- އެކަމަކު ވަޒީފާތަކަށް ދިވެހިން އުފައްދައިގެން
- މީހުން ބިނާ ނުކުރާނަމަ ބިދޭސީން އިތުރުވާނެ
- ފައިސާ ބޭރުވުން ވެސް މިހާރަށްވުރެ އިތުރުވާނެ
އަންނަ އަހަރު ހިންގަން ދައުލަތުގެ ބަޖެޓްގައި ކަނޑައަޅާފައިވާ ތަރައްގީގެ މަޝްރޫއުތަކުން އިގްތިސޯދަށް ފައިދާވެ ވަޒީފާތައް އިތުރުވެގެންދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށް އެ ލަފާ ރައްޔިތުންގެ މަޖިލީހަށް ދީފި އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ލިޔުމުން ހުށަހެޅި ލަފާގައި ބުނެފައިވާ ގޮތުގައި އަންނަ އަހަރު ހިންގަން ސަރުކާރުން ގަސްތުކޮށްފައިވާ ތަރައްގީގެ މަޝްރޫއުތަކުން އިގްތިސޯދުގެ އެކި ދާއިރާތަކަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ފައިދާ އާއި މަންފާ ލިބޭނެ އެވެ. އަދި އެ މަޝްރޫއުތަކުގެ ސަބަބުން ރައްޔިތުންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއް ވެސް ހުޅުވިގެންދާނެ އެވެ.
ނަމަވެސް އެ މަޝްރޫއުތަކުން އުފެދޭ ވަޒީފާތައް އަދާ ކުރަން ބޭނުންވާ ހުނަރާއި ގާބިލްކަން ލިބިފައިވާ ދިވެހިން އުފެއްދުމަށް އެކަށީގެންވާ ވަރަށް އިންވެސްޓް ނުކޮށްފި ނަމަ، އެ ވަޒީފާތައް އަދާ ކުރަން ބިދޭސީން ގެންނަން ޖެހޭނެ ކަމަށާއި އޭގެ ސަބަބުން ރާއްޖެއިން ބޭރުވާ ފައިސާ މިހާރަށް ވުރެ ބޮޑަށް އިތުރުވެގެން ދާނެ ކަމަށްވެސް އެމްއެމްއޭގެ ލަފާގައި ވެއެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގައި ތަރައްގީގެ ބޮޑު 16 މަޝްރޫއުއެއް ހިމަނާފައި ވެއެވެ. އޭގެ ތެރޭގައި ހަތަރު ރަށެއްގައި ބިން ހިއްކައިގެން އެއާޕޯޓު އެޅުން ހިމެނެ އެވެ. އަދި ނޭޝަނަލް ޑައިގްނޯސިސް ސާވިސް ސެންޓަރެއް އެޅުމާ، ކިންގު ސަލްމާން މިސްކިތް އިމާރާތް ކުރުމާއި ކޮމާޝަލް ބޭނުމަށް 10 ހެކްޓަރަށް ވުރެ ބޮޑު 20 ފަޅު ހިއްކުން ހިމެނެ އެވެ.
2017 ބަޖެޓު ކުރުކޮށް
- ބަޖެޓް 26 ބިިލިއަން ރުފިޔާ
- އާމްދަނީ 21 ބިލިއަން ރުފިޔާ
- ދަރަނި 303 މިިލިއަން ރުފިޔާ
- އަރަނި 1.1 ބިލިއަން ރުފިޔާ
ދައުލަތުން އަންނަ އަހަރަށް ލަފާކޮށްފައިވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ ވަނީ 21.9 ބިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި ހިމެނެނީ ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ 14.1 ބިލިއަން ރުފިޔާ އާއި ޓެކްސްނޫން ގޮތް ގޮތުން ލިބޭނެ ކަމަށް ބެލެވޭ 4.8 ބިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 878 މިލިއަން ރުފިޔާ އެވެ. އަދި އާމްދަނީ އިތުރު ކުރަން ހުށަހެޅު ކަންކަމުން ލިބޭނެ ކަމަށް ބެލެވޭ ދެ ބިލިއަން ރުފިޔާ އެވެ.