ހަބަރު

"ދިރާގު ޕޭ" ގެ ނަމުގައި މޯބައިލް މަނީ ތައާރަފު ކުރަނީ

"ދިރާގު ޕޭ" ގެ ނަމުގައި މޯބައިލް މަނީ ހިދުމަތް ތައާރަފު ކުރަން ދިރާގުން ތައްޔާރުވެއްޖެ އެވެ.

ދިރާގުގެ މާކެޓިން މެނޭޖާ މާކެޓިން، ކޮމިއުނިކޭޝަންސް އެންޑް ޕީއާރް މިރުޝާން ހަސަން މިއަދު ވިދާޅުވީ މޯބައިލް މަނީގެ ހިދުމަތް ދިނުމުގެ ލައިސަންސް މިހާރު އެކުންފުންޏަށް ލިބިފައިވާ ކަމަށާއި އެ ހިދުމަތް ވީހާ ވެސް އަވަހާ ފެށުމަށް ދިރާގުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މޯބައިލް މަނީގެ ހިދުމަތް ދިނުމުގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނާ އަޒީމާ އާދަމް ދިރާގާ ހަވާލު ކޮށްދެއްވީ މިހާރު ކުރިއަށްދާ ފައިނޭޝަލް އެކްސްޕޯގެ ތެރޭގަ އެވެ. ދިރާގުގެ ފަރާތުން ލައިސަންސްއާ ހަވާލުވެވަޑައިގެންނެވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްްޓަރު އިސްމާއީލް ރަޝީދެވެ.

މިރުޝާން ވިދާޅުވީ މިއީ ދިރާގުން ދެމުން އަންނަ ހިދުމަތްތަކަށް އިތުރުވެގެންދާ ބޮޅެއް ކަމަށާއި މިއީ ރައްޔިތުންްނަށް ވީހާވެސް ލުއިކޮށް "ކޭޝްލެސް" މުއާމަލާތްތައް ކުރުމުގެ މަގުފަހިކޮށްދިނުން ކަމަށެވެ.

"ވީހާ ވެސް އަވަހަކަށް މި ހިދުމަތް ފަށަން އަޅުގަނޑުމެން މި މައްސަކަތް ކުރަނީ. މާ ލަސްތަކެއް ނުވެ ފެށޭނެ،" މިރުޝާން ވިދާޅުވިއެވެ.

ދިރާގު ޕޭގެ ހިދުމަތް ފެށުމުން ލިބޭނެ ފަސޭހަ ތަކުގެ ނަމޫނާއެއް އެ ކުންފުނިން ވަނީ މިހާރު ކުރިއަށްދާ ފައިނޭޝަލް އެކްސްޕޯގައި ދައްކާލާފަ އެވެ. އެހިދުމަތުން ކުރެވޭ ކަންކަމުގެ ތެރޭގައި އެކަކު އަނެކަކަށް ފައިސާ ފޮނުވުމާއި ދިރާގުގެ ބިލުތަައް ދެއްކުމާއި އެ ހިދުމަތް ގާއިމްކުރާ ފިހާރަތަކުން ވިޔަފާރި ކުރުން ހިމެނެ އެވެ. ކަސްޓަމަރުންނަށް ވީހާވެސް ފަސޭހަވާނެހެން ތައާރަފް ކުރާ އެ ހިދުމަތް ސްމާޓް ފޯނު ނުގެންގުޅޭ މީހުންނަށް ވެސް ބޭނުން ކުރެވޭނެ ގޮތަކަށް ފަރުމާ ކުރާނެ ކަމަށް ދިރާގުން ބުންޏެވެ.