ފައިޒާއަކީ ކުރިން ގިނަ ބަޔަކު ދަންނަ ނަމެވެ. މިހާރު އެންމެން ދަސްކޮށްފި އެވެ. ކޮވިޑާ ގުޅިގެން ފައިޒާ މިވަނީ އަދި ވަކިން ބޮޑަށް މަޝްހޫރުވެ ގެވެހި ނަމަކަށް ވެސް ވެފަ އެވެ. ދެން އޮތް ވާހަކަ އަކީ އެކުންފުނީގެ ސީއީއޯ، އަލްބާޓް ބޫލާއަށް ލިބޭ މުސާރަ އެވެ. އޭނާ އަށް ފާއިތުވި 2020 ގައި 21.03 މިލިއަން ޑޮލަރު ފައިޒާއިން ވަނީ ދީފަ އެވެ.
ފައިޒާއިން މިއަހަރު ކޮވިޑް ވެކްސިން ވިއްކައިގެން 15 ބިލިއަން ޑޮލަރު ހޯދާނެ އެވެ. މިއި އަދި އަންދާޒާ އެކެވެ. ބެލެވެނީ މިއަދު އަދި މިއަށް ވުރެ ވެސް އިތުރުވާނެ ކަމަށެވެ. މިއީ އަދި ހަމައެކަނި ކޮވިޑް ވެކްސިނުން ކުންފުންޏަށް ލިބޭ އާމްދަނީއަށް ވާއިރު ފައިޒާ ބްރޭންޑް ނަމުގައި މުޅި ދުނިޔޭގައި ވިއްކާ ބޭސް ފަރުވާއަށް ކުންފުންޏަށް ފައިސާ އޮހެމުން ދާނެ އެވެ.
ފައިޒާއަށް ކުރިމަގު ތަނަވަސް ކުރުމާއި ވިޔަފާރި ފުރުސަތުތައް ހޯދުމުގައި އަނގަބަހުން އަދި ލިޔެކިޔުމުން ކުރަން ޖެހޭ ހުރިހާކަމެއް ފެށިގެން އަންނަނީ ކުންފުނީގެ ސިއީއޯގެ ކިބަައިންނެވެ. ކޮވިޑަށް ވެކްސިން އުފެއްދުމުގައި ޖަރުމަންގެ ބަޔޮންޓެކްއާ ގުޅިގެން ވެކްސިންގެ އަޖުމަބެލުމަށް ފިޔަވަހިތައް ހިންގެވުމާއި ޓިވީ އިންޓަވިއުތައް ދެއްވުމުގައި އަލްބާޓް ބޫލާ ވަރަށް އަވަދިނެތި އުޅުއްވިކަން ވަނީ ފާހަގަ ކުރެވިފަ އެވެ.
ދުނިޔެ ކޮވިޑްގައި ޖެހި ތެޅިފޮޅިގަތުމާއެކު ފައިޒާއިން އަވަސްވެގަތީ ވިޔަފާރީގައި އެމީހުން ކުރާ މަސައްކަތާއިގެންނެވެ. ކޮވިޑަށް ވެކްސިނެއް އުފެއްދުމުގައި ކާމިޔާބުު ކުރެވިދާނެ ހުރިހާ ހިސާބުކިތާބެއް ސީއީއޯ ވަނީ ހައްދަވާފަ އެވެ. އެހެންކަމުން އާދައިގެ މީހެއްގެ ހެއަށް ގޮތްވާވަރުގެ މުސާރައެއް އޭނާއަށް ހައްގުވީ އެވެ.
ފައިޒާއިން މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދީފައި ވަނީ އެމެރިކާއާ އިނގިރޭސިވިލާތް އަދި ޔޫރަޕް ގައުމުތަކަށް ވެކްސިން ސަޕްލައި ކުރުމަށެވެ. ފައިޒާއާ-ބަޔޮންޓެކްއިން އުންމީދު ކުރަނީ މި އަހަރު ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ދެ ބިލިއަން ވެކްސިން އުފެއްދުމަށެވެ.
އަލްބާޓް ބޫލާއަށް ސީއިއޯގެ މަގާމު ލިބިވަޑައިގަތީ 2019 ގެ ކުރީކޮޅު އެވެ. އެ އަހަރު މުސާރައިގެ ގޮތުގައި 19.7 މިލިއަން ޑޮލަރު އޭނާއަށް ލިބިވަޑައިގަތެވެ.
ޖޯންސަން އެންޑް ޖޯންސަންގް ސިއީއޯ އެލެކްސް ގޯސްކީއަށް މިދިއަ އަހަރު 30 މިލިއަން ޑޮަލަރު ލިބިވަޑައިގަތެވެ. އެލީ ލިލީގެ ސިއީއޯއަ ޑޭވިޑް ރިކްއަށް 23.7 މިލިއަން، އަދި އެސްޓްރަޒެނެކާގެ ސިއީއޯ ޕާސްކަލް ސޯރިއޯއަށް 21.5 މިލިއަން އެވެ.