓަވިއު އެއްގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު ވިދާޅުވީ، އެކަމަނާ ފިއްލަވަން މަސައްކަތް ނުކުރައްވާ ކަމަށާއި ފިއްލަވަން ނުވެސްޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެކަމަނާ ހުންނެވީ ދިވެހިރާއްޖޭގެ ގަވަރުނަރުގެ ގޮތުގައި ގައުމަށް ހިދުމަތްކުރުން މަތީ ކަމަށެވެ.

"އަޅުގަނޑު ފިލާކަށް ނޫޅެން، ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަކުރުމުގެ ވިސްނުމެއް ވެސް ނެތް،" އަޒީމާ ވިދާޅުވި އެވެ.

އެކަމަނާ ފިއްލަވަން އުޅުއްވާ ކަމަށް އިދިކޮޅު އިއްތިހާދުން ތުހުމަތުކުރީ، ރާއްޖޭގެ ފަރާތުން އދ. އަށް ކަނޑައަޅުއްވަފައި ހުންނަ ދާއިމީ މަންދޫބު ކަމަށާއި އެމެރިކާ އަދި ކެނެޑާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ކަމަށް ފޮރިން ސެކެޓްރީ ޑރ. އަލީ ނަސީރު ބަދަލު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާތީ އެވެ. ޑރ. އަލީ ނަސީރަކީ ގަވަރުނަރު އަޒީމާގެ ފިރިކަލުންނެވެ.

އަލީ ނަސީރު ރާއްޖެއިން ބޭރުގެ ވަޒީފާއަކަށް ހަމަޖެއްސަވާފައިވަނީ ދައުލަތުން ވައްކަން ކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތަކަށް މަގުފަހިކޮށްދިން ފަރާތްތައް ރާއްޖެއިން ފިއްލެވުމުގެ ފުރުސަތު ހޯދައިދޭން ކަމަށް އިދިކޮޅު އިއްތިހާދުން ވަނީ ތުހުމަތުކޮށްފަ އެވެ.

އަޒީމާ ވިދާޅުވީ، އަލީ ނަސީރަށް އަދި ރާއްޖެއިން ބޭރުން ވަޒީފާ ހަމަޖެހިފައިނުވާ ކަމަށާއި އެކަމަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވީ ކަމަށެވެ. މަޖިލީހުން އަލީ ނަސީރަށް ރުހުން ލިބުނު ނަމަވެސް އެ ވަޒީފާއަށް ވަޑައިގަންނަވާނީ އަންނަ އަހަރު ކަމަށް ވެސް އަޒީމާ ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދުން ވަނީ އަޒީމާ މަނީ ލޯންޑަރިން ފަދަ ބޮޑެތި ޖިނާއީ ކުށްތަކަށް އަރައިގެންފައި ކަމަށް ބުނެފަ އެވެ. އަޒީމާ ވަނީ އެފަދަ އެއްވެސް ކަމެއް އެކަމަނާ ކުރައްވާފައިނުވާނެ ކަމަށް ވިދާޅުވެފަ އެވެ. މީގެކުރިން އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެންވެސް އެކަމަނާގެ ވަނީ އެފަދަ ކަމެއްގައި އެކަމަނާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.