އަޒީމާ އާދަމް

ގަވަރުނަރު ހާޒިރުކުރި ކޮމެޓީ ސިއްރުކޮށްފި

Nov 15, 2015

އަންނަ އަހަރަށް ލާފާކޮށްފައިވާ ދައުލަތުގެ ބަޖެޓަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު ޑރ. އަޒީމާ އާދަމްގެ ޕްރޮފެޝަނަލް އޮޕީނިއަން ހޯދަން ބަޖެޓް ކޮމެޓީއަށް އެކަމަނާ ހާޒިރު ކުރި ބައްދަލުވުން ސިއްރުކޮށްފި އެވެ.

މިއަދު 2:15 ގައި ފެށި ބައްދަލުވުން ސިއްރު ކުރީ ގައުމީ ސަލާމަތަށްޓަކައި ބައްދަލުވުން ސިއްރު ކުރަންޖެހޭ ކަމަށް ވިދާޅުވެ، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ހުށަހެޅުމަކާ ގުޅިގެން ވޯޓަށް އަހައި ފާސްކޮނެވެ.

އަހުމަދު ސަލީމްގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ. އެމްޑީޕީ އަދި ޖޭޕީން ބޭނުންވީ ބައްދަލުވުން މީޑިއާގެ ހާޒިރުގައި ހުވާލައިގެން ކުރިއަށް ގެންދާށެވެ. އެ ބޭފުޅުން ވިދާޅުވީ ގައުމީ ސަލާމަތަށްޓަކައި ސިއްރު ކުރަންޖެހޭ މައުލޫމާތެއް ނަމަ އެކަމަނާ ވިދާޅުވުމުން ކޮމެޓީ ސިއްރު ކުރެވިދާނެ ކަމަށެވެ.

ބައްދަލުވުން ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށް ގެންދަން ފާސްކުރީ ކޮމިޓީއަށް ހާޒިރުވި ޕީޕީއެމް މެންބަރުންގެ 11 ވޯޓުންނެވެ.

މިއަދުގެ ބައްދަލުވުމުގައި ދައުލަތުގެ އާމްދަނީ އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ގަވަރުނަރު އަޒީމާއާ މަޝްވަރާކޮށް ސުވާލުކުރަން ވަނީ ނިންމާފަ އެވެ.